ފިރިމީހާ އަޅުގަނޑު ގާތަށް ނާންނަތާ 2 އަހަރުވެއްޖެއެވެ. ކައިވެނި ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ފިރިމީހާ އަޅުގަނޑު ގާތަށް ނާންނަތާ 2 އަހަރުވެއްޖެއެވެ. ކައިވެނި ޞައްޙަވާނެތޯ؟

"ފިރިމީހާ އަޅުގަނޑު ގާތަށް ނާންނަތާ 2 އަހަރުވެއްޖެއެވެ. އަޅުގަނޑު މިހުންނަނީ ރަށުގައެވެ. ފިރިމީހާ މާލޭގައެވެ. އަޑުއިވެނީ ދެވަނަ ކައިވެންޏެއްވެސް ކޮށްގެން އުޅޭ ވާހަކައެވެ. ނަމަވެސް ފިރިމީހާ އެއްބަހެއް ނުވެއެވެ. އާދޭސްކޮށްކޮށްވެސް ރަށަކަށް ނައެވެ. އަޅުގަނޑު އޭނާ ގާތަކަށް ނުވެސް ގެންދިއައެވެ. މިޙާލަތުގައި ކައިވެނި ޞައްޙަވާނެތޯ؟" 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. 

"ދެމަފިރިން އެއްދާންނުކޮށް ވަރަށް ގިނަދުވަސްތަކެއްވުމުން ކައިވެނި ޞައްޙަވާނެތޯ؟" މި މައުޟޫއަށް ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ތިރީގައިވާ ލިޔުއްވުމުން ކިޔުންތެރިޔާއަށް ޖަވާބު ލިބިލައްވާނެކަމަސް އުންމީދުކުރަމެވެ. 

އެއްދާންކުރުމާއި ދެމަފިރިން ޢިއްފަތްތެރިވުމަކީ ކައިވެނީގެ މަޤްޞަދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މަޤްބޫލު ސަބަބެއް ނެތި، އަނބިމީހާ ފިރިމީހާއާ ދުރުގައި އަދި ފިރިމީހާ އަނބިމީހާއާ ދުރުގައި ދިގު މުއްދަތަކަށް ހުރުމަކީ ހުއްދަކަމެއްވެސް ނޫނެވެ.

ފިރިމީހާ އަނބިމީހާއާ ދުރުގައި ހުރި ހުރުމަކީ އެ ހުންނަ މުއްދަތު ހަމަހަށްވުރެ ދިގުވި ކަމުގައިވިޔަސް، އަނބިމީހާ އެކަމަށް ރުހިގެންވާނަމަ، އަދި އަނބިމީހާއަށް ޚަރަދުކޮށް، އަނބިމީހާ އަމާން ތަނެއްގައި ބަހައްޓާފައިވާނަމަ، އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ.

ފިރިމީހާ އަނބިމީހާއާ ދުރުގައި ހުންނަ މުއްދަތަކީ ހަމަހަށްވުރެ ދިގު މުއްދަތަކަށްވެފައި، އެގޮތަށް ހުންނަނީ މަޤްބޫލު ސަބަބަކާހެދި ނަމަވެސް، މިސާލަކަށް ޢިލްމު އުނގެނުން، ވަޒީފާ އަދާކުރުން ފަދަ ސަބަބަކަކާ ހެދި ނަމަވެސް، އަނބިމީހާ އެކަމަށް ނުރުހޭނަމަ، އަނބިމީހާ އެކަމަށް އެދި ފިރިމީހާ ގާތު ބުނުމުންވެސް ނައިސް ހުންނަ ނަމަ، ފިރިމީހާ ކައިރިން ވަކިވާން، ޤާޟީއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ. އެހެނީ އެހާ ގިނަ ދުވަހު ދުރުގައި ހުރުމަކީ އަނބިމީހާގެ ޙައްޤު( އަނބިފިރިކަމުގެ ގުޅުމުގެ ޙައްޤު) އެކަމުގެ ސަބަބުން ގެއްލިގެންދާ ކަމެކެވެ.

ފިރިމީހާ އަނބިމީހާއާ އެއްދާން ނުކުރި ކަމުގައިވިޔަސް ކައިވެނި ޞައްޙަ ވާނެއެވެ. އެއްދާން ނުކޮށް ހަތަރުމަސް ނުވަތަ އަހަރު ދެ އަހަރު މިހެން ގޮސް ކިތަންމެ ގިނަ އަހަރެއް ތިބި ކަމުގައި ވިޔަސް ކައިވެނީގެ ޞައްޙަ ކަމަކަށް ބަދަލެއް ނާންނާނެއެވެ.

ކައިވެނި ރޫޅޭނީ މިދަންނަވާ ގޮތްގޮތުންނެވެ.

1- ވަރިކުރުން

2- ދެމަފިރިން ކުރެ މީހަކު ނިޔާވުން

3- ޤާޟީ، އަނބިމީހާ އާއި ފިރިމީހާ މުފާރަޤާކުރުން (ވަކިކުރުން) އެއީ އެކަން ކުރަންޖެހޭ ސަބަބެއް މެދުވެރިވުމުންނެވެ. މިސާލަކަށް ފިރިމިހާ ގެއްލި ގިނަދުވަސް ވެފައިވުން ނުވަތަ ފިރިމީހާ އަނބިމީހާއަށް އަނިޔާކުރުމާއެކުވެސް ވަރިކުރަން ދެކޮޅުހެދުން ފަދަ ސަބަބުތަކެވެ.

4- ދެމަފިރީންކުރެ މީހަކު މުރުތައްދުވުމުގެ ސަބަބުން ކައިވެނި ފަސްޚުކޮށް އެދެމީހުން ވަކިކުރުން. 

ވީމާ، އެއްދާންނުކޮށް، ފިރިމީހާ ނުވަތަ އަނބިމީހާ އެކަކު އަނެކަކާ ދުރުގައި ހުރުމަކީ، ނުވަތަ އެއްދާންނުކޮށް ދިރިއުޅުމަކީ އެކަމުގެ ސަބަބުން ކައިވެނީގެ ޞައްޙަ ކަމަށް އަސަރުކުރާ ކަމެއް ނޫނެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢުތައް

https://islamqa.info/ar/answers/245819

فتاوى إسلامية” (3/212). އިބްނު ޖިބްރީން

فتاوى نور على الدرب”. ޝައިޚް ޢުޘައިމީން

 

މިއަދު އޮންލައިން