ޢަލީ އިޙްސާން ފިރާޤު
އިމާމު މާލިކު އޭނާގެ މުވައްޠާގައި ރިވާ ކުރައްވައިފައިވެއެވެ. އެއްފަހަރަކު މީހަކު އައިސް لقمان عليه السّلام އަށް ދެންނެވިއެވެ. [އަޅުގަނޑަށް މިފެންނަ މަތިވެރި މަޤާމަށް ކަލޭގެފާނަށް ވާސިލުވެވަޑައިގެންނެވުނީ ކިހިނެއްތޯއެވެ؟]
لقمان عليه السّلام ޖަވާބު ދެއްވިއެވެ.
صِدْقُ الْحَدِيثِ وَأَدَاءُ الأَمَانَةِ وَتَرْكُ مَا لاَ يَعْنِينِ {موطأ مالك،كِتَابُ الْكَلَامِ،بَابُ مَا جَاءَ فِي الصِّدْقِ وَالْكَذِبِ،حديث رقم 1818}
މާނައީ: [ބަސްބުނުމުގައި ތެދުވެރިވުމާއި، އަމާނާތައް އަދާކުރުމާއި، ތިމާއާ ނުބެހޭ ކަންތައްތަކާ ނުބެހި ދޫކޮށްލުމެވެ.]
عَمْرُو بْنُ قَيْسُ ވިދާޅުވެފައިވާ ކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އެއްފަހަރަކު لقمان عليه السّلام އެކަލޭގެފާނުގެ މަޖިލިސެއްގައި މީސްތަކުންނަށް ދަރުހެއް ދެއްވަނިކޮށް މީހަކު އައިސް އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔައީ އަޅުގަނޑާއެކު އެވެނި މިވެނި ތަނުގައި ބަކަރި ހުއި ހައްޕަން އުޅުނު މީހާނޫން ހެއްޔެވެ؟]
لقمان عليه السّلام ޖަވާބު ދެއްވިއެވެ. [އާނއެކެވެ.]
އެމީހާ ދެންނެވި އެކަލޭގެފާނު އެފަދަ ޙާލުކޮޅެއްގައި އުޅުއްވައިފައި ތިޔަފަދަ މަޤާމަކަށް ވަޑައިގެންނެވުނީ ކޮންކަމަކުންތޯއެވެ.؟]
لقمان عليه السّلام ވިދާޅުވިއެވެ.
[صِدْقُ الْحَدِيثِ، وَالصَّمْتُ عَمَّا لَا يَعْنِينِي] މާނައީ: ތެދުބަހުން ވާހަކަ ދެއްކުމާއި، ތިމާއާ ނުބެހޭ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ހަނުރުމުންނެވެ.]
عَبْدُ الرَّحْمَنِ بْنُ يَزِيدُ ވިދާޅުވެފައިވެއެވެ. ޙިކުމަތް ދެއްވައި އަރަހުށި މާތްﷲ، لقمان عليه السّلام ގެ މަޤާމު މަތިވެރި ކުރެއްވިއެވެ. ކުރީގައި އެކަލޭގެފާނު ދެކެފައިވާ މީހަކު އައިސް ދެންނެވިއެވެ.
[ކަލޭގެފާނަކީ އަޅުގަނޑުގެ ބަކަރިތައް ބަލަހައްޓަން އުޅުނު އެވެނި މިވެނި މީހާގެ އަޅުކަލޭގެ ނޫންހެއްޔެވެ؟]
لقمان عليه السّلام ވިދާޅުވިއެވެ. [އާނއެކެވެ.]
އެމީހާ ދެންނެވިއެވެ. [ތިޔަފަދަ މަޤާމަކަށް ކަލޭގެފާނަށް އާދެވުނީ ކިހިނެއްތޯއެވެ؟]
لقمان عليه السّلام ވިދާޅުވިއެވެ. [މާތްﷲ ގެ ޤަދަރުގެ ސަބަބުންނެވެ. އަމާނާތްތައް އަދާކޮށް، ތެދުބަހުން ވާހަކަދައްކައި، ތިމާއާ ނުބެހޭ ކަންތައްތަކާ ބެހި ނޫޅުމުގެ ސަބަބުންނެވެ."
އެހެން ރިވާޔަތެއްގައިވެއެވެ. އެއްފަހަރަކު لقمان عليه السّلام ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. [ތިޔައީ بَنِي الْحِسْحَاس ގެ އަޅު لُقْمَانُ ހެއްޔެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އާނއެކެވެ.]
އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ބަކަރި ގޮތްވެއް ނޫން ހެއްޔެވެ؟] لقمان عليه السّلام ވިދާޅުވިއެވެ.[އާނއެކެވެ.]
އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ކަޅު ބޭކަލެއް ނޫންތޯއެވެ؟] لقمان عليه السّلام ވިދާޅުވިއެވެ. [އަޅުގަނޑުގެ ކަޅުކަމަކީ އެންމެނަށް އެނގި ފާޅުވެގެންވާ އެއްޗެކެވެ. ތިބާ މާ ޙައިރާންވެގެން ތިޔަ ސުވާލު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟]
އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ މީސްތަކުން ގިނަގިނައިން ޒިޔާރާތް ކުރާ މީހަކަށް ވެއްޖެއެވެ. ކަލޭގެފާނުގެ ބަސްފުޅުތަކަކީ މީސްތަކުން މާ ރުހި ޤަބޫލުވާ އެއްޗަކަށް ވެއްޖެއެވެ.]
لقمان عليه السّلام ވިދާޅުވިއެވެ. [އޭ އަޚާއެވެ. އަޅުގަނޑު މިބުނާ ކަންތައްތައް ކޮށްފިނަމަ ތިބާއަށްވެސް މި މަޤާމަށް ވާސިލުވެވިދާނެއެވެ."
އޭނާ ދެންނެވިއެވެ. [އެއީ ކޮންކަންތައްތަކެއްތޯއެވެ؟]
لقمان عليه السّلام ވިދާޅުވިއެވެ. [ބެލުންތިރި ކުރުމާއި، ދޫ ރައްކާތެރި ކުރުމާއި، ޙަލާލު ތަކެތި ކެއުމާއި، އިއްފަތްތެރިވުމާއި، ތެދު ބުނުމާއި، ޢަހުދަށް ރައްކާތެރިވުމާއި، މެހެމާނުންނަށް ކެމޭހިތުމާއި، އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާއި، ތިމާއާ ނުބެހޭ ކަންތައްތަކާ ނުބެހި ހުރުމެވެ. ތިބާއަށް މިފެންނަ މަޤާމަށް އަޅުގަނޑަށް ވާސިލުވެނުނީ މިދެންނެވި ކަންތައްތައް ކުރުމުންނެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 7-8}
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. ޖުމުހޫރު ޢިލްމުވެރިންގެ އަރިހުން ވާރިދުވެގެންވާ މަޝްހޫރު ބަހަކީ، لقمان عليه السّلام އަކީ މާތްﷲ އެބޭކަލަކަށް ޙިކުމަތްދެއްވި ވަލީވެރި ބޭކަލެއްކަމުގައެވެ. އެކަލޭގެފާނަކީ ނަބީބޭކަލެއް ނޫންކަމުގައެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 10}
ނުނިމޭ