ހަމަކަށަވަރުން، ދުނިޔެވީ ޙަޔާތް ބާއްޖަވެރިވެ، އުފާފާގަތިވުމަށްޓަކައި އަމަން އަމާންކަމަކީ ކޮންމެ ބަޔަކަށް ވަރަށްވެސް މުހިއްމުކަމެކެވެ. އަމަން އަމާންކަން ނެތި އެއްވެސް ބަޔަކަށް ހަމަހިމޭން ދިރިއުޅުމެއް ނުލިބޭނެއެވެ. އެކަންވާނީވެސް އެހެންނެވެ. ބިރުވެރިކަމާއި، ނާމާންކަމުގެ ތެރޭގައި ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟ އަމަން އަމާންކަން ގެއްލިއްޖެނަމަ އޭގެ ބަދަލުގައި އެތަނަކަށް ވެރިވާނީ ބިރުވެރިކަމާއި ނާމާންކަމެވެ. އެހިނދުން ކެއުމަކުން، އަދި ބުއިމަކުން ކުރާނެ ރާޙަތެއް ނޯންނާނެއެވެ.
ނިކަން ވިސްނާލައްވާށެވެ! إِبْرَاهِيْمُ عَلَيْهِ السَّلَامُ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކުރެއްވި ދުޢާއާމެދު ވިސްނަވާށެވެ! އެކަލޭގެފާނު ދުޢާކުރެއްވިއެވެ. {رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ} މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިންކުރެ، اَللَّهُ سُبْحَانَهُ وَتَعَالَى އަށާއި އާޚިރަތް ދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒްޤުދެއްވައިފާނދޭވެ!"
އެދުޢާގައި ރިޒްޤު ތަނަވަސްކޮށްދެއްވުމަށް އެދިވަޑައިގަތުމުގެ ކުރިން އެވަނީ އަމަން އަމާންކަމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އެއީ، ކެއިން ބުއިމަށްވުރެވެސް، އެކަން މުހިއްމުވާތީ ނޫންތޯއެވެ؟ ބިރުވެރިކަމާއި ނާމާންކަމެއްގައި ކެއިން ބުއިމާއި ނިދުމުގައި ލިބޭނީ ކޮން އަރާމެއްތޯއެވެ؟
ދަންނާށެވެ! ދުނިޔެވީ ޙަޔާތުގެ އެއްވެސް ނިޢުމަތެއް، އަމަން އަމާންކަމުގެ ނިޢުމަތާ އަޅާ ނުކިޔޭނެތެވެ. رَسُوْلُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. (مَنْ أَصْبَحَ مِنْكُمْ آمِنًا فِيْ سِرْبِهِ، مُعَافًى فِيْ جَسَدِهِ، عِنْدَهُ قُوْتَ يَوْمِهِ، فَكَأَنَّمَا حِيْزَتْ لَهُ الدُّنْيَا بِحَذَافِيْرِهَا) މާނައީ: "އެމީހެއްގެ ގޭގައި އަހުލުވެރިންގެ މެދުގައި އަމާންކަމާއެކުވެ، އަދި އޭނާގެ ޞިއްޙަތު ސަލާމަތުން ލެހެއްޓެވިގެންވާ، އަދި އެދުވަހެއްގެ ފުރާގު އޭނާއަށް ލިބެވިގެންވާ މީހަކީ، މުޅިދުނިޔޭގެ ހުރިހާ މޮޅެއް ލިބިގެންވާ މީހެއްފަދައެވެ."
ދަންނާށެވެ! އެއްވެސް ޙައްޤަކާނުލައި މީސްތަކުންގެ މުދަލަށާއި، ފުރާނައަށް ގެއްލުންވާފަދަ ކަންކަންކޮށް ލޭއޮހޮރުވައި ހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. އެހެން ނަމަވެސް، މުސްލިމުންގެ މެދުގައި ބިރުވެރިކަމާއި، ނާމާންކަން ފަތުރައި ހަމަނުޖެހުންތައް އުފައްދައި ފަސާދަކުރަން ބޭނުންވާ މީހުން، ރެއާ ދުވާލު އެ މަސައްކަތްތައް ކުރަމުންދެއެވެ. އެގޮތުން މިކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ތެރެއަށް އިސްލާމްދީނާ ޚިލާފު ފިކުރުތަކާއި ފާސިދު ޢަޤީދާތަކާއި، މަޛުހަބުތަށް ވައްދައި މި މުޖުތަމަޢު ފުނޑުފުނޑުކޮށްލުމަށް ގަދައަޅާ މަސައްކަތްކުރެއެވެ.
