އަޅުކަމަކަށްވަނީ ހަމައެކަނި ހެޔޮ ޢަމަލުކުރުމަކުން ނޫނެވެ. ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ނުކުރުމަކީވެސް އަޅުކަމެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ކަންކަން ކުރުމުން އަޅުކަމަކަސްވާފަދައިންނެވެ. އެކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަން ނުކުރުމަކީ އެކަލާނގެ ރުހިވޮޑިގަންނަވާނެ ކަމަކަށްވާތީއެވެ.
ވީމާ އެއްވެސް ކަމެއް ކުރާއިރު ބަލަންވީ އެއީ ހަމައެކަނި ޙަރާމްކަމެއްތޯ އެކަންޏެއް ނޫނެވެ. އެކަމުގައި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުވާނަމަ އަވަހަށް އެކަމަކާއި ދުރުހެލިވާށެވެ. އެކަމެއް ނުކުރާށެވެ.
އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަލާނގެ އިރާދަ ކުރައްވަވައިފިނަމައެވެ.
އެއްވެސް މީހަކަށް އެމީހާގެ ތަނަވަސްކަމުން ނުވަތަ އާރާއި ބާރުން އެއްވެސް ކަމެއް ކުރެވޭނެނަމަ މަރުވާނީ ކާކުހެއްޔެވެ؟ ނަމްރޫޛާއި ޤާރޫނާއި ފިރިއަޢުނު ފަަދ މީސް މީހުން މިއަދާއިހަމައަށްވެސް ދިރިތިބީސް ނޫންހެއްޔެވެ؟ ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުން މަރެއް ނުވާނެ ނޫންހެއްޔެވެ؟ ދުނިޔޭގެ ވެރިކަންކުރަމުންދާ އެމެރިކާގެ ވެރިންވެސް ތިބޭނެ ނޫންހެއްޔެވެ؟ އަދި ސައުދިޢަރަބިޔާގެ ވެރިކަން ކުރެއްވި ރަސްރަސްކަލުންވެސް ދުނިޔޭގައި ތިއްބެވީވެސް ނޫންހެއްޔެވެ؟
ދާދިފަހުންވެސް ސައުދީ ރަސްކަލަކު ވަނީ އަވަހާރަވެފައެވެ. ޖަނާޒާގެ މަންޒަރުތައް ޓީވީތަކުން ދެއްކިއެވެ. ހަށިކޮޅު އުފުލުނީ ހަމައެހެން މީހުންވެސް އުފުލާފަދަ އަށިގަނޑެއްގައެވެ. ފަސްދާނުލެވުނީ ހަމައެކަނި ޤަބުރެވެ. ގަނޑުވަރެއް ރަނެއް ފައިސާއެއް ވަޅެއް ނުލައެވެ. ޖެހިވަޑައިގަތީ ހަމަ ދުނިޔެއަށް ދޫކުރައްވާށެވެ. ކައްވަޅުގައި ބަރުޒަޚުގެ ޢާލަމުން ބައްދަލުކުރާނީ ދުނިޔޭގައި ހުންނަވައިގެން ކުރެއްވި ޢަމަލު އެކަންޏެވެ.
ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތައް ވީހާ ގިނައިން ކުރުމަށެވެ. އެކަލާނެ ރުހިވޮޑިނުގަންނަވާނެ އެންމެ ޢަމަލެއްވެސް ނުކުރުމަށެވެ. މަރުވުމާއި ހަމައިން އުފާވެރިކަން ލިބެންއޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން