ކަންކަން ދިމާވުމުން ކެތްތެރިވެ މަޑުން ހުންނަނަމަ އެމީހަކަށް މަލާމާތް ކުރެއެވެ. އެއީ ފިނޑިމީހެއްކަމަށްވެސް ބުނެއެވެ. ނަމަވެސް އެއީ ކަމުގެ ޙަޤީޤަތެއް ނޫނެވެ.
މީހަކު މަޑުން ހުރުމަކީ އެމީހާގެ ބަލިކަށިކަމެއް ނޫނެވެ! ވީމާ ތިބާ ވެސް މަޑުން ހުރުމަކީ ތިބާގެ ބަލިކަށިކަން ކަމުގައި ނުދެކޭށެވެ! ކަންކަން ކުރުމުގައި ބޭރުފުށުން މަޑުން ތިބޭ މީހުންގެ އެތެރޭގެ ބާރު މާ ވަރުގަދަވާނެއެވެ! އަދި އެމީހުން މަޑުން ތިބޭކަމުން އަނގައިދެނީ އެމީހުންގެ އެތެރޭގެ ކޮންޓްރޯލް ވަރުގަދަކަމެވެ. (އިޙްޞާޞްތައް ކޮންޓްރޯލު ކުރުމުގެ ބާރު ލިބިގެންވާ ކަމެވެ.
އެމީހުންނަށް އެމީހުން ވާހަކަ ދައްކަން ޖެހޭ ވަގުތާއި އަޑުއަހަން ޖެހޭ ވަގުތު އެނގޭނެއެވެ. އަދި ކެތްތެރިވާން ޖެހޭ ވަގުތާއި ފިޔަވަޅު އަޅަން ޖެހޭ ވަގުތު ވެސް އެނގޭނެއެވެ. އެފަދަ މީހުންގެ އަގު ވަޒަން ކުރުމުގައި އެމީހުންނަކީ ބައެއް ނޫން ކަމަށް ހީނުކުރާށެވެ! އެމީހުން ބިންމަތީގައި ހިނގައި އުޅެނީ (ދުނިޔޭގައި އުޅެނީ) އެންމެ ބާރުގަދަ މީހުންގެ ގޮތުގައެވެ.
--މުފްތީ މެންކް
މުފްތީ މެންކުގެ މި ބަސްފުޅަކީ ކޮންމެ މީހަކުވެސް ހަމަ ވިސްނައިލުން ރަނގަޅު ބަސްފުޅެކެވެ. ކަމެއް ދިމާވާއިރަށް ކެތްތެރިކަން ކޮޅުންލައި އިންސާނުންގެ ދަރަޖައިން ބޭރުވެގަންނަ މީޙުން ވަކިން ބޮޑަށް ވިސްނައިލުން ރަނގަޅެވެ. މިއީ ޢާއިލީ ދިރިއުޅުމުގައި ވެސް ވިސްނައިލަން ވަރަށް މުހިންމު ކަމެކެވެ. ދިމާވާ ކަންކަމުގައި އަނބިމީހާ ނުވަތަ ފިރިމީހާ މަޑުމައިތިރިކަން ޚިޔާރުކުރަނީ އަނެކާއަށްވުރެ ދެރަވެ ނިކަމެތިވެގެނެއް ނޫނެވެ! ކުރިމަތިވާ ކަންކަން ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން އެމީހަކަށް ލިބިފައިވާތީއެވެ.