ޢަލީ އިޙްސާން ފިރާޤު
އުއްމުލް މުއުމިނީން އުއްމުޙަބީބާ އަށް ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅު-
އޭގެ ދުވަސްކޮޅެއްފަހުން ޢުބައިދުﷲ މުތުރައްދުވެގެންވާ ޙާލު މަރުވެއްޖެއެވެ. އޭނާ މަރުވެ، އުއްމުޙަބީބާގެ އިއްދަ ފުރިހަމަވިތަނާ އެކަމަނާއަށް ވަރަށް ރީތި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މީހަކު އައިސް އެކަމަނާއާ މުޚާތަބުކޮށް [އޭ މުއުމިނުންތަކުގެ މަންމާ] އޭ ގޮވައިލައްވާ މަންޒަރެވެ. އެކަމަނާ ތެދުވެވަޑައިގެން ވިސްނާވަޑައިގެންނެވުމުން، އެ ހުވަފެންފުޅުގެ ތަޢުބީރަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބެއްލެވުންކަން އެނގިވަޑައިގެންނެވިއެވެ.
އޭގެފަހުން އެއްދުވަހަކު ނަޖާޝީގެ ޚާއްޞަ ޚާދިމާއެއްކަމުގައިވާ އަބްރަހާ އައިސް އުއްމުޙަބީބަތުގެފާނަށް ވަރަށް އުފާވެރި ޚަބަރެއް ދެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަޖާޝީ ރަސްގެފާނަށް ސިޓީފުޅެއް ލިޔުއްވައިގެން އުއްމުޙަބީބަތުގެފާނާ ކާވެނިފުޅު ބައްލަވައިގަންނަވަން އެދިވަޑައިގެންވި ކަމުގެ ޚަބަރެވެ. އުއްމުޙަބީބަތުގެފާނަށް އެ ޚަބަރުލިބިވަޑައިގެން އެކަމަނާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެކަމުގެ އުފާފުޅުގައި އެކަމަނާގެ އަތްޕުޅުގައި ހުރި ބައެއް ގަހަނާތައް އަބުރަހާއަށް ވެދުން ކުރެއްވެވިއެވެ. އަދި އެކަމަނާގެ ފަރާތުން ކާވެނީގެ ވަކީލެއްކަމުގައި ޚާލިދު ބުނު ސަޢީދު ބުނުލް ޢާޞް ހަމަޖައްސަވައި ފޮނުއްވާނެކަމުގައި ވިދާޅުވިއެވެ.
{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 189}
ލިޔުނީ: ޢަލީ އިޙްސާން ފިރާޤު
ނޯޓް:
މިލިޔުންކޮޅުން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ހެޔޮލަފާ މީހުންނަށް ހުވަފެނުގައި އުފާވެރިކަމުގެ ޚަބަރުތައް ﷲ ތަޢާލާ ދެއްވަވާކަމެވެ. ދެވަނަ ކަމަކީ އެމީހަކު ބޭނުންވާ މީހަކާއި ކައިވެނިކުރެވޭނަމަ އެކަމުގެ އުފަލުގައި ކުރަން އޮތްކަމަކީ ތަފާތު ނަންނަމުގައި އެކިސައިޒުގެ ޕާޓީތައް ބޭއްވުން ނޫންކަމާއި ކުރަންއޮތް ކަމަކީ ޞަދަޤާތްކުރުން ކަމެވެ.
މިހާރަކަށް އައިސް ރަންކިޔާ ޕާޓީވެސް އެބަބާއްވައެވެ. ދަރިއަކު ވިހަން ގާތްވުމުން އެކި ނަން ކިޔާފައި 2،3 ޕާޓީ އެބަ ބާއްވައެވެ. ކައިވެނީގެ ޕާޓީ ބާއްވަން އޮތީ ކައިވެންޏަށް ފަހުގައެވެ. ދަރިއަކު ލިބެން އުޅޭތީ ނުވަތަ ދަރިއަކު ލިބުމުން އެއްވެސް ޕާޓީއެއް ބާއްވާކަށް ނެތެވެ. ކުރަން އޮތީ 2 ކަމެކެވެ.
1 ހަތްދުވަސްވުމުން ބޯބާލައި ކިރައި ބަރުދަނަށް ރިހިން އަގުކޮށް ޞަދަޤާތްކުރުން
2 ޤުރްބާންކޮށް ނަންކިޔައި ޞަދަޤާތްކުރުން
ދީނުގައި ނެތްކަންކަން ބޭރުން އެތެރެކުރުމާއި އިތުރަށް ކަންކަން އުފެއްދުމަކީ ދީނުގައިވާ މަގު ނުވަތަ ކުރަން ބަޔާންވެގެންވާ ކަންކަން އޮޅިގެން ހިނގައިދާނެ ކަންކަމެވެ.
މައުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން