ދެމަފިރިންކުރެ އެކަކުވެސް "ވައްކަން" ކުރާނަމަ ދެމަފިރިންގެ މެދުގަ ހިނިތުންވުމާ އުފާވެރިކަމާ ހަމަޖެހުން ގެއްލޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ދެމަފިރިންކުރެ އެކަކުވެސް "ވައްކަން" ކުރާނަމަ ދެމަފިރިންގެ މެދުގަ ހިނިތުންވުމާ އުފާވެރިކަމާ ހަމަޖެހުން ގެއްލޭނެ!: މުފްތީ މެންކް

މިރޭގެ ދަރުސް މިފަށަނީ ކުޑަކުޑަމިސާލަކުންނެވެ. މިއީ ޢާއިލާތަކުގައި އޮންނަ ކަމަކަށްވުމުން މިދައްކަން އުޅޭ ވާހަކަ ޤަބޫލުކުރަން ފަސޭހަވާނެތީއެވެ. ގިނަ ޢާއިލާތަކުން ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވާތީއެވެ.

އެމީހާގެ އަމިއްލަ ޢާއިލީ ދިރިއުޅުމަށް ބަލާށެވެ! ދެމަފިރިންކުރެ އެކަކު ދަނީ ޚިޔާނާތްތެރިވަމުންނެވެ. އެހެންކަމަށް ވެއްޖެ ނަމަ ޚިޔާނާތްތެރިވާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ ތިމާ ކުރާކަންކަން ބައިވެރިޔާއަށް އނގިދާނެ ކަމުގެ ބިރަށެވެ. މިހާރުވެސް އެނގިފައި އޮވެދާނެ ކަމުގެ ބިރަށެވެ.

ދެމީހުން ބައްދަލުވާ ހިނދުގައާއި އެކުގައި ހޭދަކުރާ ވަގުތުތަކުގައި މޫނުމައްޗަށް ގެންނަން ޖެހޭ އުފާވެރިކަމާއި ހިނިތުންވުމެއް ނުގެނެވޭނެއެވެ. ދެމީހުންގެ މެދުގައި ލޯބިން ކަންކަން ކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ. އެއީ ކުރާ ވައްކަން އަމިއްލައަށް އިޙްޞާޞް ކުރެވޭތީއެވެ. އެކަމުގެ ހިތްހަމަ ނުޖެހުން ތިމާގެ ހިތުތެރޭގައި އޮންނަލެއް ބޮޑުވުމުންނެވެ.

ހަމައެފަދައިން ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެއްޖެނަމަ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ތިމާއަށް މީހަކު ދީފާނެ ގެއްލުމަކާއިމެދުގައެވެ. ބައަކު ކޮށްފާނެ ކަމަކާއިމެދުގައެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެއްޖެނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ އެންމެހައި މީސްތަކުންނަށް ބިރުންނެވެ. އެއީ ތިމާއަށް ކުރެވޭ ކަންކަން އެހެން މީހުންނަށް އެނގި ފަޟީޙަތްކޮށްފާނެ ކަމުގެ ބިރަށެވެ. އެއިރުން ލިބޭނ އަދަބަކަށް ބިރުންނެވެ. ލިބޭނެ ނިކަމެތިކަމަށް ބިރުންނެވެ.

ބައެއް މީހުން އެމީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަން އެބަ ބިރުގަނެއެވެ. އެކަން ކޮށްފިނަމަ ކޮންމެވެސް ބައަކު ރުޅިއަތުވެދާނެ ކަމުގެ ބިރަށެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒުކުރަން އެބަ ޖެހިލުންވެއެވެ. ކޮންމެވެސް ބާރުގަދަ ފަރާތަކުން ކުރިމަތިކުރުވައިފާނެ މައްސަލަތަކަށް ބިރުންނެވެ. އިސްލާމް ދީނުގައިވާ މަގުން ހެދުން ލައި ނިވައިވާން އެބަ ބިރުގަނެއެވެ. މީހަކު ބުނެފާނެ ބަހަކަށް ނުވަތަ ކޮށްފާނެ ކަމަކަށް ބިރުންނެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިންސާނުންގެ ހުރިހާ ބޭނުންތަކަށް ތިމަން ﷲ ފުދިވޮޑިގެންވާ ކަމަށެވެ. ﷲ ތައާލާއަށް ބިރުވެތިވެ ކިޔަމަންތެރިވާ އަޅުންނަށް ރައްކައުތެރިކަން މިންވަރު ކުރައްވަވާނެ ކަމަށެވެ. ވީއިރު ﷲ ތަޢާލާގެ މި ވައުދުފުޅުތަކަށް އިތުބާރުނުކޮށް އީމާންކަން ފުރިހަމަވާނީ ކިހިނަކުން ހެއްޔެވެ؟

ތިމާއަކީ 5 ވަގުތު ނަމާދުކުރާ މީހަކަށްވާށެވެ! ﷲ ތައާލާ އަނަގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ މީހަކަށްވާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކޮށްގެން ހުންނަ މީހަކަށްވާށެވެ. އެއްވެސް މީހަކަށް އަދި ޖަމާޢަތަކަށް ނަމަވެސް އެމީހަކަށް ދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. އެމީހާ ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ތެރޭގައެވެ. ﷲ ތަޢާލާގެ ފުރިހަމަ ހިމާޔަތުގައެވެ.

ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތި ނުވެ މީހުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ވައްކަން ކުރާ މީހާ، ފާހިޝް އަމަލުތައް ކުރާމީހާ، ޤާނޫނުތަކަށް ބޯނުލަނބާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ އެމީހާ ކުރި ކުށްތައް ފަޅައިއަރާފާނެ ކަމުގެ ބިރުގައެވެ.

މީސްތަކުންނޭވެ! އަދި އަހަރެމެން މަރެއް ނުވެއެވެ. ތައުބާވުމުގެ ފުރުޞަތު އެބައޮތެވެ! އަވަހަށް ތައުބާވާށެވެ! ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރާށެވެ! އެއިރުން އެއްވެސް މީހަކު ދެކެ ބިރުން އުޅޭކަށް ނުޖެހޭނެއެވެ!

މިހިސާބުން ފުރަތަމަ ފަށަމުން ދެއްކި ވާހަކަކޮޅަށް އެނބުރިލާނަމެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރާނަމަ ދެބިރު އެބަ އޮތެވެ. ފުރަތަމަ ބިރަކީ ﷲ ތަޢާލާ ދެއްވަވައިފާނެ ޢަޛާބަށް އޮތް ބިރެވެ. ދެވަނަ ބިރަކީ ޢާއިލާ ރޫޅިދާނެ ކަމުގެ ބިރެވެ. މިފަދަ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެ ހުރުމަށްވެސް އޮތް މަގަކީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން