ކަހްފި ސޫރަތުގެ މާނައާ ތަފްސީރުން 2- ސުވަރުގެ ލިބޭނެ މީހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 30ސ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރުން 2-  ސުވަރުގެ ލިބޭނެ މީހުން

(أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ  يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴿٣١﴾ )

(أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ ) މިތަނުގައި އިޝާރާތް ކުރައްވާފައިވަނީ އީމާންވެ ހެޔޮޢަމަލުކުރާ މީހުންނަށް.

(جَنَّاتُ) މިއީ (جَنَّةُ  )ގެ ޖަމްޢު އެވެ. އެއީ މާތް ﷲ އެކަލާންގެ ތަގްވާވެރި އަޅުންނަށްޓަކައި ތައްޔާރު ކުރައްވާފައިވާ ރަޙްމަތުގެ ގޯތިއެވެ. އެތަނުގައި ލޮލަށް ފެނިފައިނުވާ، ކަންފަތުން އަޑު އަހާފައިނުވާ، ހިތަށް ތަޞައްވުރުކޮށްލެވިފައިނުވާ ފަދަ މަތިވެރި ނިޢްމަތްތައްވެއެވެ. 

މިތަނުގައި ޖަމްޢުގެ ޞީޣާގައި ގެންނަވާފައިވުމުގެ ޙިކްމަތަކީ އެކިވައްތަރުގެ ބަގީޗާތައް މުއުމިނުންނަށް ޓަކައި ސުވަރުގޭގައިވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( جَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا)  މާނައަކީ: "ރިހީގެ ދެ ބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ. އަދި ރަނުގެ ދެބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ." 

މިކަމަށް އިޝާރާތް ކުރައްވާ ސޫރަތުއް ރަޙްމާންގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ﴿٤٦﴾ ) މާނައަކީ: "އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ހުށްޓެވެ."

ދެން އެއަށްފަހު އެދެސުވަރުގޭގައިވާ ބަގީޗާތަކުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ރަޙްމާންގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمِن دُونِهِمَا جَنَّتَانِ ﴿٦٢﴾ ) މާނައަކީ: " އަދި އެ ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ފިޔަވައި ދެސުވަރުގެ ނުވަތަ ދެބަގީޗާވެއެވެ."

ފަހެ އެބައިމީހުންނަށް ވަނީ ބަގީޗާތަކެކެވެ. މުއުމިނުންކުރެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްހުރި ޖަޒާކަމުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައި މިވާ ބަގީޗާތަކަކީ ވަރަށް މަތިވެރިވެގެންވާ މަންޒިލުތަކެކެވެ. އެތަންތަން ތައްޔާރުކުރެވިފައިވާވަނީ މުއުމިނު ތަޤްވާވެރި މީހުންނަށެވެ. އެތަނުގައިވަނީ ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށް އަރާފައިވެސް ނުވާފަދަ ނިޢުމަތްތަކެކެވެ. މިދުނިޔޭގައި ހުރި އިންސާނަކަށް އާޚިރަތުގެ ނިޢުމަތްތައް ތަޞައްވަރުކޮށްލުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ ތަޞައްވަރުކޮށްލެވޭ ވަރަށްވުރެމެސް މާ މަތިވެރިތަނެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. (لَيْسَ فِي الْجَنَّةِ مِمَّا فِي الدُّنْيَا إِلَّا الْأَسْمَاءَ) މާނައަކީ: " ދުނިޔޭގައިވާ ތަކެތިން ކުރެ ހަމައެއްވެސް އެއްޗެއް ސުވަރުގެއަކު ނުވެއެވެ. އެތަނުގައި ބޭނުންކުރެވޭ ނަންތައް ފިޔަވައެވެ."

ނަމުގެ ގޮތުން އެކައްޗެއްނަމަވެސް، އޭގެ ޙަގީގަތް ވަރަށް ތަފާތުވާނެއެވެ. 

