އުއްމުލް މުއުމިނީން އުއްމުޙަބީބާ 9: އަވަހާރަވުމުގެ ކުރީން ޢާއިޝަތުގެފާނާއި، އުއްމުސަލަމަތުގެފާނުގެ ހިތްހަލާލު ހޯއްދެވި

ކިޔުމަށް ހޭދަވާނީ 2މ 14ސ
އުއްމުލް މުއުމިނީން އުއްމުޙަބީބާ 9: އަވަހާރަވުމުގެ ކުރީން ޢާއިޝަތުގެފާނާއި، އުއްމުސަލަމަތުގެފާނުގެ ހިތްހަލާލު ހޯއްދެވި

ޢަލީ އިޙްސާން ފިރާޤު 

މުޢާވިޔަތުގެފާނު ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ވަރަށް ގިނަ އަނބިއަނބިކަނބަލުން އަވަހާރަވިއެވެ. އެގޮތުން އެކަލޭގެފާނުގެ ޚިލާފަތުގައި އެންމެ ފުރަތަމަ އަވަހާރަވީ އެކަލޭގެފާނުގެ އުޚުތު އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާއެވެ. 

ޠަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ.  ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އުއްމު ޙަބީބާ އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ތިމަންކަމަނާ ބަލައިފޮނުއްވައިގެން ގެންދަވައި ވިދާޅުވިއެވެ. [އެކަކާ ކާވެނިކޮށްގެން އުޅުނު ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މެދުގައި ކުދިކުދި މައްސަލަ ޖެހިފައި ހުރެދާނެއެވެ. އެހެންކަމުން އެފަދަ ކަމެއް އަޅުގަނޑުގެ ފުށުންވެފައި އޮތްނަމަ އެކަމަށް މަޢާފު ދެއްވުން އެދެމެވެ.] 

ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އުއްމު ޙަބީބާއަށް ދެންނެވީމެވެ. [މާތްﷲ ކަމަނާގެ ފާފަފުއްސަވައި ދެއްވާށިއެވެ. އަޅުގަނޑުގެ ހިތުގައި ކަމަނާއާމެދު އެއްވެސް ކޫރުމެއް ނުވެއެވެ.] އުއްމުޙަބީބާ ވިދާޅުވިއެވެ. [ކަމަނާ އަޅުގަނޑު އުފާކޮށްދެއްވައިފީމެވެ. މާތްﷲ ކަމަނާ އުފަލުގައި ލަހައްޓަވާށިއެވެ.] 

އަދި އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނު ބަލައިފިނުއްވައިގެން ގެންނަވައިގެންވެސް ހަމަ މިމޭރުމުން އެކަމަނާއާ ވާހަކަފުޅު ދެއްކެވިއެވެ. އުއްމު ޙަބީބަތުގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައި އޮންނަވައި ހިޖުރައިން 44 ވަނަ އަހަރުގެ ތެރޭގައެވެ.

{އިބްނު ސަޢުދު، ޠަބަޤާތު}

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާ އަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. ނަމަވެސް އެކަމަނާގެ ކުރީގެ ފިރިކަލުން ޢުބައިދުﷲ ބިން ޖަޙުޝް ގެ ފަރާތްޕުޅުން ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަނބަލުންނަކީ، ޙަބީބާ ބިންތު ޢުބައިދުﷲއެވެ. އެކަމަނާ ބޮޑުފުޅުވުމުން ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ ދާވުދު ބުނު ޢުރުވަތު ބުނު މަސްޢޫދުއާއިއެވެ. 

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހޭދަކުރެއްވީ ހަތަރު އަހަރެވެ. އެކަމަނާ އެ މުއްދަތުގެ ތެރޭގައި ޤުރްއާނާއި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް ދަސްފުޅު ކުރެއްވެވިއެވެ. އެކަމަނާގެ އަރިހުން 65 ޙަދީޘް ރިވާވެގެންވެއެވެ. އެކަމަނާގެ އަރިހުން އެކަމަނާގެ ދަރިކަނބަލުން ޙަބީބާ އާއި މުޢާވިޔަތުގެފާނު ޙަދީޘް ރިވާކުރެއްވިއެވެ.

މާތްﷲ، އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާއަށް ރުއްސުން ލައްވާށި!

(ނިމުނީ) 

މިއަދު އޮންލައިން