ޙަޤީޤީ ޙާދިސާ: ކައިވެންޏަށް ހުރަސްއެޅުމުން އަޅުގަނޑަށް ލިބުނު ފަދަ ހިތްދަތިކަން ލިބޭ ހުރިހާ އުޚުތުންނަށް މިއީ އަގުހުރި ފިލާވަޅެއް!: ލީނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޙަޤީޤީ ޙާދިސާ: ކައިވެންޏަށް ހުރަސްއެޅުމުން އަޅުގަނޑަށް ލިބުނު ފަދަ ހިތްދަތިކަން ލިބޭ ހުރިހާ އުޚުތުންނަށް މިއީ އަގުހުރި ފިލާވަޅެއް!: ލީނާ

އަޅުގަނޑަށް ލިބެން އުޅުނު އުފާވެރި ދިރިއުޅުން ލިބުމަށް ހުރަސްއެޅީ އަޅުގަނޑުގެ ދޮށީދައްތައެވެ. އެވާހަކަ އަޅުގަނޑު ހުންނަނީ ނުދައްކާށެވެ. ނަމަވެސް އުއްމުލްމުއުމިނީން އުއްމުޙަބީބާގެ ސިޔަރަތުން އެބައި ކިޔާފައި ހަމަ ނުދައްކައި ނުހުރެވުނީއެވެ. 

ފުރަތަމަ މިކިޔައިދެނީ ކަންތައް މެދުވެރިވި ގޮތެވެ. އަޅުގަނޑުގެ ދޮށީ ދައްތައަށް ކައިވެނިކުރެވުނީ ތަނަވަސް އަޚްލާޤްވެސް ރަނގަޅު މީހަކާއިއެވެ. ދައްތަމެންގެ ކައިވެންޏަށް 10 ވަރަކަށް އަހަރުވެސްވީފަހުން ދައްތަގެ ފިރިމީހާގެ ކޮއްކޮ ލޯބީގެ ގޮތުން އަޅުގަނޑާއި ގުޅި ކައިވެނިކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ނުކުރެވުނީ ދައްތަ އެދޭތެރެއަށް ވަދެ މާބޮޑަށް ފަނިހަދައިގެންނެވެ. 

އަޅުގަނޑަށް އެކަން އެނގުމުން ދައްތަ ގާތު އަހައިލެވުނެވެ. ދައްތަ ތިއަހާވަރަށް ތިއަ ފަނިހެދީ އަހަރެމެން ކައިވެނިކޮށްފިނަމަ ދައްތައަށް ކޮންކަމެއް އުނިވެދާނެކަމުގެ ބިރަށް ހެއްޔެވެ؟ އަދިވެސް ބުނީމެވެ. ޑީއެންއޭ ނަހަދާތީ ބައްޕަ ޔަޤީން ނުކުރެވުނު ނަމަވެސް ހަމަގައިމުވެސް ދެބެއިން ވިހެއީ މަންމަ ނޫންހެއްޔެވެ؟ ހުރިހާ ކަމެއް ހާމަވުމުންވެސް ދައްތަ ކުރީ އިންކާރެވެ. ނަމަވެސް ކުރިމަތީގައި ހުރެގެން ނުކުރާކަމަށް ބުނާކަށްވެސް ނުކެރުނެވެ. 

އަޅުގަނޑު މިއަދު މިވާހަކަ މިދައްކަނީ ދައްތައަށް ހަމަ ހިތްޙަލާލްކޮށްގެން ހުރެއެވެ. ހިތް ޙަލާލްކުރީ މިއަދަކު ނޫނެވެ. ވަގުތުންނެވެ. އަޅުގަނޑު ޔަޤީންކުރީ އެންމެ ކަމެކެވެ. އެއީ އަޅުގަނޑަށް އެކައިވެނި ނުކުރެވުނު ސަބަބަކަށް ދައްތަވީނަމަވެސް އެކައިވެނި ނުކުރެވޭނީ ތަޤްދީރުގައި އެކަން އޮގޮތަށް ލިޔުއްވިގެންވާތީކަމެވެ. އަދި އެގޮތަށް ލިޔުއްވިގެންވާނީ އެއަށްވުރެ އަޅުގަނޑަށް ފައިދާހުރި ގޮތެއް މެދުވެރިކުރައްވަވަން ކަމެވެ. 

