އުންމަތަށް ދޫކުރެއްވެވި އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން މާތް ރަސޫލާ ޞޢވ, ގެ ކެތްތެރިކަން: 1

ކިޔުމަށް ހޭދަވާނީ 2މ 39ސ
އުންމަތަށް ދޫކުރެއްވެވި އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން މާތް ރަސޫލާ ޞޢވ, ގެ ކެތްތެރިކަން: 1

ޢަލީ އިޙްސާން ފިރާޤު

 

"ދެ އަނބިކަނބަލުންނާއި، ހަބޭފުޅުން އަވަހާރަވުމުންވެސް ކެތްތެރިވެވަޑައިގެންނެވި."

އަރަހުށި މާތްﷲ އިންސާނުން ހައްދަވައިފައިވަނީ، ވަރަށް ކެތްތެރިކަންކުޑަ މަޚުލޫޤެއްގެ ގޮތުގައެވެ. އިންސާނީ ފިޠުރަތުގައި ލައްވައިފައިވާ މި އުނިކަން އެންމެ ރަނގަޅަށް ނެރެދައްކައިލަނީ، އިންސާނުންނަށް ކުރިމަތިވާ އިމްތިހާނުގެ ވަގުތުތަކުގައެވެ. ހިތާމަވެރިކަން ބަރުދާސްތުކުރަން ޖެހޭ ވަގުތުތަކުގައެވެ. އަރަހުށި މާތްﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ނަބިއްޔުންނާއި، ރަސޫލުން ފޮނުއްވައި ފުދަވައިލެއްވީއަކީ ނޫނެވެ. އެބޭކަލުން މެދުވެރިކުރައްވައި އިންސާނުންގެ ޙަޔާތުގައި ކުރިމަތިވާ އެންމެހައި މައްސަލަތަކެއްގެ ޙައްލު ހޯއްދަވައި ދެއްވިއެވެ. އެބޭކަލުންގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއަކީ ޢިބްރަތްތެރި ދަރުސްތަކެއްކަމުގައި ލެއްވިއެވެ.

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާއަކީ އިންސާނިއްޔަތުގެ މުރައްބީއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ބާބުތަކުގެ ތެރެއިން ކެތްތެރިކަމުގެ ބާބަކީ ވަކީން ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހޭ ބާބެކެވެ. މައިކަނބަލުން އާމިނަތުގެފާނު އެކަލޭގެފާނާއިގެން އާލާސްވެއިންނެވިތަނާ، ބަފައިކަލުން ޢަބްދުﷲގެފާނު އަވަހާރަވެއްޖެއެވެ. ޢުމުރުފުޅުން ހަ އަހަރުފުޅުވާއިރަށް މައިކަނބަލުންގެ އޯގާވެރިކަމުން މަޙުރޫމުވެވަޑައިގެންފިއެވެ. އަށް އަހަރުފުޅުގައި ކާފާފުޅު ފުރައުއްތަވެއްޖެއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ދެއްކެވީ ނުހަނު ސާބިތުކަމާއި ކެތްތެރިކަމެކެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ބޮޑުފުޅުވެވަޑައިގެން ޒަވާޖީ ޙަޔާތްޕުޅެއް ފެއްޓެވީ އުމުރުފުޅުން 25 އަހަރުފުޅުގައެވެ. ކާވެނިފުޅު ބެއްލެވީ މައްކާގެ ޤަދަރުވެރި، މުއްސަނދި، އިއްފަތްތެރިކަމާއި އަބުރުވެރިކަމަށް މަޝްހޫރުވެވަޑައިގެންފައިވާ ޚަދީޖާ ރަޟިޔަﷲ ޢަންހާއާއެވެ. އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއަކީ ނުހަނު ސާފު ޠަބީއަތެއްގެވެރި ބޭކަނބަލެކެވެ. ދެބޭކަނބަލުން ދިރި އުޅުއްވަމުން ގެންދެވީ ނުހަނު އޮމާން ދިރިއުޅުއްވުމެކެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނުހަނު އިހްތިރާމު ކުރައްވައެވެ. އޯގާތެރިވެވަޑައިގެން އެހީތެރިވެވަޑައިގެން އުޅުއްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޖެހިވަޑައިގެންނެވި އެންމެހައި މުޞީބާތެއްގެ ފަހަތްޕުޅުގައި ހިތްވަރުދެއްވަން ޚަދީޖަތުގެފާނު އެއްވެސް ވަރުބަލިފުޅުކަމެއްނެތި ހުންނަވައެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރު އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ވިދާޅުވެއްޖެއެވެ. އެކަމަނާ އަވަހާރަވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ހިތާމަފުޅު ކުރެއްވިއެވެ. އިސްލާމީ ތާރީޚުގައި އެ އަހަރު ފާހަގަ ކުރެވިފައިވަނީ ހިތާމައިގެ އަހަރުގެ ގޮތުގައެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  ކެތްތެރިވެވަޑައިގެން އެ ހިތާމަފުޅުތައް ބަރުދާސްތު ކުރެއްވެވިއެވެ.

އަދި ނުނިމޭ

 

މިއަދު އޮންލައިން