ގޭތެރޭގަ ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ޙައްޤު ނޫން ބަސް ބުނާނަމަ ދާނީ ހުޅުގަނޑު ބޮޑުވެ އަނދަމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ގޭތެރޭގަ ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ޙައްޤު ނޫން ބަސް ބުނާނަމަ ދާނީ ހުޅުގަނޑު ބޮޑުވެ އަނދަމުން-

 

ބައެއް ޢާއިލާތައް އެކުގައި ދިރިއުޅެމުން އަންނައިރު އެކަކަށް ކުރެވޭ ކަންކަމާއި ގުޅިގެން ޙައްޤު ނޫން ބަސްތައް އެބަ ބުނެއެވެ. ކުށްކުރި މީހާ ދިފާޢުކޮށްފައި ކުށް ނުކުރާ މީހާ އެބަ ދިފާޢުކުރެއެވެ. މިއީ ވަރަށް ނުރައްކައުތެރިކަންބޮޑު ކަމެކެވެ.

އެއިރުން ވާނެ ގޮތަކީ ކުދިކުދި ކަންކަންވެސް ބޮޑުވެ ފިތުނައަކަށްވުމެވެ. އިންސާފު ނުލިބުނު މީހާގެ ހިތުގައި ނަފްރަތު އުފެދޭނެއެވެ. އެރުޅި ޢާއިލާގެ އެންމެންނަށް ބޭލޭތަންވެސް އަންނާނެއެވެ. އެގޮތަށް ކަންކަން މެދުވެރިވުމަށް ކިޔައި އުޅެނީ ހުޅުގަނޑު ބޮޑުވެ މުޅިގެއަށް ފެތުރުމެވެ. އެ ޙާލަތުގައި މުޅިގެ އަނދައިގެންދާނެއެވެ.

ވީމާ ކިތަންމެ ބޮޑަށް ލޯބިވި ނަމަވެސް އަދި ރުޅި އެރި ނަމަވެސް ޙަޤީޤަތާއި ޚިލާފް ބަހެއް ނުބުނާށެވެ! މުއްމިނުންގެ ގޮތަކީ ކޮންމެ ޙާލަތެއްގައިވެސް ޢަދުލުވެރިވުމެވެ. އޮންނަ ރުޅިވެރިކަމެއް އެއީ ޢަދުލުވެރި ނުވުމަށް އޮތް ސަބަބެއް ކަމުގައި ނުހެދުމަށް ސޫރަތް އަލްމައިދާ ގެ 8 ވަނަ އާޔަތުގައި ވަނީ އަންގަވައިފައެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤު ތައް ފުރިހަމަޔަށް ޤާއިމް ކުރާ، އަދި ޢަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކުމީހުންދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިއަބައިމީހުން ޢަދުލްވެރިވާށެވެ! އެގޮތް ތަޤްވާ ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިއަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްމާއިދާ: 8)

ޢަދުލުވެރިވުމަކީ ހަމައެކަނި ފަނޑިޔާރުންނަށާއި ވެރިންނަށް އޮތް ކަމެއް ނޫނެވެ. ނޫސްވެރިންނާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި ބަސްބުނެ އުޅޭ މީހުންވެސް މި އާޔަތަށް ބިރުވެތިވުން ހުއްޓެވެ. އަދި ދައްކައި އުޅޭ ވާހަކަތަކުގައިވެސް މެއެވެ. ޢާއިލީ ކަންކަމުގައިވެސް އަދި އެނޫން ވެސް އެމީހަކު ކުރާ ކޮންމެ ކަމެއްގައިވެސް މެއެވެ.

އަދި ކީއްހެއްޔެވެ؟ ގޭތެރޭގައި ހިނގާ ކަންކަމާއި ގުޅިގެން ޙައްޤަށް ބަސްބުނާނަމަ ކުށްކުރެވުނު މީހާ އެވަގުތު ހިތްހަމަނުޖެހުނު ނަމަވެސް ފަހުން އޭނާއަށް އޭނާގެ ކުށް ވިސްނޭނެއެވެ. ކުށް ޤަބޫލުކޮށް ކަންކަން އިޞްލާޙްކުރާނެއެވެ. ވީމާ ޢާއިލާއަށް ދާނީ ހަމަޖެހުން ލިބެމުންނެވެ.

ވީމާ އިންޞާފުވެރިވުމުގައި ދަރިން ދޮންދަރިން، ދަރިން ދަނބިދަރިން، ޅިޔަން ފަހަރިން އެންމެން ހަމަކުރާށެވެ! އެއްވެސް މީހަކަށް ބޭއިންޞާފުން ބަސް ނުބުނާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން