ރުޅި ކޮންޓްރޯލް ކުރެވޭނަމަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް މަދު- ވަރިވެސް މަދު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރުޅި ކޮންޓްރޯލް ކުރެވޭނަމަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް މަދު- ވަރިވެސް މަދު!: މުފްތީ މެންކް

ރުޅިއާއިމެދު ބުނެވެން އޮތީ ރުޅި ކޮންޓްރޯލް ނުކުރެވޭނަމަ އެއީ އިންސާނާގެ ހަލާކުކަމަށެވެ. އެންމެ ބޮޑެތި ގެއްލުންތައް ލިބެނީ ރުޅި ކޮންޓްރޯލަނުކުރެވުމުން ކަމުގައިވާތީއެވެ. ދެމަފިރިންގެ މެދުގަ ޖެހޭ ކުދިކުދި މައްސަލަތައްވެސް ބޮޑުވެ ތަޅާފޮޅުމަކަށް ގޮސް އަދި ވަރިއާއިހަމައަށް ކަންކަންދާ އެންމެ ބޮޑު ސަބަބަކީ ރުޅި ކޮންޓްރޯލް ނުކުރެވުން ކަމުގައިވާތީއެވެ.

ރަނގަޅަށް ބަލާށެވެ! ރުޅި ކޮންޓްރޯލްކުރެވޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ. ވަރިވެސް މަދުވާނެއެވެ.

ބައެއް މީހުން ރުޅި އަންނަ ވަގުތު ނުވަތަ ރުޅި އަރުވައިލުމުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ހިތަށް އައިހައި ބަސްތަކެއް ދުލުން ބޭރުކޮށްލައެވެ. މިފަދަ ކަންކަން ގިނައިން ކުރަނީ ރުޅި އަރުވައިލި މީހާއަށްވުރެ ތިމާ މާމޮޅުކަން ހާމަކުރުމުގެ ބޭނުމުގައެވެ.

ނަމަވެސް ނަތީޖާއަކަށްވަނީ ދުލުން ބުނެވޭ ބަސްތަކުގެ ސަބަބުން މީހާ "ބަރަހަނާ"ވުމެވެ. ރުޅި އަރުވައިލުމުން ކޮންޓްރޯލު ނުކުރެވި ބަސްތައް ބުނާ މީހުން ރުޅިއަރުވަން ވެސް ގިނަ ބައަކު ބޭނުންވާނެއެވެ. އެއީ އެމީހުންގެ ދުލުން ނޭދެވޭ ބަސްތައް ބުނުވުމެވެ. އެފަދަ ބަސްތައް ބުނުވައިގެން މީސްތަކުންގެ ކުރިމަތީގައި އެމީހަކު ފަޟީޙަތްކޮށްލުމުގެ ބޭނުމުގައެވެ.

އެންމެ ބާރުގަދަ މީހަކީ އެމީހާގެ އަތު މުލައްދަނޑީގެ ބާރުގަދަ މީހާ ނުވަތަ ރެސްލިންގ ތަޅައިގެން މޮޅުވާ މީހާ ނޫން ކަމަށާއި އެންމެ ބާރުގަދަ މީހަކީ ރުޅި އަންނަވަގުތު ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެއޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.

މީސްތަކުން ރުޅި އެރުވުމަކީ ޝައިޠާނީ އަމަލެކެވެ. ރުޅި އަންނަނީ ޝައިޠާނާ އެކަމަށް ހިތްވަރުދޭތީއެވެ. ރުޅި ކޮންޓްރޯލް ކުރެވުމަކީ ޝައިޠާނާ ބަލިކޮށްލުމެވެ. ވީމާ ރުޅި ކޮންޓްރޯލް ކުރާ މީހާ އެގެންދަނީ ޝައިޠާނާގެ މައްޗަށް ގަދަވެގަނެ ޝައިޠާނާ ބަލިކުރަމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން