ފޯނަށް ދަނީ ބިރުވެރި މެސެޖްތަކެއް ލިބެމުން- ޖަވާބުގަ މި 2 އާޔަތް މެސެޖްކޮށްލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފޯނަށް ދަނީ ބިރުވެރި މެސެޖްތަކެއް ލިބެމުން- ޖަވާބުގަ މި 2 އާޔަތް މެސެޖްކޮށްލާ!: މުފްތީ މެންކް

މިހާރަކަށް އައިސް ފޯނަށާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ދަނީ ވަރަށް ބިރުވެރި މެސެޖްތަކެއް ލިބެމުންނެވެ. އެއީ ﷲ ތަޢާލާއަށާއި ކީރިތި ޤުރްއާނަށް އަދި ރަސޫލް ﷺ އަށާއި އިތުރު ޞާޙިބާގެ ސުންނަތަށް ހަޖޫޖެހުމާއި މަލާމާތާއި ފުރައްސާރަކުރުމުގެ މެސެޖުތަކެވެ. 

އެކަމަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަންކަމަށާއި ﷲ ތައާލާގެ ވަޙީއަށް އަދި ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ސަމާސައަށްވެސް ކުރަން ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އަދި އެފަދަ އެއްވެސް މެސެޖެއް އެއްޗެއް ފޯނަށް ނުވަތަ ސޯޝަލް މީޑިއާއިން ލިބުނު ނަމަވެސް ތައުބާ ސޫރަތުގެ 65 ވަނަ އާޔަތާއި 66 ވަނަ އާޔަތް އެމީހަކަށް ފޮނުވަންވާނެ އެވެ.  

"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ތިއަ މަލާމާތްކޮށް އުޅުނީ، ﷲ އާއި، އެކަލާނގެ އާޔަތް ތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟" (ތައުބާ: 65)

"ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރް ވެފައިކަން ކަށަވަރެވެ. ތިއަބައިމީހުންގެ ތެރެއިން ބައަކަށް ތިމަންރަސްކަލާނގެ ޢަފޫ ކުރެއްވިޔަސް، އަނެއްބައަކަށް ތިމަންރަސްކަލާނގެ ޢަޛާބް ދެއްވަވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (ތައުބާ: 66)

ﷲ ތަޢާލާ އަށާއި ރަސޫލާ (ﷺ) އަށާއި އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ރަސޫލް (ﷺ) ގެ ޒަމާނުގައި އެކަން ކުރުމުން އެކަން ކުރި މީހުންނާއިމެދު ވަނީ ވަގުތުން ވަޙީ ބާވައިލައްވަވައިފައެވެ. 

މުނާފިޤުން ބުނެ އުޅުނު ބަސްތަކާއި ގުޅިގެން ރަސޫލް (ﷺ) ސުވާލު ކުރެއްވެވުމުން ދޭނެ ޖަވާބުވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ." 

ﷲ ތަޢާލާ އަށާއި ރަސޫލާ (ﷺ) އަށާ އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއިން ކަމެއް ކޮށްފިނަމަ އެމީހަކަށް މިދުނިޔެއާއި އާޚިރަތުގައިވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން