އުއްމުލް މުއުމިނީން އުއްމުޙަބީބާ 1: ފުރިހަމަ ބާރާއެކު އިސްލާމްދީނުގެ ނޫރު އިސްލާމްދީނާ އެންމެ ދެކޮޅުވެރިވި އަބޫސުފްޔާނުގެ ގެކޮޅަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 9ސ
އުއްމުލް މުއުމިނީން އުއްމުޙަބީބާ 1: ފުރިހަމަ ބާރާއެކު އިސްލާމްދީނުގެ ނޫރު އިސްލާމްދީނާ އެންމެ ދެކޮޅުވެރިވި އަބޫސުފްޔާނުގެ ގެކޮޅަށް!

ޢަލީ އިޙްސާން ފިރާޤު 

ނަންފުޅާއި ނަސަބުފުޅު

އުއްމުލް މުއުމިނީން އުއްމުޙަބީބާ އަކީ ޤުރައިޝްވަންހައިގެ ޤަދަރުވެރި ދަރިކޮޅެއްކަމުގައިވާ އުމައްޔަތު ވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާ އުފަންވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ސަތާރަ އަހަރު ކުރިން މާތްވެގެންވާ މައްކާގައެވެ. އެކަމަނާގެ އަސްލު ނަންފުޅަކީ ރަމްލާއެވެ.

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ ބައްޕާފުޅަކީ، އަބޫސުފްޔާނު ބުނު ޙަރްބުއެވެ. އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ގެ ބައްޕާފުޅު އަބޫސުފްޔާނަކީ، މައްކާގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނުފޫޒު ގަދަ ލީޑަރެކެވެ. އުމައްޔަތުވަންހައިގެ ރައީސްއެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަފިއްޔާ ބިންތު އަބުލްޢާޞްއެވެ. އަމީރުލް މުއުމިނީން ޢުޘްމާނު ބުނު ޢައްފާން ރަޟިޔަﷲ ޢަންހުގެ ބައްޕާފުޅާއި، އުއްމުޙަބީބަތުގެފާނުގެ މައިކަނބަލުން ޞަފިއްޔާއަކީ އެއްކިހުނުފަން ދެބޭފުޅުންނެވެ. އުއްމުޙަބީބަތުގެފާނާއި، ޢުޘްމާނުގެފާނަކީ ދެބެއިންގެ ދެދަރި ބޭފުޅުންނެވެ.

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ އެއްބަނޑު އެއްބައްޕާފުޅު ތިއްބެވީ ދެބޭފުޅުންނެވެ. އެއީ ޙަންޟަލަތު ބުނު އަބީސުފްޔާނާއި، އުމައިމާއެވެ. މީގެ ތެރެއިން ޙަންޟަލަތު ޤަތުލުވީ ބަދުރު ހަނގުރާމައިގައި ކާފަރުކަން މަތީގައެވެ. އުމައިމާގެ ޙާލުކޮޅެއް ސީރަތު ފޮތްތަކަކުން ފިލާކަށް ނުހުރެއެވެ.

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ގެ އެއްބައްޕާފުޅު ބޭފުޅުގެ ތެރޭގައި އަމީރު މުޢާވިޔަތުގެފާނާއި، ޔަޒީދު ބުނު އަބީސުފްޔާނާއި، ޢަތަބަތު ބުނު އަބީސުފްޔާނާއި، ޖުވައިރިއްޔާ ބިންތު އަބީސުފްޔާނު ހިމެނިވަޑައިގަންނަވައެވެ. 

ފުރަތަމަ ކާވެނިފުޅު

އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އާ އެންމެ ފުރަތަމަ ކާވެނިބެއްލެވީ ޢުބައިދުﷲ ބުނު ޖަޙުޝް އެވެ. އޭނާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅު އުމައިމާ ބިންތު ޢަބްދުލްމުއްޠަލިބުގެ ދަރިކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝްއަކީ ޢުބައިދުﷲ އުޚްތެކެވެ.