އެހެންކަމުން، އިސްލާމީ ވަޙުދަތު މިޤައުމުން ފޮހެލައި މިލޮބުވެތި ފަސްގަނޑަށް ގެއްލުންދީ ފަސާދަކުރުމަށް މަސައްކަތްކުރާ ކޮންމެ މީހަކު ބޭޒާރުކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައި ބަލަމާތޯއެވެ! އަމުދުން އަޅުގަނޑުމެންގެ ތެރެއިން ދީނީޢިލްމުވެރިންނާއި، ހެޔޮލަފާ މުފައްކިރުންނާއި، އިޚްލާޞްތެރި ނޫސްވެރިންގެ ދައުރު މިކަމުގައި ބޮޑުކުރަންޖެހޭކަމަށް ދެކެމެވެ. އެފާސިދުންގެ ސުންޕާކަމުންނާއި، ފަތުރާ ވިހަތަކުންނާއި، ނުރައްކާތެރިކަންކަމުން މުޖުތަމަޢު ހޭލުންތެރިކުރުވަން ޖެހެއެވެ.
އަޅުގަނޑުމެންގެ ކުޑަކުޑަ މިޤައުމަކީ ސައްތައިން ސައްތަ ސުންނީ މުސްލިމް ޤައުމެކެވެ. މިގޮތުގައި މިޤައުމު ދެމިއޮތުމަށް ބޭނުންނުވާ އެތައްބަޔަކު އެތެރެއިންނާއި ބޭރުގައި އެބައުޅެއެވެ. އެގޮތުން ފާސިދު ޢަޤީދާތަކާއި، ބާޠިލު ޖަމާޢަތްތައް މިތަނަށް ވެއްދުމަށް މަސައްކަތްކުރެއެވެ. އެހެންކަމުން، މި ލޮބުވެތި ފަސްގަނޑާއި، އިސްލާމީ ވަޙުދަތަށްޓަކައި އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުން މިއަދުމިވަނީ ލާޒިމްވެފައެވެ.
މިދީނުގެ ދުޝްމަނުން މިއަދު މިވަނީ މިދީނުގެ ނަމުގައި މުސްލިމު ޒުވާނުންގެ ހިތްތަކާއި ކުޅެން ފަށާފައެވެ. ޒުވާނުންނަކީ މުޖުތަމަޢުގެ އެންމެ މުހިއްމު އެއް ރުކުނަށްވާތީ އެބައިމީހުން ބޭނުންކޮށްގެން އެބައިމީހުން ބޭނުންވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށްޓަކައެވެ.
ވުމާއެކު، އަޅުގަނޑުމެން އެޒުވާނުންގެ އަތުހިފައިގެން އަޅުގަނޑުމެންގެ ވަސްފޮހެލަން އުޅޭ މީހުންގެ މަކަރުވެރި ރޭވުންތަކާމެދު އެކުދިން ހޭލުންތެރިކުރަންޖެހެއެވެ. ސަލަފުއް ޞާލިޙުންގެ ފަހުމުގެ މަތީން ކީރިތިޤުރްއާނާއި ޠާހިރު ސުންނަތުގެ އަލީގައި އެކުދިން ހޭލުންތެރިނުކުރެވިއްޖެނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ފަރާތުން އަންނަ ނުރައްކާތެރިކަމާއި ދީނާ ދެކޮޅު ފިކުރުތަކުގެ މީހުންގެ ފަރާތުން އަންނަ ނުރައްކާ ނުހަނު ބޮޑުވާނެއެވެ. އަދި ނާމާންކަން ފުރިގެންވާ މާސިންގާ ކަނޑެއްގެ ތެރެއަށް ޣަރަޤުކޮށްލާނެއެވެ.
اَللَّهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން މިއަޅާ އެދި ދަންނަވަނީ، ގެއްލުންދެނިވި އެންމެހައި ފިކުރުތަކުންނާއި، ޖަމާޢަތްތަކުން އަޅުގަނޑުމެންގެ ޒުވާނުން ރައްކާތެރިކޮށް ދެއްވައި، ސީދާވެގެންވާ ތެދުމަގަށް އެބައިމީހުންނަށް މަގުދެއްކެވުމެވެ. އަދި އަމަން އަމާންކަމާއި، ހަމަޖެހުމާ ސަލާމަތްތެރިކަން މިލޮބުވެތި ވަޠަނަށް މިންވަރުކުރައްވައި، ޢަދާވާތްތެރީންގެ މަކަރުވެރި ރޭވުންތަކުން މިޤައުމު ސަލާމަތްކޮށްދެއްވެވުމެވެ. وَآخِرُ دَعْوَانَا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
(މިއީ އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް މިއަދުނޫހަށް ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ.)