ޢަލީ އިޙްސާން ފިރާޤު
ކީރިތި ޤުރްއާނަކީ އެފޮތުން ތެދުމަގާއި ހިދާޔަތު ލިބުމަށް އެދޭ މީހަކަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތެއް އެކުލެވިގެންވާ އިލާހީ ކަލާމްފުޅެވެ. އިންސާނުނަށް ހަމަމަގުގައި ސާބިތުވެތިބުމަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތެއް އެފޮތުގައިވެއެވެ. އިންސާނުން އެއިން ޢިބްރަތް ހާސިލުކުރެވޭނެފަދަ އެތަކެއް ވާހަކަތަކާއި މިސާލުތައް އެފޮތުގައި އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ އެބޭކަލަކަށް އެކަލާނގެ ޙިކުމަތްދެއްވި لُقْمَانُ عليه السّلام ގެ ވާހަކައެވެ.
ނަންފުޅާއި ނަސަބުފުޅު
لقمان عليه السّلام ގެ ނަންފުޅާ މަތިކޮޅާ މެދު ޢިލްމުވެރިންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގައިފައިވެއެވެ. އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވި އަލްބިދާޔާ ވައްނިހާޔާގައި އެކަލޭގެފާނުގެ ދެ ނަސަބެއް ބަޔާން ކުރައްވައިފައިވެއެވެ. އެތަނުން އެއް ރިވާޔަތުގައިވަނީ އެކަލޭގެފާނަކީ لُقْمَانُ بْنُ عَنْقَاءَ بْنِ سَدُونُ ކަމަށެވެ. އަނެއް ރިވާޔަތުގައިވަނީ لُقْمَانُ بْنُ ثَارَانُ ކަމަށެވެ. ބައެއް ރިވާޔަތްތަކުގައި ثَارَانُ އަކީ لقمان عليه السّلام ގެ ދަރިކަލުންގެ ނަންފުޅުކަމަށް އައިސްފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 6}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [لقمان عليه السّلام އަކީ، ޙަބުޝްކަރައިގެ އަޅެކެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ވަޑާކުރެއްވުމެވެ.] ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެން އެއްފަހަރަކު ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހަށް ދެންނެވީމެވެ. [ލުޤުމާނުގެފާނާ ބެހޭގޮތުން ކަލޭގެފާނަށް އެނގިވަޑައިގެންފައިވަނީ ކޮން އެއްޗެއްތޯއެވެ؟] ޖާބިރުގެފާނު ވިދާޅުވިއެވެ. [لقمان عليه السّلام އަކީ، އިސްކޮޅުފުޅުން ކުރު، ނޭފަތްޕުޅު އުސް، ނޫބީ ބޭކަލެކެވެ.]
الْأَوْزَاعِي رَحِمَهُ اللَّهُ ވިދާޅުވެފައިވެއެވެ. ސަޢީދު ބުނުލް މުސައްޔަބު ގެ އަރިހަށް އެއްފަހަރަކު ގައިގެ ކުލަކަޅު މީހަކު އައެވެ. އެހިނދު އެކަލޭގެފާނު އޭނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ތިބާގެ ގައިގެ ކުލަ ކަޅުވުމުން، ތިބާއަކީ ނިކަމެތި މީހަކުކަމުގައި ނުހިތާށެވެ. އެހެނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ކަމުގައިވި ތިން ބޭކަލަކުވެއެވެ. އެ ތިންބޭކަލުންނަކީވެސް ގައިގެ ހަމުގެ ކުލަ ކަޅު ތިން ބޭކަލުންނެވެ. އެބޭކަލުންނަކީ ބިލާލުގެފާނާއި، ޢުމަރުގެފާނުގެ އަޅު މަހްޖަޢު އާއި ލުޤްމާނުގެފާނެވެ. ލުޤުމާނުގެފާނަކީ، ގައިގެ ކުލަކޮޅު ކަޅު، ދެތުންފަތްޕުޅު ބޯ، ނޫބީއެކެވެ.]{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 6-7}
ސީރަތު
ކީރިތި ޤުރްއާނުގައި لقمان عليه السّلام ސިފަ ކުރައްވައިފައިވަނީ ވަރަށް ޙިކުމަތްތެރި ޙަކީމެއްގެ ގޮތުގައެވެ. އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ޙިކުމަތްތެރި ނަސޭހަތްޕުޅު ޙިކާޔަތުގެ ގޮތުން ގުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ލުޤުމާނުގެފާނަށް ޙިކުމަތްދެއްވި ވާހަކައަށް އިޝާރާތް ކުރައްވައި ލުޤުމާނު ސޫރަތުގެ 12 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّـهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ حَمِيدٌ ﴿١٢﴾
މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި اللَّه އަށް شكر ކުރުމަށް އެންގެވީމެވެ. އަދި شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ شكر ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި كافر ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.]
