ﷲ ތަޢާލާ އެކަމެއް އެންމެ ބޮޑަށް ނަހީކުރެއްވެވި ކަންކަމުގެ ތެރެއިން އެއްކަމަކީ ފާޙީޝް ޢަމަލުތައް ކުރުމެވެ. ޒިނޭ ކުރުމުގެ ނުބައިކަން ބޮޑުކަން އެނގިގެންދަނީ އެކަމަށްބާވައިލެއްވެވި ޙައްދުންނެވެ. އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ގިނަގިނައިން މީސްތަކުންނަށް ރަޙުމްކުރައްވަވާ، ﷲ ތަޢާލާ އެކަމަށް ބާވައިލައްވަވާފައިވާ ޙައްދަކީ އެންމެ އަނިޔާވެރި ގޮތުގައި މަރުގެ އަދަބުދިނުމެވެ.
ކަންމިހެން އޮތް ނަމަވެސް ޒިނޭ ކުރުން ޢާންމުވަމުންގޮސް މިއަދު މިވަނީ ހައްދުފަހަނައަޅައިފައެވެ. ކިރިޔާ ބާލިޣްވާ ޢުމުރުގެ ކުދިންވެސް މިއަދު ވަނީ ލޯބިވާ މީހާ އާއިއެކު ޒިނޭކުރުމާއި ހަށިވިއްކުމުގެތެރޭގައިކަން ފާހަގަކޮށް މުޅި ދުނިޔެ ދަނީ އެކަމަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ފާހިޝް ޢަމަލުތައް ކުރުމަށްފަހު އެކަންކުރީ މަޖުބޫރުވެގެންކަމަށް އެބަ ބުނެއެވެ. އެއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. މިހުސާބުން ވިސްނައިލަންވީ ޔޫސުފްގެފާނުގެ ސިޔަރަތަށެވެ! ހުރިހާ ދޮރުތަކެއް ތަޅުލެވިފައިވީ އިރުވެސް ޔޫސުފްގެފާނު ﷲ ތަޢާލާގެ ހިމާޔަތާއި ރައްކައުތެރިކަމަށް އެދިވަޑައިގެންނެވިއެވެ.
އަދި އެދިވަޑައިގަތީ "ވަގުން" ޙިމާޔަތާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވެވުމަށެވެ. ﷲ ތަޢާލާ ހަމަ ވަގުތުން އެކަން މިންވަރުފުޅު ކޮށްދެއްވެވިއެވެ. މިއަދު އަހަރެމެން ކުރާ ކަންކަމާއި އަހަރެމެންނަށް މެދުވެރިވާ ކަންކަން ބައްލަވައި ވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ތަފާތުވެގެން މިއުޅެނީ އަހަރެމެންގެ އަމަލުތަކެވެ. އަހަރެމެންގެ އިޚްލާޞްތެރިކަމާއިއަހަރެމެންގެ ތަޤްވާވެރިކަމެވެ.
އިންސާނުންނަށް އަބަދުވެސް ދިރިއުޅެންޖެހިފައިވަނީ ގޮންޖެހުންތަކާއިއެކުގައެވެ. ޚާއްޞަކޮށް ﷲ ތަޢާލާގެ ޙައްޤުތަކަށް ރައްކައުތެރިވުމުގައެވެ. ޚާއްޞަކޮށް ފާފަތަކަށް އަރައިގަތުމަށް މަގުފަހިވެފައިވާ މިޒަމާނުގައެވެ.
މިޒަމާނަށް ބަލައިފިނަމަ އެންމެ ގިނަ ބައަކަށް، ޢާންމުކޮށް ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފާހިޝް އަމަލުތަކަށް އަރައިނުގަނެ ފާހިޝް އަމަލު ނުކޮށް ތިބުންކަން ފާހަގަކުރެވެއެވެ. މިކަމަށް ބަލާއިރު ގިނަ ބައަކު އެފަދަ އަމަލުތައް ކުރަނީ އެފަދަ އަމަލުތައް ކުރަން އަމިއްލައަށް ބޭނުންވެގެންނެވެ. އެހެންކަމާއިއެކުވެސް ޙާލަތާއި އެހެންވެސް ސަބަބުތަކާއިހުރެ މަޖުބޫރުވެގެން، ނުވަތަ މަޖުބޫރުކުރުވައިގެން މިބާވަތުގެ އަމަލުތަކުގެ ޝިކާރައަކަށް ހަދަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ. މިމައްސަލަ މިގޮތަށް ބޮޑުވެގެންދަނީ ގިނައިން އަންހެނުންނަށްކަންވެސް ފާހަގަކުރެވެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަކީ ތިއަ ކަނބަލުންގެ ޢިއްފަތްތެރިކަން ރައްކައުތެރިކޮށްގެން ދިރިއުޅެމުން އަންނަ ބައަކު ކަމުގައި ވާނަމަ އެހީތެރިކަމަށް ބޭނުންވާ ވަގުތުތަކުގައި ﷲ ތައާލާގެ ރައްކައުތެރިކަން ތިއަ ކަނބަލުންނަށް މިންވަރުފުޅު ކުރައްވަވާނެއެވެ. ބޭނުންވަނީ ތިއަ ކަނބަލުންގެ އިޚްލާޞްތެރިކަމެވެ.
މިހެން ބުނުމުން ބައެއް މީހުން ޖަދަލުވެސްކޮށްފާނެއެވެ. ކިތަންމެ އިޚްލާޞްތެރި ނަމަވެސް ކަމެއް މެދުވެރިވެދާނެއެވެ. ނަމަވެސް ފާފައެއް ނުކުރަން އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެގެން ހުރެ ﷲ ތަޢާލާޢަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާ މީހުން ފާފަކުރެވުމުން ސަލާމަތްކުރައްވަވައި ދެއްވަވަތެވެ. ހަމައެކަނި ޔޫސުފްގެފާނެއް ނޫނެވެ. އެތައް މިލިއަން މީހުންނަށް ވަނީ ﷲ ތަޢާލާ ސަލާމަތްކަން ދެއްވަވައިފައެވެ. ވީއިރު ތިބާގެ ދުޢާވެސް ޢިޖާބަ ނުކުރައްވަވާ ދޫނުކުރައްވަވާނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން