ޢަލީ އިޙްސާން ފިރާޤު
ޙަބަޝާއަށް ހިޖުރަކުރެއްވުން
އުއްމުޙަބީބަތުގެފާނަކީ، މައްކާގެ ސަރުދާރުގެ ދަރިކަނބަލުންކަމުގައި ވިޔަސް އެކަމަނާއަކަށްވެސް މުޝްރިކުންގެ އަނިޔާތަކުން މިންޖުވެވަޑައެއްނުވުނެވެ. އެހެނީ އެކަމަނާގެ ބަފައިކަލުން އަބޫސުފްޔާނު ބުނު ޙަރްބު އޭރު ހުންނެވީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވައިގެންނެވެ. މުސްލިމުން އެބައިމީހުން ޤަބޫލުކޮށްގެން ތިބި އިސްލާމްދީނުން ބޭރުކޮށްލެވޭނެ އެންމެހައި ތަދުބީރެއް ރާވަރާވައެވެ. ނަމަވެސް ތަޤުދީރުގެ ކުރިމަތީގައި ތަދުބީރު ޖެހޭނީ އިސްޖަހާލާށޭ ބުނާ ބީދައިން މާތް ﷲ ގެ ރަޙްމަތުން މުޝްރިކުންނަށް އެއްވެސް މުސްލިމަކު މަގުފުރައްދައެއް ނުލެވުނެވެ.
ނަތީޖާއެއްގެ ގޮތުން މުޝްރިކުންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔައެވެ. މުސްލިމުނަށް ބަރުދާސްތުކުރަން އުނދަގޫ އެތަށް ލާއިންސާނީ އަނިޔާތަކެއް ކުރަމުން ގެންދިޔައެވެ. އެހެންކަމުން މުސްލިމުން ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އިރުޝާދު ދެއްވިއެވެ. ޙަބަޝާގައި އޭރު ހުންނެވި ރަސްގެފާނު ނަޖާޝީއަކީ ނުހަނު އަދުލު އިންސާފަށް ލޯބިކުރައްވާ ރަސްކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުއްދަ ބަސްފުޅާ ވިދިގެން މުސްލިމުން ޙަބަޝާއަށް ދެފަހަރަކު ހިޖުރައަށް ދިޔައެވެ. ޢުބައިދުﷲ އާއި އުއްމުޙަބީބަތުގެފާނު ޙަބަޝާއަށް ވަޑައިގެންނެވީ މުސްލިމުން ޙަބަޝާއަށް ކުރި ދެވަނަ ހިޖުރައިގައެވެ.
އޭގެ ދެކަނބަލުން ޙަބަޝާއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއްނުވަނީސް އެދެބޭކަނބަލުންނަށް ދަރިކަނބަލަކު ލިބިވަޑައިގެންފިއެވެ. އެދަރިކަލުންނަށް އެދެކަނބަލުން ދެއްވި ނަންފުޅަކީ ޙަބީބާ އެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، އުއްމުޙަބީބާގެ އަސްލު ނަންފުޅަކީ ރަމްލާއެވެ. އެކަމަނާގެ ނަންފުޅު އުއްމުޙަބީބާގެ ނަންފުޅުން މަޝްހޫރުވެގެން ދިޔައީ އެކަމަނާގެ ދަރިކަނބަލުން ޙަބީބާ ގެ ނަންފުޅަށް ނިސްބަތްކޮށްފައެވެ.
ފިރިކަލުން މުރުތައްދުވެ، މަރުވުން،
އެއްރެއަކު އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އަށް ވަރަށް ނުބައި ބިރުވެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަމަނާގެ ފިރިކަލުން ވަރަށް ނުބައި ހުތުރު ސިފައަކަށް ބަދުލުވެފައިވާ މަންޒަރެވެ. އަދި އެޙާލުގައި ހުރެ އޭނާ ކަނޑުގެ އަޑިއަށް ޣަރަޤުވެގެންދާ މަންޒަރެވެ. އެކަމަނާ އެ ހުވަފެންފުޅު ފެނިވަޑައިގެންނެވުމުން ވަރަށް ކަނބޮޑުވެވަޑައިގެންނެވިއެވެ. ވަރަށް ބޮޑަށް ބިރުފުޅުގެން ވަޑައިގެންނެވިއެވެ.
މިދެންނެވި ވާހަކަ އިބްނު ޙަޖަރު، އިޞާބާގައި ލިޔުއްވައިގައިވަނީ މިދަންނަވާފަދައިންނެވެ. އުއްމުޙަބީބަތުގެފާނު ވިދާޅުވެފައިވެއެވެ. އެއްރެއަކު ތިމަންކަމަނާއަށް ތިމަންކަމަނާގެ ފިރިކަލުން ވަރަށް ހުތުރު ސިފައެއްގައި ވަނިކޮށް ފެނުނެވެ. ތިމަންކަމަނާ ހިތާހިތުން ބުނީމެވެ. މާތްﷲ ގަންދެމެވެ. ޢުބައިދުﷲ އަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ދެން ތިމަންކަމަނާ ހެނދުނު ހޭލުމުން އޭނާ އައިސް އޭނާއަށް ފެންނަ އެންމެ ރަނގަޅު ދީނަކީ ކުރިސްޓިއަންދީކަމުގައި ބުންޏެވެ. ދެން ތިމަންކަމަނާ ބުނީމެވެ. [އެހެންނެއް ނޫނެވެ. އެންމެ ރަނގަޅުދީނަކީ އިސްލާމްދީނެވެ.] އަދި ތިމަންކަމަނާއަށް ފެނުނު ހުވަފެނުގެ ވާހަކަވެސް ބުނީމެވެ. ނަމަވެސް އޭނާ ތިމަންކަމަނާގެ ވާހަކަފުޅަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ.