ޢުބައިދުﷲ ބުނު ޖަޙުޝް އާއި ވަރަޤަތު ބުނު ނައުފަލު އާއި ޢުޘްމާނު ބުނު ޙުވައިރިޘް އާއި ޒައިދު ބުނު ޢަމްރު ބުނު ނުފައިލު އަކީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައިވާ ބުދަށް އަޅުކަން ކުރުމުގެ ވަބާއަށް ވަރުގަދައަށް އިންކާރު ކުރަމުން ގެންދިޔަ ހަތަރު މީހުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ކުރަމުން ގެންދިޔަ ނުބައި ފާހިޝްކަންކަމަށް ސީދާ ދެކޮޅު ހަދަމުން ގެންދިޔަ ހަތަރު މީހުންނެވެ. އޭގެ ހަތަރު މީހުން ވަރަށް ގިނައިން އެއްތަންވެ، ޢަރަބިކަރައަށް ފެތުރިފައިވާ ހުތުރު ކަންތައްތައް ނެތިގެން ދާނީ ކިހިނެތްކަމާ މެދު މަޝްވަރާކޮށް ހަދައެވެ. އޭރު އެފަދަ ވާހަކަތައް އޭގެ ހަތަރު ބޭކަލުން ދައްކަވަމުން ގެންދަނީ ސިއްރިޔާތުގައެވެ. މީސްތަކުން ނިދާ ފައިހިލަވަޅު އޮބުމުން ރޭގަނޑުގެ ދަންވަރުގެ ވަގުތުއެވެ.

ޤުރައިޝުންގެ މާތް ބޮޑެތި މީހުން ދީނާއި އަޚްލާޤު ގެއްލިގޮސް ފާހިޝްކަންކަމަށް ފާޅުގައި އަރައިގަންނަމުން ދާތަން ފެނުމުން އެކަމާ އެބައިމީހުން ފިކުރުކޮށް އުޅުނެވެ. އަމިއްލަ އަތްތަކުން ކޮށައި މަށައިގެން ހަދާ ބުދުތަކަށް އަޅުކަންކޮށް ޤުރުބާން ކުރުމުގެ ބޭނުމެއް އޮތްކަމާ މެދު އެބައިމީހުން ސުވާލު އުފައްދަމުން ގެންދެއެވެ. އޭގެ ހަތަރު މީހުން އިބްރާހީމުގެފާނު ގެނެސްދެއްވި ޚާލިޞް ތެދުމަގު ހޯދުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަމުން ގެންދިޔައެވެ.

މީގެ ތެރެއިން ވަރަޤަތު ބުނު ނައުފަލު އަށް ފެނުނު އެންމެ ރަނގަޅު ދީނަކީ ނަޞްރާނީދީންކަމުގައި ދެކެ އެދީނުގައި ސާބިތުވެ ހުރެއްޖެއެވެ. ބުދުތަކުގެ ނަންމަތީގައި ކަތިލެވޭ ތަކެތި ކެއުން އަމިއްލައަށް ޙަރާމް ކުރިއެވެ. އޭނާވަނީ ތައުރާތާއި އިންޖީލު އެއްކޮށް ހިތުދަސްކޮށްފައެވެ.

ޢުޘްމާނު ބުނު ޙުވައިރިޘް އޭނާއަށް ކަމުދާ ދީނެއް ފެނޭތޯ ޝާމުކުރައަށް ދަތުރުކޮށް، އެތަނުން ނަޞާރާދީނަށް ވަދެއްޖެއެވެ. އެތަނުގައި އޭނާ ކްރިސްޓިއަންދީން ފަތުރާ މިޝަނަރީ ހަރަކާތުގައި އޭނާ އިސްވެއުޅެން ފަށައިފިއެވެ. އެގޮތުގައި އުޅެ ރޯމުގެ ޤައިޞަރާ ގާތް ގުޅުމެއް އުފެދިއްޖެއެވެ.

ޒައިދު ބުނު ޢަމްރު ބުނު ނުފައިލު ޔަހޫދީންގެ ދީނެއްވެސް ނަޞާރާއިންގެ ދީނެއްވެސް ޚިޔާރެއް ނުކުރިއެވެ. އޭނާ ބުދައަޅުކަން ކުރުން ދޫކޮށްލިއެވެ. މުޅަތަކެތި ކެއުން ދޫކޮށްލިއެވެ. ބުދުތަކަށް ޤުރުބާން ކުރެވޭ ތަކެތި ކެއުމުން ދުރުވެގަތެވެ. ވަރަށް ގިނައިން އިބްރާހީމުގެފާނުގެ ދީނުގެ ވާހަކަތައް ދައްކާއުޅެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން އޭނާ ނިޔާވެއްޖެއެވެ. ނަމަވެސް، ޢުބައިދުﷲ ބުނު ޖަޙުޝް އެއްވެސް ދީނަކަށް ތަބާނުވެ، ސަމާވީ ދެދީނުގެ ދެމެދުގައި ކިރިލަ ކިރިލާ ފަދަ ގޮތަކަށް ހުރީއެވެ. {މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް}