خَالِدٍ الرَّبَعِيّ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އަކީ ޙަބުޝްކަރައިގައި ވަޑާންކުރައްވައި އުޅުއްވި ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ސާހިބުމީހާ އެކަލޭގެފާނަށް ވިދާޅުވިއެވެ. [ބަކަރިއެއް ކަތިލައިގެން އޭގެ އެންމެ ރަނގަޅު ދެ މަސްކޮޅު ތިމަންގެ އަރިހަށް ގެނެސްދޭށެވެ.] ދެން، لقمان عليه السّلام ބަކަރިއެއް ކަތިލައްވައިގެން، އޭގެ ހިތާއި ދުލާ ދޭތި ހިތްޕަވައިގެން ސާހިބު މީހާގެ އަރިހަށް ވަޑައިގަތެވެ.
ދުވަސްކޮޅަކަށްފަހު، އަނެއްކާވެސް ސާހިބުމީހާ لقمان عليه السّلام ގެ އަރިހުގައި ވިދާޅުވިއެވެ. [މިއަދު ބަކަރިއެއް ކަތިލައްވައި، އޭގެ އެންމެ ނުބައި ދެމަސްކޮޅު ތިމަންގެ އަރިހަށް ގެނެސްދޭށެވެ.] މިފަހަރުވެސް އެކަލޭގެފާނު ބަކަރިއެއް ކަތިލައްވައި ގެންދެވީ އެ ބަކަރީގެ ހިތާއި ދުލެވެ. އެހިނދު ސާހިބުމީހާ ޙައިރާންވެ، ވިދާޅުވިއެވެ. [މިއީ ކިހިނެއްވީ ކަމެއްހެއްޔެވެ؟ އެހެނީ ކުރިން ދުވަހު ބަކަރީގެ އެންމެ ރަނގަޅު ދެ މަސްކޮޅު ގެނެސްދޭށޭ ބުނުމުން ގެނެސްދިނީ އޭގެ ހިތާއި ދުލެވެ. މިފަހަރު އޭގެ އެންމެ ނުބައި ދެމަސްކޮޅު ގެނެސްދޭށޭ ބުނުމުން ތިޔަ ގެނައީ އޭގެ ހިތާއި ދުލެވެ. މިކަމުގައިވާ ސިއްރަކީ ކޮބައިހެއްޔެވެ؟] لقمان عليه السّلام ވިދާޅުވިއެވެ. [އޭގެ ސިއްރަކީ މިދެމަސްކޮޅު ރަނގަޅުވެއްޖެނަމަ ހަށިގަނޑުގައި މިއަށްވުރެ، ރަނގަޅު އެއްވެސް ގުނަވަނެއް ނުވުމެވެ. އަދި މިދެމަސްކޮޅު ނުބައިވެއްޖެނަމަ، މިއަށްވުރެ ނުބައި އެއްވެސް ގުނަވަނެއް ހަށިގަނޑުގެ ތެރޭގައި ނުވުމެވެ.]
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 17-18}
(އަދި ނުނިމޭ)