{އިބްނު ޙަޖަރު، އިޞާބާ، ވިލޮޔުމް 4، ޞަފްޙާ 305}
އޭގެ ފަހުން ޢުބައިދުﷲ ކުރިސްޓިއަންދީން ޚިޔާރުކޮށްފިއެވެ. ގިނަގިނައިން ރާބޯފަށައިފިއެވެ. އޭނާ އުއްމުޙަބީބަތުގެފާނަށް ދެ ގޮތަކަށް އިޚްތިޔާރު ދިނެވެ. އެއްގޮތަކީ، އެކަމަނާވެސް އޭނާއާއެކު ކުރިސްޓިއަންދީން ޚިޔާރުކުރުމެވެ. އަނެއް ގޮތަކީ އޭނާގެ ގާތުން ވަރިވުމެވެ. ޢުބައިދުﷲ ދެ ގޮތެއް އިޚްތިޔާރު ކުރައްވަން އެކަމަނާއަށް ފުރުސަތު ދިން ނަމަވެސް އެކަމަނާގެ ސިކުނޑިފުޅުގައި ތިންގޮތަކަށް ޚިޔާލުފުޅުތައް އެނބުރެމުން ދިޔައެވެ.
އޭގެ ތެރެއިން ފުރަތަމަ ގޮތަކީ އެކަމަނާގެ ފިރިކަލުން ޢުބައިދުﷲ ބުނު ޖަޙުޝް އެދެމުން ގެންދިޔަ ގޮތަށް އެކަމަނާ ކްރިސްޓިއަންދީން ޚިޔާރުކުރުމެވެ. ނަމަވެސް އެކަމަނާގެ ކްރިސްޓިއަން ދީން ޚިޔާރުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ ގެއްލުންކަން އެކަމަނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އީމާންކަމުގެ ފޮނިރަހަ ލިބިވަޑައިގަތުމަށްފަހު އަލުން އެނބުރި ކާފިރުކަމަށް ދިއުމަކީ އެކަމަނާއަށް އެއްގޮތަކަށްވެސް ކުރަން ކެރިވަޑައިގަންނަވާނެ ކަމެއްނޫނެވެ.
ދެވަނަ ގޮތަކީ އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އެނބުރި މައްކާއަށް އެކަމަނާގެ ބައްޕާފުޅު އަބޫސުފްޔާނު ބުނު ޙަރުބު ގެ ގާތަށް ވަޑައިގެންނެވުމެވެ. އޭރުވެސް އަބޫސުފްޔާނު ހުންނެވީ އޭނާގެ ކާބަފައިންގެ ދީންމަތީގައެވެ. އެދީން ޙިމާޔަތްކުރުމަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށެވެ. އެހެންކަމުން، އޭނާގެ ގާތުން އުއްމުޙަބީބަތުގެފާނަށް ލިބިވަޑައިގަންނަވާނެ އެއްވެސް ޙިމާޔަތެއް އަޅާލުމެއް ނޯންނާނެއެވެ.
އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ ކުރިފުޅު މައްޗަށް ހުށައެޅިފައިވާ ތިންވަނަ ގޮތަކީ، ޙަބަޝާގައި ރެފިއުޖީއެއްގެ ޙައިޘިއްޔަތުން އުޅުއްވުމެވެ. ޢާއިލާގެ އެއްވެސް އެއްބާރުލުމެއް ނެތްގޮތުގައެވެ.
ފިރިއެއްގެ އެހީތެރިކަމެއް އަޅާލުމެއްނެތި، ބޭރު ކަރައެއްގައި ތުއްޕުޅު ބޭފުޅަކު ބައްލަވަމުން، އުއްމުޙަބީބަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ވަރަށް ދަތި ޙާލުކޮޅެއްގައެވެ. ނަމަވެސް ކެތްތެރިކަމުގެ ދާވަނިކޮޅު އެކަމަނާގެ އަތްޕުޅަކުން ދޫކޮށެއް ނުލައްވަވައެވެ. ނުހަނު ސާބިތުކަމާއެކު ޖެހިވަޑައިގެންނެވި އިމްތިހާނުތަކަށް ކެތްތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. މިކަމުންވެސް އެކަމަނާގެ އީމާންތެރިކަމުންގެ ފުރިހަކަން ދޭހަވެއެވެ.
{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 187-188}