އުއްމުލް މުއުމިނީން އުއްމުޙަބީބާ 6: ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގަތުން.

ކިޔުމަށް ހޭދަވާނީ 4މ 5ސ
އުއްމުލް މުއުމިނީން އުއްމުޙަބީބާ 6: ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގަތުން.

ޢަލީ އިޙްސާން ފިރާޤު 

ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގަތުން:

މާތް ރަސޫލާ صلّى اللّـه عليه وسلّم އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އަށާއި، އެކަމަނާގެ ކޮއްކޯފުޅު މުޢާވިޔަތުގެފާނަށްވަނީ ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އިބްނު ޢަސާކިރު ތާރީޚު ދިމިޝްޤުގައި ރިވާކުރައްވައިފައިވެއެވެ. 

އެއްފަހަރަކު މުޢާވިޔަތުގެފާނު އުއްމުޙަބީބާގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އުއްމުޙަބީބާ ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ. އެ މަންޒަރު ފެނިވަޑައިގެން މުޢާވިޔަތުގެފާނު އެނބުރި ވަޑައިގަންނަވާން ފެއްޓެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނު ގެންނަވައި އަރިއަހުގައި ބައިންދަވައިފައި ޙަދީޘު ކުރެއްވެވިއެވެ.

[މާތްﷲ ގަންދީ ދަންނަވަމެވެ. ސުވަރުގޭގައި ތިމަންކަލޭގެފާނާއި، ކަލޭގެފާނާއި، އުއްމުޙަބީބާ މިގޮތަށް ތިބެވޭނެ ކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ. އޭރު ސުވަރުގޭގެ ތަށިކޮޅުތައް އަޅުގަނޑުމެން ކައިރީން ގެންދެވޭނެއެވެ.] 

{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 197}

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު އުއްމުޙަބީބާގެ ދިރިއުޅުއްވުން:

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު، އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދެވީ އަޅުކަން ކުރެއްވުމުގައެވެ. އެކަލާނގެ ހަނދުމަކޮށް ޒިކުރު ކުރެއްވުމުގައެވެ. 

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ފުރަތަމަކޮޅު ޢުމަރުގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަލޭގެފާނު އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ އިޒުނަ ދެއްވިއެވެ. އެބޭކަނބަލުންގެ ޙަވާލުގައި ފޮނުއްވެވީ ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު އެވެ. އޭގެ ތެރެއިން އެބޭކަލަކު، އެބޭކަނބަލުންގެ ސަވާރީތަކުގެ ކުރިމަތީން، އަނެއް ބޭކަލަކު އެބޭކަނބަލުންގެ ސަވާރީތަކުގެ ފަހަތްޕުޅުން ދަތުރު ކުރެއްވުމަށް އަމުރުކުރެއްވިއެވެ.

އެބޭކަނބަލުން ދަތުރު ކުރައްވަމުން ވަޑައިގެން މަންޒިލު ކުރައްވަން ބޭނުންފުޅު ވެއްޖެނަމަ ދެ ފަރުބަދައެއްގެ ދެމެދަށްވާނެހެން މަންޒިލު ކުރެއްވުމަށް އެންގެވިއެވެ. އަދި ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއްރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ފަރުބަދައިގެން ދެފަރާތުގައި ތިއްބަވައިގެން ހިލޭ މީހުން އެބޭކަނބަލުންނާ ގާތްވިޔަ ނުދިނުމަށް އެންގެވިއެވެ. ހަމައެހެންމެ އެބޭކަނބަލުން ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވާއިރު އެއްވެސް ފިރިހެނަކު ޠަވާފު ކުރިޔަ ނުދިނުމަށްވެސް އެންގެވިއެވެ. 

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 256}

އަމީރުލް މުއުމިނީން ޢުމަރުގެފާނުގެ ހުއްދަ ލިބިވަޑައިގެންނެވުމުން އުއްމުލް މުއުމިނީން އުއްމުޙަބީބަތުގެފާނުވެސް ޙައްޖަވަޑައިގެންނެވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ހިޖުރައިން 23 ވަނަ އަހަރު އެކަލޭގެފާނު ފަތިސްނަމާދަށް ހުންނަވަނިކޮށް ޝަހީދުކޮށްލެވުމުން، މުސްލިމުންގެ ތިންވަނަ ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުއެވެ. އެކަލޭފާނަކީ، އުއްމުޙަބީބަތުގެފާނުގެ ދެބެއިންގެ ދެދަރި އަޚެކެވެ. އެކަމަނާގެ މައިފުށުގެ ބޮޑުބޭބޭފުޅު، ޢައްފާން ގެ ބޭފުޅެކެވެ.

އަމީރުލް މުއުމިނީން  ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ފުރަތަމަ ހައެއްކަ އަހަރު ވަރަށް އަމާން އޮމާންކަމާއެކު ކަންތައްތައް ދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ވަރަށް ބޮޑެތި ފިތުނަތަކެއް ފަސާދަވެރިން އެކަލޭގެފާނާ ދެކޮޅަށް އުފެއްދިއެވެ.

ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި ޢުޘްމާނުގެފާނުގެ ސީރަތުގައި ވިދާޅުވެފައިވެއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ފިތުނަވެރީން ޢުޘްމާނުގެފާނު ކުށްވެރިކޮށް ޞަޙާބީންގެ ދަރަޖަ މަތިވެރި ބޭކަލުންގެ ނަންފުޅުގައި ދޮގު ސިޓީތައް ލިޔުނެވެ.  އެގޮތުން އެބައިމީހުން ޢާއިޝަތުގެފާނުގެ ނަންފުޅުގައިވެސް ދޮގު ސިޓީ ލިޔުނެވެ. ހަމައެބީދައިން ޢަލީގެފާނާއި، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނުގެ ނަންފުޅުގައި ވެސް ސިޓީ ލިޔުނެވެ. އެ ސިޓީތަކުގައިވަނީ މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުމެ ބަޣާވާތް ކުރުމަށެވެ. 

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 477}

 

މިއަދު އޮންލައިން