ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 16ސ
ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތު

ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭނީ ޚުއްފުލެއްވުމަށްފަހު ޙަދަޘްވެރިވާ (ވުޟޫގެއްލޭ) ވަޤުތުން ފެށިގެންނެވެ.

މިސާލަކަށް މީހަކު ފަތިސްނަމާދަށް ވުޟޫކޮށް، ޚުއްފު ލެއްވުމަށްފަހު، އިރު އެރިފަހުން ވުޟޫގެއްލުނީއެވެ. ދެން އެއަށްފަހު ވުޟޫކުރީ މެންދުރު ނަމާދަށެވެ. ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތަކީ ވުޟޫގެއްލުނު ވަޤުތެވެ. އެއީ އިރުއެރިފަހުންނެވެ. ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި ޚުއްފުގައި ފެންފުހުމުގެ މުއްދަތު ގުނަންފަށާނީ ޚުއްފުގައި އެންމެފުރަތަމަ ފެންފުހޭ ވަގުތުން ފެށިގެންނެވެ. އެއީ މިބުނި މިސާލުގައިނަމަ މެންދުރުނަމާދަށް ވުޟޫކުރިވަޤުތެވެ.

ޖަބީރާ(ބެންޑޭޖު)، ފަގުޑި އަދި ބުރުގާ މަތީގައި ފެންފުހުން

ޖަބީރާ(ބެންޑޭޖު) އަކީ ގުނަވަނެއް ބިނދުމުން ނުވަތަ ގުނަވަނެއްގެ ކަށިގަނޑުގައި ރެނދުލުމުން އެކަން ރަނގަޅުކުރުމަށްޓަކައި އަޅާ ޖިބްސްއިން ނުވަތަ އެފަދަ މާއްދާއަކުން ހަދާފައި ހުންނަ އެއްޗެކެވެ. (ދިވެހި ބަހުގައި މިއަށް ދަގަނޑު ބޭހޭވެސް ކިޔައެވެ.) ޖަބީރާ ނުވަތަ ބެންޑޭޖުގެ މަތީގައި ފެންފުހުމަކީ ހުއްދަވެގެންވާކަމެކެވެ. ހަމައެފަދައިން ޒަޙަމުތަކުގައި އަޅާ މަލަމުގެ މަތީގައިވެސް ފެންފުހެވިދާނެއެވެ. މިހުރިހާ ތަންތަނުގައިވެސް ފެންފުހޭނީ ޙާޖަތްޖެހިގެންވާ މިންވަރަށެވެ. ޙާޖަތް ޖެހިގުންވުން ފަހަނައަޅައި ހިނގައްޖެނަމަ، އެ ބޭލުން ލާޒިމުވާނެއެވެ.

ބޮޑު ޙަދަޘްވެރިވުމުންނާއި ކުޑަޙަދަޘްވެރިވުމުންވެސް އޭގެ މަތީގައި ފުހުން ހުއްދަވާނެއެވެ. އަދި އޭގައި ފެންފުހުމަށް ވަކިމުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ. ގުނަވަނުން ޖަބީރާ ނައްޓައިލުމާއި، ނުވަތަ ގުނަވަން ފަސޭހަވުމާ ހަމައަށް އޭގައި ފެންފުހެވިދާނެއެވެ. އެކަމުގެ ދަލީލަކީ ޖަބީރާ މަތީ ފުހޭ ފުހުމަކީ ޟަރޫރީ ޙާލަތެއްގައި ކުރާކަމެއް ކަމުގައިވާތީއެވެ.

الضَّرُورَةُ تُقَدَّرُ بِقَدْرِهَا ޟަރޫރީކަންތައްތައް ކަނޑައަޅާނީ ޟަރޫރަތުގެ މިންވަރުގެ މައްޗަށް ބިނާކޮށެވެ. ދެޙަދަތުގެ މެދުގައި އެއްވެސް ފަރަޤެއް ނެތެވެ. ހަމައެފަދައިން ފަގުޑީގެ މަތީގައި ފެންފުހުންވެސް ހުއްދަވެގެންވެއެވެ. ފަގުޑިއަކީ ބޯ ނިވާކުރުމަށްޓަކައި ބޮލުގެ ވަށައިގެން އަޅާ އެއްޗެކެވެ އެކަމުގެ ދަލީލަކީ މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

((أنَّ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ مَسَحَ عَلَى عَمَامَتِهِ وَ عَلَى النَّاصِيَةِ وَالخُفَّينِ)) [ رواه مسلم برقم (274)]

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގައި ފަގުޑީގަޔާއި އެކަލޭގެފާނުގެ ނިތްކުރީގައި އަދި ދެޚުއްފުގައި ފެންފުއްސެވިއެވެ."

އަދި މި ޙަދީޘެވެ.

((أنَّهُ صَلَّى اللهُ عَلَيهِ وَسَلَّمَ مَسَحَ عَلَى الخُفَّينِ وَالخِمَارِ)) [ رواه مسلم برقم (275)]

މާނައީ: “"ހަމަކަށްވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެޚުއްފުގައި އަދި ޚިމާރުގައި (އެބަހީ ފަގުޑީގައި) ފެން ފުއްސެވިއެވެ.."

އޭގައި ފެންފުހުމަށް ވަކިމުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ. އެކަމަކު އިޙްތިޔާޠުގެ ގޮތުން، ޠަހާރަތުގެ މަތީގައި އެ އަޅައިގެންނޫނީ އޭގައި ނުފޮހުމާއި މުއްދަތަށްވުރެ ދިގުނުކުރުމީ ރިވެތިގޮތެވެ. އަންހެނުން އަޅާ ބުރުގާ ދަންނައެވެ. އެއީ އެކަނބަލުން ބޯ ނިވާކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ.

އައުލާވެގެންވަނީ ބުރުގާމަތީގައި ފެން ނުފޮހުމެވެ. އެ ބޭލުމުގައި އުނދަގޫކަމެއް ހުރިނަމަ މެނުވީއެވެ. ނުވަތަ ބޮލުގައި ބައްޔެއްހުރުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއްގެ ސަބަބުން މެނުވީއެވެ. ބޮލުގައި ހީނާ ނުވަތަ އެފަދަ އެއްޗެއް އިސްތިޢުމާލުކޮށްފައި ހުރިނަމަވެސް އޭގެމަތީގައި ފުހުން ހުއްދައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވި ގޮތުގެ ސަބަބުންނެވެ. ޢާއްމު ގޮތެއްގައި ބަލާއިރު، ބޮލުގެ ޠާހިރުކަމުގައި މިއުންމަތަށް ކޮންމެވެސްވަރެއްގެ ފަސޭހަކަމަކާއި ލުއިކަމެއް ލިބިގެންވެއެވެ.

(ޚުއްފުމަތީގައި ފެންފުހުމުގެ ބާބު ނިމުނީ)

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

 

މިއަދު އޮންލައިން