އިސްލާމްވެވަޑައިގަތުން

ޢުބައިދުﷲ ބުނު ޖަޙުޝް އާއި އުއްމުޙަބީބާގެ ގެ ކާވެނިފުޅަށް މާގިނަ ދުވަސްތަކެއް ނުވަނީސް މުޅި މައްކާއަށް ސިހުން ގެނުވި ޚަބަރަކީ މުޙައްމަދުގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ޚަބަރެވެ. އެކަލޭގެފާނު މައްކާގެ މުޝްރިކުން އަޅުކަން ކުރަމުންގެ ގެންދިޔަ ބުދުތަކަށް އަޅުކަން ކުރުން މަނާކުރެއްވިއެވެ. ހަމައެކަނި އަޅުކަން ކުރުން ޙައްޤުވެގެންވާ ފަރާތަކީ ހުސްޠާހިރުވަންތަ މާތްﷲ ކަމުގައި ބަޔާން ކުރައްވަން ފެއްޓވިއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާ އަދި އެންމެ ފަހުގެ ނަބިއްޔާކަމުގައި ދަޢުވާ ކުރައްވަން ފެއްޓެވިއެވެ.  މާތް ރަސޫލާ صلّى اللّـه عليه وسلّم މިދެންނެވި ދަޢުވާތައް ކުރައްވަން ފެއްޓެވުމުން ޤުރައިޝުންގެ ބޮޑުން އެކަމާ ވަރަށް ރުޅިގަދަވިއެވެ. މައްކާގެ މުޖުތަމައު މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބައިވެގެން ދިޔައެވެ

ޙައްޤުގެ މަގަށް ފެންބޮވައިގެންފައިވާ ތިއްބެވި ބައެއް ބޭކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި އިސްލާމްވެވަޑައިގެންނެވިއެވެ. މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ތަބާވެވަޑައިގެން ބައިޢަތު ހިއްޕެވިއެވެ. އަނެއްބަޔަކު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަޢުވަތުގެ ތެދުކަމާމެދު ޝައްކު އުފައްދައި، ކާބަފައިންގެ ދީންނާ ދިމާ އިދިކޮޅު ދީނެއް ޚިޔާރުކުރުމަށް އިންކާރު ކުރިއެވެ. އެބައިމީހުންވީ އިސްލާމްދީނަށް އެންމެ އަދާވާތްތެރިކަން ބޮޑެތި މީސްތަކުންގެ ތެރެއިންނެވެ. އެބައިމީހުން، އިސްލާމްވަމުންދާ ނިކަމެތި މުސްލިމުންނަށް އަނިޔާކޮށް އަޛާބުދައްކަމުން ގެންދިޔައެވެ.

އިސްލާމްދީނަށް އަވަސްވެވަޑައިގެން ބޭކައުކަނބަލުންގެ ތެރޭގައި އަބޫސުފްޔާނުގެ ބުއްދިފުޅު ފުރިހަމަ ދަރިކަނބަލުން އުއްމުޙަބީބަތުގެފާނު ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާއާwiއެކު އެކަމަނާގެ ފިރިކަލުންގެ އިސްލާމްވިއެވެ. އަބޫސުފްޔާނަކީ ޤުރައިޝުންގެ އެންމެ އިސް އެއް ލީޑަރެވެ. މައްކާގެ ސަރުދާރެވެ. އޭނާގެ ވަރުގަދަކަމާއި ނުފޫޒުގަދަކަމަކީ މުޅި މައްކާއަށް މަޝްހޫރުކަމެކެވެ. ނަމަވެސް އޭނާގެ ދަރިކަނބަލުން އުއްމުޙަބީބަތުގެފާނާ މެދު އޭނާއަށް ޖެހިވަޑައިގަތީ ހަތިޔާރު ބަހައްޓަވާށެވެ. އެކަމަނާ އިސްލާމްވުމުން އެއްކިބާ ކުރުމަށް އޭނާ ކުރި ހުރިހާ މަސައްކަތެއްވީ ނާކާމިޔާބެވެ. 

{މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް}

މިއަދު އޮންލައިން