މިހާރަކަށް އައިސް މީހުންގެ ޢަމަލުތަކަށް އަންނަމުންދާ ނުބައި ބަދަލުތަކުގެ ތެރެއިން ނުބައިކަން އެންމެ ބޮޑު އެއް ޢަމަލަކީ ހިތްދަތިކަން މެދުވެރިވުމުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރެވުމެވެ. ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައި ބޮޑެތި ފާފަތައް ކުރެވުމެވެ.
ފުރަތަމަ ކަމަކަށް ވަރަށް ފަހުން ބައްދަލުވި ޒުވާނަކު ކިޔައިދިން ވާހަކައެއް ހިއްޞާކޮށްލާނަމެވެ. އޭނާ ބުނީ އޭނާ ލޯބިވެގެން އުޅުނު އަންހެން ކުއްޖާ އޭނާއަށް ޚިޔާނާތްތެރިވެ އެހެން މީހަކާއި ކައިވެނިކުރުމުން ލިބުނު ހިތާމަ ފިލުވުމުގެ ބޭނުމުގައި ބަނގުރާ ބޭނުންކުރަން ފެށުނު ކަމަށެވެ. އަދި އެކަން އޭނާގެ އެކުވެރި ޑޮކްޓަރަކަށް އެނގުމުން އޭނާގެ ގެއަށް ގެންގޮސް އެންމެ އަގުބޮޑު ބަނގުރާ 2 ފުޅި ގެނެސް މޭޒުމަތީގައި ބަހައްޓާފައި ބުންޏެވެ. "އެކުވެރިޔާއެވެ. ތިއަ ހިތާމަތައް ފިލަންދެން މިރޭ ބޯންވާނެއެވެ. މި 2 ފުޅި ހުސްކުރާއިރަށް ހިތާމަތައް ނުފިލިނަމަ އިތުރު 2 ފުޅި ދޭނަމެވެ."
ޑޮކްޓަރު ދެއްކި ވާހަކަ އޭނާއަކަށް ނުވިސްނުނެވެ. ބޯންފެށީއެވެ. އިރުކޮޅަކުން ނިދިއްޖެއެވެ. ހޭލެވުނީ އަނެއް ދުވަހު މެންދުރުވަނިކޮށެވެ. ހޭލެވުނު އޮވެވުނީ ޑޮކްޓަރުގެ ގޭގެ ސިޓިންގރޫމްގެ ތަޅުންމަތީގައެވެ. އޮވެވުނީ ދެކަމުއެކީ ޙާޖަތަށް ދެވިފައެވެ.
ތެދުވެގެން ގޮސް އެގޭގައި އަހަރެންހުރި ކޮޓަރީގެ ފާޚާނާއަށްވަދެ ފެންވަރާހަދައިގެން ނުކުތުމުން އެކުވެރިޔާ ބުންޏެވެ. "ރޭގަ ހާދަ ކަމެއް ނުކުރެވުނެވެ. އަވަހަށް ބޯންފަށަންވީ ނޫންހެއްޔެވެ؟ މިގެއިން ދާންވާނީ ހުރިހާ ހިތާމަތަކެއް ފިލުވާލައިގެންނެވެ. ތިއައެއްޗެއް ބޮއިގެން ހިތާމަތައް ފިލުވައި ލެވޭނެނަމަ އަހަރެން މިހުރީ އެހީތެރިވެދޭށެވެ."
އެހިސާބުން އެކުވެރިޔާ އެބުނާ އެއްޗެއް ވިސްނުނެވެ. ވިސްނުމުން ގިސްލައި ރޮވުނެވެ. އަދި ކުރަމުން މިއާދެވުނު ޢަމަލުން ހިތާމަތައް ފިލުވަން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ވިސްނުނެވެ.
އަދި ޒުވާނާ ބުނީ ހަމަ އެވަގުތުން ފެށިގެން އެނުބައި ޢަމަލު އެއްވެސް ވަރަކަށް ނުކުރާ ކަމަށާއި އެކުވެރި ޑޮކްޓަރަކީ މުސްލިމެއްވެސް ނޫންކަމަށެވެ.
