ސުންނަތަކަށްވީތީ ކަންކަން ނުކޮށް ދޫކޮށްލާނަމަ އެއީ ބިރުހުރި ކަމެއްކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ސުންނަތަކަށްވީތީ ކަންކަން ނުކޮށް ދޫކޮށްލާނަމަ އެއީ ބިރުހުރި ކަމެއްކަން ޤުރްއާނުން!

"ސުންނަތަކީ ނޫޙް عليه السلام ގެ ނަޢުކޮޅު ފަދައެއްޗެކެވެ. އެއަށް އަރައިފިމީހާ ސަލާމަތްވެއްޖެއެވެ. އެއަށް ފުރަގަސްދީފިމީހާ ޣަރަޤުވެއްޖެއެވެ.” - الإمام مالك رحمه الله

" ރަށްރަށުގެ އަހުލު ވެރިންގެ ކިބައިން، ﷲ، އެކަލާނގެ ރަސޫލާއަށް فَىء މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، ﷲ އަށާއި، ރަސުލާއަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށް ޚާޢްޞަވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިއަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރު ވޭވެ ހުރިއަނުދިނުމަށްޓަކައެވެ.

އަދި ރަސޫލާ ތިއަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިއަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިއަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިއަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (އަލްޙަޝްރް: 7)

މީސްތަކުންނޭވެ! ފުރަތަމަ ރަނގަޅަށް މިއާޔަތް އަޑުއަހާށެވެ! މިއީ ނިސާ ސޫރަތުގެ 80 ވަނަ އާޔަތެވެ.

"ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (ނިސާ: 80)

ކޮންމެ މުސްލިމަކަށް ރަސޫލް (ޞޢވ)ގެ ހުރިހާ ޙަދީޘްފުޅުތަކަށް އަމަލު ނުކުރެވިދާނެވެ. އަދި ސުންނަތުގައިވާ ހުރިހާ ކަންކަމަށް އަމަލުވެސް ނުކުރެވިދާނެއެވެ. އެއީ އެމީހެއްގެ ބަލިކަށިކަމެވެ. ނަމަވެސް ރަސޫލް (ޞޢވ) ބަލައި ނުގަތުމާއި ސުންނަތަށް އިންކާރު ކުރުމާއި މިފަދަ އެއްވެސް ކަމަކީ އެއްވެސް މުސްލިމަކަށް ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. މިފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެމީހަކީ ރަސޫލް (ޞޢވ) ގެ ޝަފާޢަތުން މަހްރޫމްވާނޭ މީހެކެވެ. އިތުރު ސާހިބާގެ ޝަފާޢަތް ނުލިބި ކައުޘަރު ކީ ކޯރުން ފެނެއް ނުލިބޭނެއެވެ. އަދި ސުވަރުގެ ވެސް ނުލިބޭނެއެވެ.

މިއާޔަތްވެސް ކިޔައިލާށެވެ! އަލްޙަޗްރު ސޫރަތުގެ 7 ވަނަ އާޔަތެވެ.

"އަދި ރަސޫލާ ތިއަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިއަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިއަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިއަބައިމީހުން ދުރުވެގަންނާށެވެ!" ވަޙީކުރެއްވެވުމަށްފަހު ވިދިގެން ވަޙީކުރައްވަވާފައި އެވަނީ "އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވުމަށެވެ" ވީމާ ރަސޫލް (ޞޢވ) އަށް ކިޔަމަން ނުވެ ތަޤްވާވެރި ނުވެވޭނެކަން އެބަ އެނގެއެވެ. ހަމަ އެއާއި ވިދިގެން "ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެ" ކަމުގައި ވަޙީ ކުރައްވަވާފައި އޮތުމުން ރަސޫލް (ޞޢވ) އަށް ކިޔަމަންތެރި ނުވުމަކީ އަމިއްލައަށް ﷲ ތަޢާލާގެ ގަދަފަދަވެގެންވާ ޢުޤޫބާތުގެ ތެރެއަށް ހުށަހޮޅިގަތުންކަން މިވަނީ އެނގިފައެވެ.

ވީމާ ފުރަތަމަކަމަކަށް ޤުރްއާން ދަސްކުރާށެވެ! ކީރިތި ޤުރްއާން މާނަ އާއިއެކު ކިޔުން ގިނަކުރާށެވެ! އެއިރުން ދާނީ މިފަދަ ޙަޤީޤަތްތައް އެނގެމުންނެވެ! މިކަންކަން އެނގިގެން ނޫނީ އާޚިރަތް ކާމިޔާބުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން