ޢަލީ އިޙްސާން ފިރާޤު
މިހައިތަނަށް މިދަންނަވާލެވުނީ لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ނަސޭހަތްޕުޅުތަކެވެ. އަރަހުށި މާތް اللّـه سبحانه وتعالى ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ.
މިދެންނެވި ކަންތައްތަކުގެ އިތުރުން لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ނަސޭހަތްޕުޅުތައް ތާރީޚު ފޮތްތަކުގައި ބަޔާންވެގެންވެއެވެ.
އިމާމު މާލިކުގެ މުވައްޠާގައި ރިވާވެގެންވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވެފައިވެއެވެ. [އޭ ލޯބިވާ ދަރިފުޅާއެވެ. ޢިލްމުވެރިންގެ މަޖިލީސްތަކުގައި އިށީނދެ އުޅޭށެވެ. އެބައިމީހުންނާއި ގާތްގުޅުމެއް ބާއްވާށެވެ. އެކަމުން މާތްﷲ ހިތްތަކަށް ދިރުންދެއްވައި ޙިކުމަތް ވައްދަވައެވެ. އެކަލާނގެ މަރުވެފައިވާ ބިންގަނޑަކަށް އުޑުން ވާރޭފެން ވެއްސަވައި، ދިރުންދެއްވާ ފަދައިންނެވެ.]
{موطأ مالك،كِتَابُ الْعِلْمِ،بَابُ مَا جَاءَ فِي طَلَبِ الْعِلْمِ،حديث رقم 1844}
އިމާމު އަޙްމަދު، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު ކުރައްވައިފައިވެއެވެ.
إِنَّ اللَّهَ عَزَّ وَجَلَّ إِذَا اسْتُوْدِعَ شَيْئًا حَفِظَهُ{مسند أحمد ابن حنبل،مُسْنَدُ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا،حديث رقم 5464}
މާނައީ: [މާތްﷲ އަށް އެއްޗެއް ޙަވާލުކޮށްފިނަމަ، އެކަލާނގެ އެ އެއްޗަކަށް ރައްކާތެރިވެވޮޑިގަންނަވައެވެ.]
ދެން މިދަންނަވާލަނީ، އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވާ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ބައެއް ނަސޭހަތްޕުޅުތެކެވެ.
ސަރިއްޔު ބުނު ޔަޙްޔާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ޙިކުމަތުގެ ސަބަބުން މިސްކީނުންނަށް ރަސްރަސްކަލުންގެ މަޖިލީސްތަކުން ޖާގަ ލިބެއެވެ.]
އައުނު ބުން ޢަބްދުﷲ ގެ އަރިހުން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ދަރިފުޅު މީސްތަކުންގެ މަޖިލިސަކަށް ގޮސްފިނަމަ އެންމެ ފުރަތަމަ އެބައިމީހުންނަށް ސަލާމް ކުރާށެވެ. އެއަށްފަހު އެންމެ ފަހަށް އޮތްތަނުގައި އިށީންނާށެވެ. އެބައިމީހުން ވާހަކަ ދައްކާ ނިމުމުން މެނުވީ އިސްވެ ވާހަކަ ނުދައްކާށެވެ. އެބައިމީހުން މާތް ރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރަނީނަމަ، އެބައިމީހުންނާ އެއްބައިވާށެވެ. އެބައިމީހުން އެބައިމީހުން މާތް ރަސްކަލާނގެ ހަނދުމަކުރުން ފިޔަވައި އެހެން ވާހަކައެއް ދައްކާނަމަ އެތަނަކުން ދުރުވެގެންނާށެވެ.]
ޙަފްޞު ބުނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެއްފަރަކު އެކަލޭގެފާނުގެ އޮއްޓަރު ގޯންޏެއް ގެންނަވައި ކައިރީގައި ބަހައްޓަވައި، އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަންމުން ގެންދެވިއެވެ. ކޮންމެ ނަސޭހަތެއް ދެއްވުމަށްފަހު އެއިން ރެވިއޮއްޓަރެއް ނަންގަވައެވެ. އެގޮތަށް ގޮސް އެގޯނިން އޮއްޓަރު ހުސްވަންދެން އެކަންތައް ކުރެއްވިއެވެ. އެއަށްފަހު ދަރިކަލުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ބައްޕަ ދަރިފުޅަށް ނަސޭހަތްދީފީމެވެ. އެ ނަސޭހަތްތައް ފަރުބަދައެއްގެ މައްޗަށް އެޅިކަމުގައި ވިޔަސް އެފަރުބަދަވެސް ދެފަޅިވެގެންދާ މިންވަރަށެވެ.]
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 15-16}
މާލިކު ބުނު ދީނާރު ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. މާތްﷲ އަށް ކިޔަމަންތެރިވުމަކީ ދަރިފުޅުގެ ވިޔަފާރިއަށް ހަދާށެވެ. އޭރުން އެއްވެސް ވިޔަފާރި މުދައްލެއްނެތި ދަރިފުޅަށް ނަފާވާނެއެވެ.]
محمد بن واسع ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. މާތްﷲ އަށް ބިރުވެތިވާށެވެ. އަދި ދަރިފުޅުގެ ހިތް ފާޖިރުކޮށް ބާވައި، މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ދަރިފުޅު އެކަލާނގެއަށް ބިރުވެތިވާކަން އެބައިމީހުންނަށް ހާމަ ނުކުރާށެވެ.]
أبي عثمان ވިދާޅުވެފައިވެއެވެ. ބަޞަރާގެ މީހަކު ބުނެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [ދަރިފުޅު ޖާހިލަކާ ރަހްމަތްތެރިކަން ބާއްވަން އުއްމީދު ނުކުރާށެވެ. އެހެނީ އެފަދަ މީހަކާ ރަހްމަތެރިވެއްޖެނަމަ، އޭނާ އަމަލުތަކަށް ދަރިފުޅު ރުހެނީކަމަށް އޭނާ ހީކޮށްފާނެއެވެ. އަދި ޙަކީމެއް ރުޅިނާރުވާށެވެ. އެހެނީ އޭރުން އޭނާ ދަރިފުޅާ ދުރުހެލިވެދާނެއެވެ.]
عبد الله بن زيد ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ވިދާޅުވެފައިވެއެވެ. [މާތްﷲ ގެ އަތްޕުޅުވަނީ ޙިކުމަތްތެރިންގެ އަނގަމަތީގައެވެ. މާތްﷲ ރުއްސަވާ އެއްޗެއް މެނުވީ އެބައިމީހުން ނުބުނާއެވެ.]
سفيان ވިދާޅުވެފައިވާ ކަމަށް حسن بن الجنيد ރިވާ ކުރައްވައިފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ހަނުރުމަކުން ތިމަންކަލޭގެފާނު ދެރައެއް ނުވަމެވެ. ވާހަކަ ދެއްކުމަކީ ރިހި ކަމުގައިވާނަމަ ހަނުހުރުމަކީ ރަނެވެ.]
ޤަތާދާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [ނުބައިކަންތައްތަކާ ދަރިފުޅު ދުރުވެގަންނާށެވެ. އޭރަށް ނުބައިކަންތައްތައް ދަރިފުޅާ ދުރުވާނެއެވެ. ނުބައިކަންތައްތައް ނުބައި ކަމެއް މެނުވީ ހޯދައިނުގަނެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 17-19}