( جَنَّاتُ عَدْنٍ ) 

"އަލްޢަދްން" އަކީ ތަނެއްގައި ޤާއިމުވެ ތިބެ އެތަނުން ނުދިޔުމެވެ. ސުވަރުގޭގެ ނިޢުމަތުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެތަނުގެ އަހުލުވެރިން އެތަނުގައިވާ ނިޢުމަތްތައް ދޫކޮށްފައިވާ ދިޔުމަށް ނޭދޭނެ ކަމެވެ. އެހެނީ އޭނާއަށް ވުރެ ފުރިހަމަ ޙާލެއްގައި އެހެން މީހަކު އުޅޭތަނެއް އޭނާއަކަށް ނުފެންނާނެއެވެ. އަދި އޭނާއަށް ވުރެ މަތީގައި އަދި ފުރިހަމަކަމެއްގައި އުޅޭ މީހަކަށްވުރެ އޭނާ ނިކަމެތިކަމެއް އިޙުސާސެއް ނުވާނެއެވެ. ސޫރަތުލް ކަހްފްގެ 108 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨﴾  ) މާނައަކީ: " އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ حال ގައެވެ."

މިސަބަބަށް ޓަކައި މިސުވަރުގެ ތަކަށް ﷲ ނަންދެއްވާފައިވަނީ ( جَنَّاتُ عَدْنٍ ) ގެ ނަމުންނެވެ.

( تَجْرِي مِن تَحْتِهِمُ الْأَنْهَارُ  ) މާނައީ: "އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ."

ޢިލްމުވެރިން ވިދާޅުވެއެވެ. އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން ހިނގަހިނގާ ހުންނާނެއެވެ… މިތަނުގައި ﷲ ތަޢާލާ އިޖުމާލީ ގޮތެއްގައި ބަޔާންކުރެއްވި ކަންކަން ތަފްޞީލީ ގޮތެއްގައި محمد ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވިއެވެ. (مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾  ) މާނައަކީ: " تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟" 

ބައެއް އަޘަރުތަކުގައި އައިސްފައިވާ ގޮތުން ސުވަރުގޭގެ މިކޯރުތައް ހިނގަހިނގަ ހުންނަނީ ވަޅުގަނޑެއް ނެތިއެވެ. އޭގެ މާނައަކީ އެ ހިނގަހިނގާ ހުންނަނީ ސީދާ ބިންމަތީގައެވެ. އަދި އިންސާނާ ބޭނުން ދިމާއަކަށް އެދެއެވެ. އަދި ފެންގަނޑު އެކިފަރާތްފަރާތަށް ގޮސްދާނެތީ ވަކި ބިނާއެއް ނުވަތަ ވަޅުގަނޑެއް އެއަށް ބޭނުންނުވެއެވެ.

( يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ ) "އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ."

(وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ ) " އަދި ފެހިކުލައިގެ سُندُس އާއި إستَبرَق (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ."

މިތަނުގައި " ފެހިކުލައިގެ سُندُس" ފެހިކުލަ ޚާއްޞަ ކުރައްވާފައި ވުމުގެ ޙިކްމަތަކީ އެއީ ލޮލަށް އެންމެ ފަސޭހަކުލަކަމަށްވާތީވެއެވެ. ހަމައެއާއި އެކު އެއީ ރީތި ކުލައަކަށްވާތީވެއެވެ. 

(مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ  ) "އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ حال ގައެވެ." މިއިން ދޭހަވަނީ އެމީހުން ސުވަރުގޭގައި އުޅޭލެއް އަރާމު ކަމެވެ.

(نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا  ) "(އެއުރެންނަށްހުރި) ثواب ގެ މޮޅުކަމާއެވެ! އަދި (އެއުރެން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!"

ސޫރަތުލް ފުރްގާންގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ﴿٢٤﴾  ) މާނައަކީ: " އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން