ޢަލީ އިޙްސާން ފިރާޤު
ކޮންމެއަކަސް ފިތުނަވެރީން ރޯކުރި ފިތުނައިގެ ހުޅު ފަޅައިގެން ގޮސް، މަދީނާއަށް ބާޣީން އަރައި، ޢުޘްމާނުގެފާނުގެ ގަނޑުވަރު ވަށައިލައިފިއެވެ. އެބައިމީހުން އެކަލޭގެފާނުގެ ގަނޑުވަރަށް ފެންފޮދެއްވެސް ވެއްދިޔަކަ ނުދިނެވެ. އެހެންކަމުން ގަނޑުވަރުން ފެން ހުސްވާން ފެށުމުން ޢުޘްމާނުގެފާނު، ޢަލީގެފާނަށް ޚަބަރު ފޮނުއްވިއެވެ.
[އަޅުގަނޑުގެ ގެކޮޅަށް ފެން ވެއްދުންވެސް އެބައިމީހުން މަނާކޮށްފިއެވެ. ވީމާ ކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވެން އޮތްކަމުގައިވާނަމަ، އެހީތެރިވެވަޑައިގަންނަވާށެވެ.]
ހަމަ މިބީދައިން ޠަލްޙަތުގެފާނަށާއި، ޒުބައިރުގެފާނަށާއި، ޢާއިޝަތުގެފާނަށާއި، މާތް ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންނަށްވެސް އެބޭފުޅުންނަށް އެހީތެރިވެވަޑައިގެންނެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޢުޘްމާނުގެފާނު އެދިވަޑައިގެންނެވެ.
އެގޮތުން އެންމެ ފުރަތަމަ ޢުޘްމާނުގެފާނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނުކުމެވަޑައިގެންނެވި ދެބޭފުޅުންނަކީ، ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އާއި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ. އުއްމު ޙަބީބަތުގެފާނަކީ ޢުޘްމާނުގެފާނުގެ ދެބެއިންގެ ދެދަރި ބޭކަނބަލެކެވެ. އެކަމަނާ ޢުޘްމާނުގެފާނުގެ ޙާލުކޮޅާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ.
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ބަޣަލަކަށް ސަވާރުވެވަޑައިގެން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވުމަށްޓަކައި ނުކުމެވަޑައިގެންނެވިއެވެ. އެ މަންޒަރު ފަސާދަވެރިންގެ އިސް ސަރުދާރަކަށް ފެނިގެން އައިސް އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ މޫނުމަތީގައި ތަޅަންފެށިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.
[އުމައްޔަތުވަންހައިގެ ވަޞިއްޔަތްތައްވަނީ އެކަލޭގެފާނާއެކުގައެވެ. އަހަރެން އެކަލޭގެފާނާ ބައްދަލުކުރިޔަ ދޭށެވެ. އަހަރެން އެކަލޭގެފާނާ ބައްދަލުކޮށް އުމައްޔަތުވަންހައިގެ ހުވަފަތް އަންހެނުންނާއި ޔަތީމު ކުދީންގެ ވަޞިއްޔަތްތަކާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުމެވެ.]
ނަމަވެސް ބާޣީން މުއުމިނުތަކުންގެ މައިކަނބަލުންގެ ޙުރުމަތަކަށްވެސް ނުބެލިއެވެ. އެކަމަނާއާ ދިމާއަށް ބޭއަދަބީ ގޮތުން ކުރިމަތިލައި އެކަމަނާ ދެއްކެވި ވާހަކަފުޅު ދޮގުކުރިއެވެ. އަނެއްކާވެސް އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ މޫނުމަތީގައި ތަޅަންފެށިއެވެ. އެއަށްފަހު ބަޣަލުގެ ލަގަން ވައުފަށް ކަނޑައިލިއެވެ. އެއާއެކު ބަޣަލު ކޮންޓުރޯލުން ނެއްޓި އުއްމުލް މުއުމިނީންއާ އެކު ދުވަން ފަށައިފިއެވެ. އޭރު އެތަނުގައި ތިބި މުސްލިމުން އެކަމަނާގެ ފަހަތުންގޮސް ބަޣަލު މައިތިރިކޮށް އެކަމަނާ ގެކޮޅަށް ގެންދެވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ގެކޮޅަށް ވަޑައިގެންނެވުމަށްފަހު ޢުޘްމާނުގެފާނަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން އެކަމަނާގެ އަޅެއްކަމުގައިވާ އިބްނުލް ޖައްރާހު ފޮނުއްވިއެވެ. ޢުޘްމާނުގެފާނުގެ ގެކޮޅުގައި ހިނގި ހުރިހާ ކަމެއް ހިނގީ މިދެންނެވި އިބްނުލް ޖައްރާހުގެ ކުރިފުޅުމަތީގައެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 554-555}
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއި މެދު ކަންތައް ހިނގައި ދިޔަގޮތް އެނގިވަޑައިގެން އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. އެހެންކަމުން ޙައްޖުވެވަޑައިގެންނެވުމުގެ ބޭނުންފުޅުގަ އާއި އެ ފިތުނަވެރިކަމުން ސަލާމަތްވެވަޑައިގެންނެވުމުގެ ބޭނުންފުޅުގައި މަދީނާ ދޫކުރައްވައި މައްކާއަށް ވަޑައިގެންނެވިއެވެ. އެކަމަނާ މައްކާގައި އިންނަވަނިކޮށް މަރުވާނު ބުނުލް ޙަކަމު އެކަމަނާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
[އޭ މުއުމިނުތަކުންގެ މަންމާފުޅާއެވެ. ކަމަނާ މައްކާއަށް ވަޑައިނުގެން މަދީނާގައި މަޑުކުރެއްވިނަމަ އެބައިމީހުން ކޮންމެވެސް ވަރެއްގެ ރަޙުމަކާއި އިޙްތިރާމެއް ޢުޘްމާނުގެފާނުގެ މައްޗަށް ކުރީސް ތޯއްޗެވެ.]
