ޢަމަލުތައް ސީދާ ކުރުމަށްފަހު މިދުޢާކުރާށެވެ! އިޖާބަ ކުރައްވަވާނެތެވެ!: އިން ޝާ ﷲ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޢަމަލުތައް ސީދާ ކުރުމަށްފަހު މިދުޢާކުރާށެވެ! އިޖާބަ ކުރައްވަވާނެތެވެ!: އިން ޝާ ﷲ.

ﷲ ތަޢާލާއަށް ވަކީލު ކުރާށޭ ބުނެވިއްޖެނަމަ ގިނަ ބައަކަށް ބުނެވެނީ އަބަދުވެސް ތިމަންނަމެން މިތިބެނީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ކަމަށެވެ. ސުވާލަކީ ހަމަ އިޚްލާޞްތެރިކަމާއިއެކުގައި ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކުގައި ވަކީލުކޮށް ﷲ ތަޢާލާއަށް ދުޢާކޮށްފިނަމަ އެ ދުޢާ އިޖާބަކުރައްވަވާނެކަން އެއީ ހަމަ ޔަޤީން ކަމެކެވެ. އިން ޝާ ﷲ!

حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ

 

މިއީ އިބްރާހިމްގެފާނު އަލިފާންގަނޑަށް އެއްލައިލުމުގެ ކުރިން ކުރެއްވެވި ދުޢާއެވެ. ރަސޫލް (ޞޢވ) ވެސް އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއެވެ. ހުރިހާ މުސްލިމުންވެސް މިދުޢާ ހިތުދަސްވާނެއެވެ. ނަމަވެސް ހިތާމައަކީ މި ދުޢާ ނުކުރެވޭ ކަމެވެ. މި ދުޢާ ކުރަންވީ ހަމައެކަނި މުޞީބާތެއް ކުރިމަތިވުމަކުން ނޫނެވެ. އަބަދުވެސް ތިބެންވީ މި ދުޢާކުރުންމަތީގައެވެ.

މި ދުޢާ ކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ދުލުން ކިޔައިލުމުގެ އިތުރަށް ދުޢާގައި ހިމެނޭ މާނަ ހިތުން ފުރިހަމައަށް ޤަބޫލުކުރުމަށެވެ. މާނަ ހިތުން ފުރިހަމައަށް ޤަބޫލުކޮށްފިނަމަ އެމީހަކަށް ނުވަތަ އެބައަކަށް ކުރިމަތިވެފައިވާ މުޞީބާތުން ﷲ ތަޢާލާ ސަލާމަތްކޮސްދެއްވަވާނެތެވެ! އިން ޝާ ﷲ!

"މިއަޅާގެ ހުރިހާ ކަމެއް ﷲ ތައާލާ އަށް ވަކީލްކޮށްފިން" ކަމަށް ބުނާއިރު އަމަލުން އެކަން ދެއްކެން ޖެހޭނެއެވެ. ޢަމަލުތައް ހުންނަން ޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ތެދުވެރިކަމާއިއެކުގައެވެ. ދުޢާގެ ފައިދާ ޙާޞިލުކުރެވޭނީ އެއިރުންނެވެ.

"ހަސްބިﷲ" ބުނުމުން އެއިގެ މާނައަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކާއިމެދު ތިމާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމެވެ. ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކުން ތިމާ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާކަމެވެ. ތިމާގެ ހުރިހާ ކަމެއް ވަކީލު ކުރަނީ ﷲ ތަޢާލާއަށް ކަމެވެ.

މިފަދަ ސާބިތުކަމެއް އެމީހާއަށް ލިބޭނީ އެމިހާގެ އަމަލުތައް ވަރަށް ބޮޑަށް ސާބިތުކޮށްގެންނެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭނަމަ އެންމެ މުހިންމު ކަމަކަށް ކުރަން ޖެހޭ ކަމަކީ ތިމާގެ އަމަލުތައް ސީދާ ކުރުމެވެ.

މިދުޢާކުރަންވީ ކޮންމެހެން ބޮޑު މުޞީބާތެއް ފަދަ ކަމެއް މެދުވެރިވުމަކުން ނޫނެވެ. އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި ގުޅިގެންވެސް މިދުޢާކުރާށެވެ! ކިތަންމެ ކުޑަ ކަމެއް ނަމަވެސް އަދި ބޮޑުކަމެއް ނަމަވެސް ޙާޞިލުވުން އޮތީ އެކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ ކޮންމެ ވަގުތަކުވެސް މިދުޢާ ކުރެވޭނެ ޙާލަތަށް ތައްޔާރުވެ ޢަމަލުތައް ސީދާކޮށްގެން ތިބުމެވެ.

އަދި މިފަދައިންވެސް ޙަދީޘްފުޅުގައިވެއެވެ.

حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

(އަބޫ ދާވޫދް (5081)

މިދުޢާގައި އެކުލެވިގެންވާ މާނައީ "މިއަޅާގެ ހުރިހާ ކަމަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ. (އެއްވެސް ކަމަކަށް ވާގިއެދޭނެ އެހެން އެއްވެސް ފަރާތެއް ނެތެވެ. ކޮންމެ ކަމެއްވެސް ފުއްދަވައި ދެއްވެވުންވަނީ އެކަލާނގެއަށެވެ.) ﷲ ތަޢާލާ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އިލާހަކު ނުވެއެވެ. މިއަޅާގެ ހުރިހާ ކަމެއް ވަކީލްކުރަނީ އެކަލާނގެއަށެވެ. އެކަލާނގެއީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރި ރަސްކަލާނގެއެވެ."

--ޝައިޚް ޔާސިރް ޤަދީގެ ދަރުސަކުން

 

މިއަދު އޮންލައިން