މުސްލިމެއް ނޫން ނަމަވެސް އޭނާ އެދިން މެސެޖަކީ އަދި ފިލާވަޅަކީ އެއީ ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެކަންކުރި ނަމަވެސް ހާސްވުމާއި ކަންބޮޑުވުން ފިލުވަން އަދި ހިތްދަތިކަމުން ސަލާމަތްވާން މަސްތުވުމަކީ އެއްވެސް ކަމެއްގެ ޙައްލު ނޫންކަމާއި ކިތަންމެ ގިނައިން ކިތަންމެވަރަކަށް މަސްތުވި ނަމަވެސް އެއްވެސް ކަމެއް ޙައްލުނުކުރެވޭނެ ކަމުގެ މެސެޖެވެ. އަދިވެސް އެ ޒުވާނާ ކިޔައިދިނެވެ.
"އަނެއް ދުވަހު މެންދުރު ނަމާދަށް ދިއައީމެވެ. ނަމާދު ނިމިގެން ގެއަށްދާހިތެއް ނުވިއެވެ. ގަބުވެފައި އިނދެވުނީއެވެ. އެހެން އިންދައި މިސްކިތުގެ އިމާމް އައިސް އޭނާގެ ކޮޓަރިއަށް ގެންގޮސްފައި ސުވާލުތައް ކުރަން ފެށުމުން ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނީމެވެ. އިމާމް ބުނީ ވެދިއަތަނާއިމެދު ކަންބޮޑުނުވާށެވެ. މިހާރު ތިއައިނެދެވެނީ މިސްކިތުގައެވެ. ބިންމަތީގައި ހުރި ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ތަނުގައެވެ. ވީމާ މިތަނުން ނުނުކުމެ ވީހާ ގިނައިރު މަޑުކުރާށެވެ. ވީހައި ގިނައިން ސަޖިދަ (ނަމާދު) ކުރާށެވެ. ދުޢާކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ"
އޭނާ އިމާމްގެ ނަބޭޙަތް ޤަބޫލުކުރިއެވެ. މިސްކިތުގައި ގިނަ ވަގުތުތައް ހޭދަކޮށް ނަމާދުކޮށް ދުޢާކުރަންފެށިއެވެ. ޛިކުރުކުރުމުގައި ވީހާގިނަ ވަގުތު ހޭދަކުރަން ފެށިއެވެ.
އެކަމުން ލިބުނު ކާމިޔާބީވެސް ޒުވާނާ ކިޔައިދިނެވެ. "އެގޮތަށް މިސްކިތުގައި އުޅޭތާ މަހެއްހައިދުވަސްވެސް ނުވަނީސް މިސްކިތުން ކުރިންވެސް ބައްދަލުވާ މީހަކު އަހަރެންނާއި ސުވާލުތައް ކުރިއެވެ. އޭނާއަށްވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.
އޭނާ އެދުނީ އޭނާ އާއިއެކު އޭނާގެގެއަށް ދިއުމަށެވެ. ދިއުމުން ދާދި އެއް ޢުމުރެއްގެ 3 އަންހެންކުދިން ދައްކާފައި ބުންޏެވެ. "ބޭނުން ދަރިއަކު އިޚްތިޔާރުކުރާށެވެ. ކައިވެނިކޮށްދޭނަމެވެ. ދިރިއުޅެވޭނެ މަގު ފަހިކޮށްދޭނަމެވެ."
ޒުވާނާ އެތަނުން ކުއްޖަކާއި ރުހި ކައިވެނިކުރީއެވެ. އަނބިމީހާގެ ބައްޕަވީ ރަށުގެ އެންމެ ތަނަވަސް އެކަކަށެވެ. އަދި ލިބުނު އަނބިމީހާވީ ކުރީގެ ލޯބިވެރިޔާއަށްވުރެ މާރީތި، އަޚްލާޤް ރަނގަޅު، ތަޤްވާވެރި އަންހެނަކަށެވެ. ކުރިން އުޅުނު ގޮތަށް އަބަދު ފާރަލަންޖެހޭފަދަ އެއްވެސް ނުކުރެއެވެ.
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް ހިތްދަތިކަމެއް ލިބިއްޖެނަމަ، ޙައްލު ހޯދަން ފާފަތަކަށް އަރައިނުގަންނާށެވެ. ސަޖިދަކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ރަޙްމަތް މިންވަރުކުރައްވަވާނެ ގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން