އަޅުކަންކުރަމުން ފާފަކުރާ މީހުން ނިކަން މިސުވާލުގެ ޖަވާބުދީބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އަޅުކަންކުރަމުން ފާފަކުރާ މީހުން ނިކަން މިސުވާލުގެ ޖަވާބުދީބަލާށެވެ!

ބައެއް މީހުން އަޅުކަންކުރަމުން ފާފަކުރެއެވެ. ބުނެއެވެ. "މިއަދު މިހައި ގިނަ އަޅުކަންކޮށްފީމެވެ. ކޮށްލެވޭ ފާފައަކުން ލިބޭނެ ދެރައެއް ނެތެވެ. އަޅައިކަނޑައިލުމުން އިތުރުވެސްވާނެއެވެ." މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެފަދަ މީހުން ނިކަން ބުނެބަލާށެވެ! "ތިބާ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭ ހެއްޔެވެ؟"

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއިމެދު ވިސްނައި ޝުކުރުވެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކަށް އަބަދުވެސް ބެލެނީ އެމީހާއަށް ކުރެވޭ ހެޔޮ ކަންކަމުގެއެވެ. އެގޮތަށް ހިސާބު ޖެހުމަކީ މީހާއަށް މަގު އޮޅިގެން ހިނގައިދާނެ ކަމެކެވެ. ޣާފިލުވެވިގެން ހިނގައިދާނެ ކަމެކެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އަޅުކަން ކުރެވޭނަމަ އޭނާއަށް އެވަނީ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ހުރިހާ ހައްޤުތަކެއް އަދާކުރެވި ނިފައި ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ރެއާއި ދުވާލު އަހަރެމެން އަޅުކަން ކުރި ނަމަވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ވެވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެއަށްވުރެ މާ ގިނަ ނިޢްމަތްތައް ކޮންމެ ދުވަހަކު ﷲ ތަޢަލާ ދެއްވަވައެވެ.

ފަރުޟު ނަމާދުތައްކޮށް ރޯދަ ހިފައި އަދި ހުރިހާ ފަރުޟްތަކެއް އަދާކުރެވޭނަމަ އެއީ ވަރަށް ރަނގަޅުކަމެކެވެ. އެފަދަ މީހުންނަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލުކުރަން މަސައްކަތްކުރާ މީހުންނެވެ. ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ.

މިފަދަ މީހުންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް އެބަ އޮވެއެވެ. އެއީ ކަންކަން ކުރެވުނު ގޮތެވެ. އެހެނީ ހުރިހާ ކަމެއް ފުރިހަމައަށް ކުރުމަކީ އިންސާނުންނަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. މިސާލަކަށް ނަމާދު ކުރި ނަމަވެސް އެނަމާދު ކުރެވުނީ އެންމެ ފުރިހަމަ ގޮތުގައިކަން ޔަޤީން ނުކުރެވޭނެތީއެވެ.

މިފަދަ ހުރިހާ ކަންކަން މިހެން ހުރި ނަމަވެސް ﷲ ތައާލާ އަހަރެމެންނަށް ދެއްވަވާ ނިޢްމަތްތައް ދެއްވަވައެވެ. ރިޒްޤް ދެއްވަވައެވެ. މުދައު ދެއްވަވައެވެ. އަނބިން، ފިރިން ދަރިން ދެއްވަވައެވެ. ބަލިވުމުން ޝިފާ ދެއްވަވައެވެ. ދެލޮލަށް ފެނުމާއި ކަންފަތަށް އަޑުއިވުމާއި މިހެން ގޮސް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވައެވެ.

މިކަމުގައި ބަލަން ޖެހޭނީ ޞަހާބީން ޢަމަލު ކުރެއްވެވި ގޮތަށެވެ. ރެއާއި ދުވާލު އަޅުކަމުގައި އުޅުއްވެވި އިރުވެސް އަބަދުވެސް އުޅުއްވެވީ ކުރެއްވޭ އަޅުކަން މަދުވެގެންނެވެ. އަބަދުވެސް ތިއްބެވީ ކުރެއްވެވި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރަށް ވިރިވިރއެވެ. ވީމާ އަހަރެމެން މިއަދު އެފަދަ ހިސާބުތައް ޖަހައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަން ކުރުން ގިނަ ކުޜާށެވެ! އަދި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ޞަޙާބީން ކޮޕީކުރަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން