އަމިއްލަ ދިރިއުޅުމުގަ ކުރެވޭ ކުށްތަކަށްވެސް ވަގުތުން ތައުބާވާނަމަ ދިރިއުޅުމުގަ ބަރަކާތްލައްވަވާނެ- އުފާވެރިކަން ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަމިއްލަ ދިރިއުޅުމުގަ ކުރެވޭ ކުށްތަކަށްވެސް ވަގުތުން ތައުބާވާނަމަ ދިރިއުޅުމުގަ ބަރަކާތްލައްވަވާނެ- އުފާވެރިކަން ދެއްވަވާނެ!

ގެއަށް ވަންނަ ވަގުތު ފެނުނު ކަމެއްގެ ސަބަބުން އަނބިމީހާ ނުވަތަ މައިން ބަފައިން ދެކެ ރުޅި އާދެވުނީއެވެ. ބާރަށް ބަހެއް ބުނެވުނީއެވެ. ބުނެގެން ނުވާނެ ބަހެއް މަޑުން ނަމަވެސް ބުނެވުނީއެވެ. ވަގުތުން ތައުބާވާށެވެ!

އަމިއްލަ ދިރިއުޅުމުގައި ކުރެވޭ ފާފަތަކަށްވެސް ވަގުތުން ތައުބާވާނަމަ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. ރަޙްމަތް އތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ އެހެނީ ގިނަގިނައިން، އަވަސްއަވަހަށް ތައުބާވުމަކީ ﷲ ތަޢާލާ މީސްތަކުންގެ ކިބައިން އެދިވޮޑިގަންނަވާ ގޮތެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

އިތުރު މިސާލެކެވެ. ހިނގަމުން ދަނިކޮށް ފެނުނު ހިލޭ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ބެލުނީއެވެ! އަވަހަށް ތައުބާވާށެވެ! ވަގުތުން އަސްތަޣްފިރުﷲ ކިޔާށެވެ! ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރާށެވެ.

މައްސަލައަކަށްވަނީ މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކަމަށް ބަލައި ތައުބާވުން ލަސްކުރާތީއެވެ. ކުރެވޭ ފާފަތައް ގިނަވެ ފުނިޖެހޭތީއެވެ. ފާފަކުރެވޭ ވަރަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ ދާނީ ތިރިވަމުންނެވެ. ތައުބާވުން އަވަސްކުރާ ވަރަކަށް ދަރަޖަ އުފިލިގެންދާނެއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވަމުންދާނެއެވެ! އިން ޝާ ﷲ

"ތައުބާ ލެއްވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައިކަންތައްކޮށް،

ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 17)

ބައެއް މީހުން ދެކޭ ގޮތުގައި ތައުބާވުމަކީ މިސްކިތަށް ގޮސް ހަމަޖެހިލައިގެން އިނދެ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއާޔަތުގައި ﷲ ތައާލާ އަންގަވާފައި އެވަނީ ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވުމަށެވެ.

އެއްވެސް އިންސާނަކީ އެއްވެސް ކުށެއް، އެންމެ ފާފައެއް ވެސް ނުކުރެވި ހުންނާނެ މީހެއް ނޫނެވެ! ފާފަ ކުރެވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމަކަށްވާތީއެވެ. ވީމާ މި ބަޔާންކުރި އާޔަތުގައި ހިފަހައްޓާށެވެ! ނުހިފަހައްޓައިފިނަމަ އެމީހަކު މަގުފުރެދިގެން ހިނގައިދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން