ޢަލީ އިޙްސާން ފިރާޤު
ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު
لقمان عليه السّلام އެންމެ ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނު އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުންނަށް ދެއްވި އަގުހުރި ނަސޭހަތްޕުޅުގެ ސަބަބުންނެވެ. އެ ނަސޭހަތްޕުޅުގެ މުހިއްމުކަމުގެ ސަބަބުން މާތް اللّـه سبحانه وتعالى ވަނީ އެ ވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައެވެ. ލުޤުމާން ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾
މާނައީ: [އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.]
އަލްޙާފިޡު އިބްނު ކަޘީރު މިދެންނެވި އާޔަތުގެ ތަފްސީރުގައި، ތަފްސީރުލް ޤުރްއާނުލް ޢަޡީމުގައި ލިޔުއްވައިފައިވެއެވެ. لقمان عليه السّلام ގެ ދަރިކަލުންގެ ނަންފުޅަކީ، ثَارَانُ އެވެ. ހަމަ މިދެންނެވި ފަދައިން އިމާމުލް ޤުރްޠުބީވެސް ލިޔުއްވައިފައިވެއެވެ.
ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
އަންޢާމު ސޫރަތުގެ 82 ވަނަ އާޔަތް ބާވައިލެއްވުމުން މާތް ރަސޫލާ ﷺ ގެ ޞަޙާބީ ބޭކަލުންނަށް އެކަން ވަރަށް ބޮޑުވިއެވެ. އެ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. لَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾ މާނައީ: [އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.] ދެން ޞަޙާބީން މާތް ރަސޫލާގެ އަރިހަށް ގޮސް ދެންނެވިއެވެ. [އަޅުގަނޑުމެންގެ ތެރެއިން އީމާންކަމުގެ ތެރެއަށް އަނިޔާވެރިކަމެއް ނުލާ މީހުންނަކީ ކޮބައިހެއްޔެވެ؟] މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އާޔަތުގެ މާނައަކީ ތިޔައީއެއްނޫންނެވެ. ތިބައިމީހުން ލުޤުމާނުގެފާނުގެ ވާހަކަފުޅެއް ނާއްސަވަމުންތޯއެވެ.؟ އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ]}
صحيح البخاري،كتاب تفسير القرآن،باب (لا تشرك بالله إن الشرك لظلم عظيم)، حديث رقم 4516}
މިދެންނެވި އަގުހުރި ނެސޭހަތްޕުޅަށްފަހު لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް އިތުރު ނަސޭހަތްޕުޅުތަކެއް ދެއްވިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގިވެ ކިތަންމެ ކުޑަ ހެޔޮކަމެއްވިޔަސް ކުރުމަށާއި، ކިތަންމެ ކުޑަ ނުބައިކަމަކުންވިޔަސް ދުރުވެގަތުމަށެވެ. އެހެނީ އަރަހުށި މާތްﷲ އަށް އެއްވެސް ކަމެއް ވަންހަނާވެވޮޑިގެން ނުވެއެވެ. މި ވާހަކަ ލުޤުމާނު ސޫރަތުގެ 16 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّـهُ ۚ إِنَّ اللَّـهَ لَطِيفٌ خَبِيرٌ ﴿١٦﴾
މާނައީ: [އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]
ދެން لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅަކީ ނަމާދު ޤާއިމުކުރުމަށާއި، ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކޮށް، ދިމާވާ އެންމެހައި މުސީބާތްތަކަށް ކެތްތެރިވުމެވެ. މި ވާހަކަ ލުޤުމާނު ސޫރަތުގެ 17 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.
يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾
މާނައީ: [އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.]
ބަޔާންވެގެން އެ ދިޔައީ لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ދީނީ އިރުޝާދުތަކުގެ ވާހަކައެވެ. ދެން އެއަށްފަހު އެކަލޭގެފާނު ދަރިކަލުންނަށް ދެއްވައިފައިވަނީ އަޚުލާޤީ އިރުޝާދުތަކެކެވެ. މި ވާހަކަ ކީރިތި ޤުރްއާނުގެ ލުޤުމާނު ސޫރަތުގެ 18 ވަނަ އާޔަތާއި 19 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾
މާނައީ: [އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.]
އަނަސު ބުނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘު ކުރައްވައިފައިވެއެވެ.
"لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ "}صحيح مسلم،كتاب الْبِرِّ وَالصِّلَةِ وَالْآدَابِ،بَابُ النَّهْي عَنِ التَّحَاسُدِ وَالتَّبَاغُضِ وَالتَّدَابُرِ،حديث رقم 4769}
މާނައީ: [ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ނަފްރަތު ނުވާށެވެ. އެއްބަޔަކު އަނެއް ބަޔަކާ ޙަސަދަވެރި ނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްދީ ނުދާށެވެ. މާތްﷲ އަށް އަޅުކަންކުރާ އަޅުންތަކެއްކަމުގަ އާއި އަޚުންތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކު ދެކެ ރުޅިން ވާހަކަ ނުދައްކާ ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުރުން ހުއްދަ ނުވާ ހުއްޓެވެ.]
އަދި ނުނިމޭ