ޢަލީ އިޙްސާން ފިރާޤު
މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމޭ ކިޔުނު ދަރިކަލެކެވެ. މާރިޔަތުލް ޤިބްޠިއްޔާ ރަޟިޔަﷲ ޢަންހާގެ ބަނޑުފުޅުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އިބްރާހީމުގެފާނުދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން އެކަލޭގެފާނުގެ އަރިހަށްވަޑައިގެން ލޯބިކުރައްވައި ބޮސްދެއްވައި ހައްދަވައެވެ. އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ކައުސާހިބާ صلّى اللّـه عليه وسلّم އަކީ އެކަލޭގެފާނުގެ އަޙްލުވެރިންނަށް އެންމެ އޯގާތެރި ހިތްޕުޅުހެޔޮ ބޭފުޅާއެވެ. އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމުގެފާނު ކިރުފޮދު އެރުވުމަށްޓަކައި ބަހައްޓަވާފައި ވަނީ މަދީނާގެ އަވަށެއްގެ ގޭގައެވެ. އިބްރާހީމުގެފާނު ގެ ކިރުމައިކަނބަލުންގެ ފިރިކަލުންނަކީ، ކަނބުރުވެރިއެކެވެ. އަހަރެމެން މާތްރަސޫލާ صلّى اللّـه عليه وسلّم އާއެކު އެގެއަށް ގޮސްއުޅެމުއެވެ. ބައެއް ފަހަރު އެގޭތެރެ އެއްކޮށް އޮންނަނީ ދުމުން ފުރިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެން އެދަރިކަލުން އުރުވަޑުވައި އެދަރިކަލުންގެ ގައިކޮޅުގައި ބޮސްދެއްވައި ހައްދަވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އުނގުފުޅުގައި އެދަރިކަލުން ބައިންދަވައެވެ."
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި އުފާވެރިކަން މާގިނަ ދުވަސްތަކަށް ދެމިގެންނެއް ނުދިޔައެވެ. ކެތްތެރިކަމުގެ ނަމޫނާ މިސާލު ދައްކަވަމުން ވަޑައިގެންނެވި ސާހިބާއަށް އަނެއްކާވެސް އިމްތިޙާނެއް ކުރިމަތިވެވަޑައިގެންފިއެވެ. އެމާތް ސާހިބާ صلّى اللّـه عليه وسلّم ގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުންނާ ވަކިވެވަޑައިގަންވާން ޖެހިވަޑައިގަންނަވާ ވަގުތު ކުޑަތަންވީއެވެ. އަބަދު ހިތްޕުޅަށް އުފާވެރިކަން ގެނެސްދެއްވަމުން ގެންދެވި ދަރިކަލުން އަބަދުގެ އަބަދަށް މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވަނީއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް، އެކަލޭގެފާނުގެ ދަރިކަލުންގެ އާލާސްކަންފުޅުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އަވަސް އަވަހަށް އެދަރިކަލުން ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އޭރު އެދަރިކަލުން އެންމެފަހުގެ ނޭވާފުޅު ލައްވަނީއެވެ. އެދަރިކަލުންގެ ޙާލުކޮޅު ފެނިވަޑައިގެން މާތްރަސޫލާ صلّى اللّـه عليه وسلّم ގެ ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އިތުރު ސާހިބާގެ މާތް ލޯފުޅު ކަރުނަފޮދުން ފުރި އެކަލޭގެފާނުގެ ކޯތާފަތްޕުޅަށް އޮހޮރެމުން ދިޔައެވެ. އެ މަންޒަރު ފެނިވަޑައިގެން އެކަލޭގެފާނުގެ ނުހަނު އިޚްލާޞްތެރި ޞަޙާބީބޭކަލެއްކަމުގައިވާ ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. "ކަލޭގެފާނުވެސް ކީރިތި ކުރައްވަނީތޯއެވެ.؟" ޙަދީޘް ކުރެއްވިއެވެ. "އޭ އިބްނު ޢައުފެވެ. މިއީ ރަޙްމަތެވެ." މިހެން ޙަދީ×ޘް ކުރައްވައި އިހުނަށްވުރެ ބޮޑަށް ކީރިތި ކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ]ލޮލުން ކަރުނަ އޮހޮރޭނެއެވެ. ހިތް މޮޅިވެއެވެ. އެހެނެއްކަމަކު އަހަރެމެން މާތް ﷲ ރުހިވޮޑިގެންވާ އެއްޗެއް މެނުވީ ނުބުނާނަމެވެ. އޭ އިބްރާހީމެވެ. ތިޔަ ދަރިކަލުނާ ވަކިވުމަކީ އަހަރެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހިތާމައެކެވެ.[
ދެން، މާގިނައިރު ތަކެއްނުވެ، އެ ޠާހިރު ފުރާނަފުޅު، އެ ފުރާނަފުޅުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދަތުރު ކުރައްވައިފިއެވެ. އިބްރާހީމުގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ދިހަވަނަ އަހަރުގެތެރޭގައެވެ. ބައެއް ޢިލްމުވެރިން ލިޔުއްވާގޮތުގައި ރަބީޢުލް އައްވަލު މަހުގެ ތެރޭގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖުމާދުލް ޢާޚިރާމަހުގެ ތެރޭގައެވެ.
އިބްރާހީމުގެފާނުގެ ޙުރުމަތްތެރި ދޮންމަންމާފުޅު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވާގޮތުގައި އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ޢުމުރުފުޅުން އެންމެ އަށާރަ މަސްފުޅުގައެވެ. އޭރު އެދަރިކަލުންގެ ޢުމުރުފުޅުން ސޯޅަމަސްދުވަސްކަމަށާއި ދިހަމަސްދުވަސް ކަމުގައިވެސް ރިވާވެގެންވެއެވެ. ޞައްޙަގޮތުގައި ސާބިތުވަނީ އޭރު އެދަރިކަލުން ކިރުތުނބުން ނުވީއްލޭކަމެވެ. އެދަރިކަލުން އަވަހާރަވުމުން، ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިއެވެ. [ސުވަރުގޭގައި އެދަރިކަލުންނަށް ކިރުފޮދު އަރުވާނެ ކިރުމަޔަކު އައްޔަންކުރެވިފައިވެއެވެ.]
އިބްރާހީމުގެފާނު އަވަހާރަވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވެސް ސުވަރުގެވަޑައިގެންފިއެވެ. މިދަންނަވައިލީ ކެތްތެރިކަމުގެ ބާބުގައި އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ދައްކަވައިފައިވާ ރިވެތި ނަމޫނާއެވެ. މިއީ އަޅުގަނޑުމެންނަށް ވެސް އެއިން ޢިބުރަތް ލިބޭނެ ޙާދިޘާތަކެއްކަން ޔަގީނެވެ.
- ލިޔުނީ: ޢަލީ އިޙްސާން ފިރާޤު