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެބައިމީހުން އުއްމުޙަބީބާއާމެދު ކަންތައް ކުރިގޮތަށް އަހަރެންނާމެދުވެސް ކަންތައް ކުރުމަށް ކަލޭ އެދެނީ ހެއްޔެވެ؟ އެތަނުގައި އަހަރެންގެ ޙިމާޔަތުގައި ނުކުންނާނެ އެކަކުވެސް ނެތެވެ. މާތްﷲ ގަންދެމެވެ. އެފަދަ ނިކަމެތި ޙާލަކަށް ވެއްޓޭކަށް އަހަރެން ނޭދެމެވެ. މިކަންތައް ނިމިގެންދާނީ ކިހިއްނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.]
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 555}
ބާޣީން ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުން އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންނަށް ޚަބަރު ފޮނުއްވިއެވެ. [ޢުޘްމާނުގެފާނު ޝަހީދުކުރެވުނު އިރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުން ތިމަންކަމަނާއަށް ފޮނުއްވައި ދެއްވާށެވެ.]
ޢުޘްމާނުގެފާނުގެ ޢާއިލީބޭފުޅުން އެކަމަނާއަށް، އެކަލޭގެފާނުގެ ލެއިންތައްތެޅިފައިވާ ހެދުންކޮޅަކާއި، އެކަލޭގެފާނުގެ ތުނބުޅިފުޅުން ބާޣީން ލުއްސައިފައިވާ އިސްތަށިކޮޅުތަކެއް ފޮނުއްވިއެވެ. އެ އެއްޗެތިކޮޅުތައް ލިބިވަޑައިގެންނެވުމުން، އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ، އައްނުޢުމާން ބުނު ބަޝީރު ރަޟިޔަﷲ ޢަންހު ބަލައިފޮނުއްވައިގެން ގެންނަވައި، އެކަލޭގެފާނަށް އެތަކެތި ހަވާލުކުރެއްވިއެވެ. އަދި އެކަމަނާގެ ޚާއްޞަ ސިޓީފުޅެއްވެސް ދެއްވިއެވެ. އެތަކެތި އެކަމަނާގެ އަޚް މުޢާވިޔަތުގެފާނުގެ އަތްޕުޅަށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އޭރު މުޢާވިޔަތުގެފާނު ހުންނެވީ ޝާމުކަރައިގައެވެ.
ބައެއް ރިވާޔަތްތަކުގައިވާ ގޮތުން، އައްނުޢުމާން ބުނު ބަޝީރު ރަޟިޔަﷲ ޢަންހު ޝާމުކަރައަށް ވަޑައިގަތީ، އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު ގެ ލެއިންތައްތެޅިފައިވާ ހެދުންކޮޅުގެ އިތުރަށް އެކަލޭގެފާނުގެ އަނބިކަނބަލުން ނާއިލާގެ ބުރިވެފައިވާ އިނގިލިފުޅުތައްވެސް ގެންދެވިއެވެ. އެއީ ބާޣީން ޢުޘްމާނުގެފާނު ޝަހީދުކުރަން ކަނޑި މަޅައިގަތުމުން ޢުޘްމާނުގެފާނުގެ ދިފާޢުގައި އެކަމަނާގެ އަތްޕުޅު އުފުއްލެވުމުން ބުރިވި އިނގިލިފުޅުތަކެވެ.
އައްނުޢުމާން ބުނު ބަޝީރު ރަޟިޔަﷲ ޢަންހު ޝާމުކަރައަށް ވަޑައިގެންނެވުމުން، އަމީރު މުޢާވިޔަތުގެފާނުހެ އެދިވަޑައިގެންނެވުމުގެ މަތީން ނުޢުމާނުގެފާނު މިސްކިތުގެ މިންބަރަށް އަރައިވަޑައިގެންނެވިއެވެ. އެއަށްފަހު ޢުޘްމާނުގެފާނުގެ ހެދުންކޮޅާއި، ތުނބުޅިފުޅުގެ އިސްތަށިކޮޅުތަކާއި، އެކަލޭގެފާނުގެ އަނބިކަނބަލުންގެ އިނގިލިފުޅުތައް ނަންގަވައި އެތަނަށް ހާޒިރުވެތިބި އެންމެނަށް ދެއްކެވިއެވެ. އެވަގުތު އެތަނަށް ހާޒިރުވެތިބި އެންމެން ގިސްލައި ރުޔެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢަލީ ބިން އަބީޠާލިބު، ދެވަނަ ޖިލްދު، ޞަފްޙާ 142-143}