އެކަންވީވެސް ހަމައެހެންނެވެ. އަޅުގަނޑަށް ލިބުނު ފިރިމީހާގެ މޮޅުވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް ދައްތަގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުން ވެސް ކުރީގައި ހުރި މީހެއްކަމަށް ބުނަން ޖެހިލުމެއް ނުވެއެވެ. ތަނަވަސްކަމާއި އަޚްލާޤާއި ދީނީ ގޮތުންވެސްމެއެވެ. ނިޢްމަތަކީ ﷲ ދެއްވަވާ އެއްޗެކެވެ. ގެންދަވާނީވެސް ހަމަ ﷲ އެވެ. ވީމާ އެއީ ފިކުރުކުރަންޖެހޭ ކަމެއް ނޫނެވެ. 

ދެން މިބަލައިލަނީ އުއްމުލްމުއުމިނީން އުއްމުޙަބީބާގެ ސިޔަރަތަށެވެ. އަޅުގަނޑަކީ ސިޔަރަތު ލިޔަން އެމގޭ އަނހެނަކަށްނުވާތީ މިތަންކޮޅު ކޮޕީމިކުރަނީ މިއަދުނޫހުގައިވާ ލިޔުމުންނެވެ. 

"އެއްފަހަރަކު، އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު އަޅުގަނޑުގެ އެއްބައްޕާފުޅު އުޚްތާ ކާވެނި ބައްލަވައިގަންނަވަންވީ ނޫންތޯއެވެ؟" މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ އެގޮތާއި ރުހިވަޑައިގަންނަވަމުތޯއެވެ؟" އުއްމުލް މުއުމިނީން ވިދާޅުވިއެވެ. "އާދޭހެވެ. ކަލޭގެފާނާއި ކާވެނި ކުރެއްވުމުގެ ބަރަކާތްތެރިކަން އަޅުގަނޑު، އަޅުގަނޑުގެ އުޚްތާއި ޙިއްޞާކުރަން ބޭނުމެވެ." މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. "ނަމަވެސް ކަމަނާގެ އުޚްތާއި ތިމަންކަލޭގެފާނުގެ ކާވެނިކުރުން ޙަރާމްވާނެއެވެ." 

މިތަންކޮޅު އަޅުގަނޑު މިނެގިބޭނުންވެސް ދަންނަވައިލާނަމެވެ. ފުރަތަމަ ކަމަކީ އުންމަތުގެ މައިކަނބަލުން ދެއްކެވި ނަމޫނާ ފާހަގަކުރުމެވެ. އެކަނބަލުންނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުން އުޚުތުންނާއި ވެސް ހިއްޞާކޮށް ހަމަ އެހިތްހަމަޖެހުން އުޚުތުންނަށްވެސް ހޯއްދަވައިދެއްވަން ބޭނުންފުޅުވެވަޑައިގެންނެވި މިންވަރު ހާމަކުރުމެވެ. 

އަޅުގަނޑު ދައްކަން މިއުޅެނީ ދައްތަގެ ފިރިމީހާއާ ދެއަންތބަށް ކައިވެނިކުރާ ވާހަކައެއް ނޫނެވެ. އެއީ ދީން ހުއްދަ ކުރާކަމެއް ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. އަޅުގަނޑު ކުރަން މިއުޅޭ ސުވާލަކީ ދައްތަގެ ފިރިމީހާގެ އަޚަކާއި އަޅުގަނޑު ކައިވެނިކުރިނަމަ އަޅުގަނޑުގެ އުޚުތަށް  އުނިވާނީ ކޮންކަމެއްތޯއެވެ؟ 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމަކީ ވިސްނާލަންޖެހޭނެ ކަންކަމެވެ. އަޅުގަނޑަށް މިދިމާވީ ދައްތަގެ ހުރަސްއެޅުމެވެ. ދައްތައިން ހުރަސް އަޅާނީ ވަރަށް މަދުންނެވެ. ނަމަވެސް އެކުވެރިން ހުރަސްއެޅުމަކީ ހަމަ ވަރަށް ގިނައިން ކުރާކަމެކެވެ. އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން ވެސް އެފަދަ 3 ކަމެއް ވަނީ ކުރިމަތިވެ ހަތުރުންނަށް ބަދަލުވެފައެވެ. މާފުކޮށްފިން ކަމަށް އެމީހުން މިހާރު ދުލުން ބުނެއެވެ. ނަމަވެސް އެކަން ހިތުން ފޮހެލެވޭނެކަމާއިމެދު އަޅުގަނޑު ހަމަ ޝައްކެވެ. 

މިއަުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތް އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ އެންމެކުޑަމިނުން އީމާންކަން ފުރިހަމަކުރުމެވެ. ތިމާއަށް އެދޭ ކަންކަން އަޚާއަށް/އުޚުތާއަށް ލިބުމަށް ނޭދޭހައި ހިނދަކު އީމާންކަން ފުރިހަމަނުވާނެކަމަށް ޚުޠުބާތަކުގައި ކިޔާއަޑު އަހަމެވެ. 

- ލީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން