ކަންނެތްވެ ނިދަން ނޯވެ، ދަމުނަމާދު ރޭގަނޑުގެ ފަހު ދަންފަޅީގަ ކުރުމުގެ ފައިދާތަކުގެ ތެރެއިން މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކަންނެތްވެ ނިދަން ނޯވެ، ދަމުނަމާދު ރޭގަނޑުގެ ފަހު ދަންފަޅީގަ ކުރުމުގެ ފައިދާތަކުގެ ތެރެއިން މިންވަރެއް!

ދަމުނަމާދާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ އެނަމާދުގެ ވަގުތެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ކުރަންޖެހޭ ސަބަބެވެ. ނިދި ނަގާލާފައި ތެދުވަން އުނދަގޫވަގުތެއްގައި ކުރަން އޮތް ސަބަބެވެ. 

އެއީ ފަރުޟު ނަމާދުތައް ކުރެވެނީ ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ނަމާދު ނިމުމާއިއެކު މަސައްކަތަށް އަވަސްވެގަނެވެއެވެ. މިސްކިތުގައި ޛިކުރުކުރަން މަޑުކޮށްލަން ބޭނުންވިނަމަވެސް މަޑުކޮށްލެވެން އޮންނަނީ ވަރަށް މަދު މީހަކަށެވެ. ސަބަބަކީ ކުރަންޖެހޭ މަސައްކަތްތައް ގިނަކެމެވެ. 

ނަމަވެސް ދަމުނަމާދުކުރަނީ އެހެން އެއްވެސް ކަމަކަށް ވިސްނަން ޖެހޭނެ ވަގުތެއްގައެއް ނޫނެވެ. ދަމުނަމާދު ނިމުމާއިއެކު ކުރާނެ އިތުރު މަސައްކަތެއް ނޯވެއެވެ. ވީމާ އެމީހާގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ވަގުތު ހޭދަކުރުމުގެ ފުރުޞަތު އެބަ އޮވެއެވެ. ބޭނުންވަރަކަށް ނަމާދު ދިގުކޮށް، ޛިކުރުކޮށް ދުޢާކުރަން ވަގުތު ހޭދަކުރަންވީއެވެ. 

ހަމައެއާއިއެކު އެވަގުތަކީ ފޯނުކޯލްތަކަށް ޖަވާބުދޭންޖެހޭ ވަގުތެއްވެސް ނޫނެވެ. އަޑުތައް އެހައި މަޑުވަގުތެވެ. ވީމާ ﷲ ތަޢާލާއަށްޓަކައި ސިކުނޑި ހުޅުވާލައިގެން އިނުމުގެ ފުރުޞަތު ބޮޑު ވަގުތެކެވެ. 

އަދި ކީއްހެއްޔެވެ؟ އެވަގުތަކީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން މީސްތަކުންނަށް ބަސްފުޅު ވަޙީކުރައްވަވާ ވަގުތެވެ. "ތިމަން ﷲ ގެ ޙަޟްރަތަކަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދެނީ ކާކުތޯ؟" ސުވާލުކުރައްވަވާ ވަގުތެވެ. އަދި އެމީހާ އެދޭ ކަންކަން ހިންމްވައިދެއްވަވާނެކަމަށް ވަޙީކުރައްވަވާ ވަގުތެވެ. ވީއިރު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރަން އެއަށްވުރެ މުހިންމު ވަގުތެއް ނެތެއް ނޫންހެއްޔެވެ؟ 

ވީމާ މިހިރަ ހުރިހާ ކަންކަމަކީވެސް ރޭގަނޑުގެ ފަހުދަންފަޅީގައި ދަމުނަމާދުކުރަން ޖެހޭ ސަބަބުތަކެވެ. ދަމުނަމާދުކުރުމުން ދެއްވަވާ ނިޢްމަތްތައް ގުނާ ޢަދަދު ނުކުރެވޭނެއިރު ކަންނެތްވެ ނިދަން އޮންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން