ޢަލީ އިޙްސާން ފިރާޤު
ޚުލުޤުފުޅު
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އަކީ، ވަރަށް ދީންވެރި ތަޤްވާވެރި ބޭކަނބަލެކެވެ. ގިނަގިނައިން އަޅުކަން ކުރައްވައި ސުންނަތް ނަމާދު ކުރައްވާ ބޭކަނބަލެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އިރްޝާދުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރައްވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ސުންނަތް ދިރުވާ އާލާކުރެއްވި ބޭކަނބަލެކެވެ.
އެއްފަހަރަކު، މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ރެޔާއި ދުވާލު، ފަރުޟުނަމާދުގެ އިސްފަހުގައި ރަވާތިބު ސުންނަތްތަކުގެ ބާރަ ރަކުޢަތް ކުރާ މީހަކަށްޓަކައި މާތްﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.]
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ވިދާޅުވާ ގޮތުގައި، އެކަމަނާއަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން މި ޙަދީޘް ބަސްފުޅު އެނގިވަޑައިގެންނެވިފަހުން ދުވަހަކުވެސް އެ ބާރަ ރަކުޢަތް އެކަމަނާ ދޫކޮށެއްނުލައްވައެވެ.
{صحيح مسلم، كتاب صلاة المسافرين وقصرها، باب فَضْلِ السُّنَنِ الرَّاتِبَةِ قَبْلَ الْفَرَائِضِ وَبَعْدَهُنَّ وَبَيَانِ عَدَدِهِنَّ، ޙަދީޘް ނަންބަރު 728}
އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ބަފައިކަލުން އަބޫސުފްޔާނު އަވަހާރަވިއެވެ. އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުގެ ދަރިކަނބަލެއްކަމުގައިވާ ޒައިނަބު ބިންތު އަބީސަލަމާ ވިދާޅުވެފައިވެއެވެ. އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަބޫސުފްޔާނު އަވަހާރަވުމުން އެކަމުގެ ތަޢުޒިޔާ ދަންނަވަން ތިމަންކަމަނާ އެކަމަނާގެ އަރިހަށް ދިޔައީމެވެ. އެހިނދު ރީނދޫކުލައިގެ ޚަލޫޤޭކިޔުނު ބާވަތެއް އެކުލެވިގެންވާ ހުވަނދެއް އެކަމަނާގެ އަރިހަށް ގެނައުމަށް އެކަމަނާ އެންގެވިއެވެ. އެ ހުވަނދު ގެނައުމުން އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އެއިން އެއްބައި ނަންގަވައި އެކަމަނާގެ ޚާދިމާގެ ގައިކޮޅުގައި ލެއްވިއެވެ. އެއަށްފަހު، އޭގެއިން ބައެއް ނަންގަވައި އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ގެ ކޯތާފަތްޕުޅުގައި ހާކައިލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ.
[މާތްﷲ ގަންދީ ދަންނަވަމެވެ. މިވަގުތު ތިމަންކަމަނާއަށް ހުވަނދެއްގެ އެއްވެސް ބޭނުމެއްނެތެވެ. އެހެންނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم މިންބަރުކޮޅުގެ މަތީގައި ހުންނަވައި ޙަދީޘް ކުރައްވަނިކޮށް ތިމަންކަމަނާ އެއްސެވީމެވެ. މާތްﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާ އަންހެނަކަށް އޭނާގެ ފިރިމީހާ މަރުވެގެންނޫނީ ތިންދުވަހަށް ވުރެ ގިނަދުވަސް ހިތާމަކުރުން ހުއްދަވެގެންނުވެއެވެ. ފިރިމީހާ މަރުވެގެން ހަތަރު މަހާއި ދިހަ ދުވަސްވަންދެން ހިތާމަކުރުން ހުއްދަވެގެންވެއެވެ.]
{كتاب الطلاق، باب وُجُوبِ الإِحْدَادِ فِي عِدَّةِ الْوَفَاةِ وَتَحْرِيمِهِ فِي غَيْرِ ذَلِكَ إِلاَّ ثَلاَثَةَ أَيَّامٍ، ޙަދީޘް ނަންބަރު 1486}
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާއަކީ ވަރަށް ދުޢާ އިޖާބަ ބޭކަނބަލެކެވެ. ތާރީޚު ދިމިޝްޤުގައި އިބްނު ޢަސާކިރު ރިވާކުރައްވައިފައިވެއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މަދީނާއަށް ބާޣީން އެރި ދުވަސްވަރުގައި ފަސާދަވެރިއަކު އައިސް އެކަމަނާގެ ކޮޓަރިކޮޅަށް ވަދެގަތެވެ. އެކަމަނާ ފަރުދާ ނުކުރައްވާ އިންނަވަނިކޮށް އޭނާ ބަލައިފައި ގޮސް މީސްތަކުންނަށް އެކަމަނާގެ ސިފަފުޅު ބަޔާން ކުރަންފެށިއެވެ. އެކަމާ އުއްމުޙަބީބަތުގެފާނު ވަރަށް ހިތާމަކުރައްވައި ހިތްޕުޅު ހަމަޖެހިވަޑައިނުގެން އޭނާގެ މައްޗަށް ބަދު ދުޢާ ކުރެއްވެވިއެވެ. އޭނާގެ އަތްކުރައްވައި އޭނާ މީސްތަކުންގެ މެދުގައި ފަޞީޙަތްވުމަށް ދުޢާކުރެއްވިއެވެ.
އެ ދުޢާފުޅު ކުރެއްވިތާ މާގިނަ ދުވަސްތަކެއްނުވެ، މީހަކު އޭނާއަށް ޙަމަލަދީ އޭނާގެ އަތް ބުރިކޮށްލިއެވެ. އަނދެގެން ހުރި އިޒާރު ދަތުން ހިފަހައްޓައިގެން ދުވަނިކޮށް، މީސްތަކުންގެ ތެރޭގައި ބަރަހަނާވެއްޖެއެވެ.
{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 201}
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާ އެކަމަނާގެ ކޮއްކޯފުޅު މުޢާވިޔަތުގެފާނުގެ ޚިލާފަތުން ބައެއް ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެއްވެސް ކަހަލަ ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.