ޢަލީ އިޙްސާން ފިރާޤު
އައްސައްޔިދާ މަރްޔަމުގެފާނަކީ، އިންސާނީ ތާރީޚުގައި ވަރަށް ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން އެބޭކަނބަލެއްގެ ނަންފުޅު ބަޔާންވެގެންވާ އަންހެން ސާހިބަކީ އެކަމަނާއެވެ. ކީރިތި ޤުރްއާނުގައި އެކަމަނާގެ ބައްޕާފުޅާއި މަންމާފުޅާއި ދަރިކަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އެކަމަނާގެ ޢިއްފަތްތެރިކަމަނާ ތަޤުވާވެރިކަމަށް އަރަހުށި މާތްﷲ ތާރީފުގެ ބަސްފުޅު ވަޙީ ކުރައްވައިފައިވެއެވެ.
މަރްޔަމުގެފާނުގެ ނަސަބުފުޅު:
މަރްޔަމުގެފާނަކީ، މާތްﷲ ގެ ނަބިއްޔާ އަދި އެކަލާނގެ ރަސޫލާ داود عليه السّلام ގެ ނަސަބުފުޅުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާފުޅަކީ ޢިމްރާނެވެ. އެކަލޭގެފާނަކީ ނުހަނު ޞާލިޙު ތަޤުވާވެރި ބޭކަލެކެވެ. މުޙައްމަދު ބުނު އިސްޙާޤުއާ ޙަވާލާދެއްވައި، އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. ޢިމްރާނުގެ ފުރިހަމަ ނަސަބުނާމާއަކީ عِمْرَانُ بْنُ يَاشَمَ بْنِ أَمُونَ بْنِ مَيْشَا بْنِ حِزْقِيَا بْنِ أحريق بن موثم بن عزازيا ابن أَمْصِيَا بْنِ يَاوشَ بْنِ حريهو بْنِ يَازِمَ بْنِ يَهْفَاشَاطَ بْنِ إِنْشَا بْنِ ايان بن رحبعام بْنِ سُلَيْمَانَ بْنِ دَاوُدَ، عَلَيْهِمَا السَّلَامُ އެވެ.
ނަމަވެސް އަބުލް ޤާސިމު އިބްނު އަސާކިރު ޢިމްރާނުގެ ނަސަބުފުޅު ލިޔުއްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. عمران بن ماثان بن العازر بن اليود بن اخنر بن صادوق بن عيازوز بن الياقيم بن ايبود بن زريابيل بن شالتال بن يوحينا بن برشا بن امون بن ميشا بن حزقا بن احاز بن موثام بن عزريا بن يورام بن يوشافاط بن ايشا بن ايبا بن رحبعام بن سليمان بن داود عليه السلام އެވެ.
މިދެންނެވުނު ދެނަސަބުނާމާ ލިޔުއްވުމަށްފަހު އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މަރްޔަމުގެފާނަކީ، داود عليه السّلام ގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަނބަލެކަމާމެދަކު ޢިމްލުވެރިންގެ މެދުގައި ޚިލާފެއް އުފެދިފައެއްނުވެއެވެ. މަރްޔަމުގެފާނުގެ ބަފައިކަލުން ޢިމްރާނަކީ އެޒަމާނުގައި ބަނީއިސްރާއީލުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވާ ބޭކަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ ވަރަށް އަޅުވެރިބޭކަނބަލެކެވެ. ނަންފުޅަކީ، حَنَّةُ بِنْتُ فَاقُوذُ بن قتيل އެވެ. އެޒަމާނުގައި ބަނީ އިސްރާއީލުންގެ ތެރޭގައި ހުންނެވި ނަބީބޭކަލަކީ زكريّا عليه السّلام އެވެ. އެކަލޭގެފާނު ކާވެނިފުޅު ބައްލަވައިގެން އުޅުއްވަނީ މަރްޔަމުގެފާނުގެ އުޚުތުކަމަށްވާ إيشاعُ بِنْتُ فَاقُوذُ އާއެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީ إيشاعُ بِنْتُ فَاقُوذُ އަކީ މަރްޔަމުގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅު ކަމަށެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 417-418}
އަރަހުށި މާތްﷲ ގެ ޙަޟްރަތުގައި މަރްޔަމުގެފާނުގެ ޚާންދާނަށްވަނީ ޚާއްޞަ އިމްތިޔާޒީ މަޤާމެއްލިބިވަޑައިގެންފައެވެ. އާދެ! ޢިމްރާނުގެ އާލުވެރިންވަނީ ޢާލަމްތަކުގެ މައްޗަށް މާތް ކުރައްވާ މަތިވެރި ކުރެވުނު މަދު ޢާއިލާތަކުގެ ތެރެއިންނެވެ. އާލު ޢިމްރާނު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِنَّ اللَّـهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ ﴿٣٣﴾
މާނައީ: [ހަމަކަށަވަރުން، اللَّه، آدم ގެފާނާއި، نوح ގެފާނާއި، إبراهيم ގެފާނުގެ آل ވެރިންނާއި، عمران ގެ آل ވެރިން (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް خيار ކުރެއްވިއެވެ].
އަލް އިމާމުލް ޤުރްތުބީ ލިޔުއްވައިފައިވެއެވެ. އިސްލާމީ ތާރީޚުގައި ދެ ޢިމްރާނެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެއް ޢިމްރާނަކީ މޫސާގެފާނާއި، ހާރޫނުގެފާނުގެ ބަފައިކަލުންނެވެ. އޭނާއަކީ އިބްރާހީމުގެފާނުގެ އިސްޙާޤުގެފާނުގެ ޔަޢުޤޫބުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެކެވެ. ނަސަބުފުޅުގެ ސިލްސިލާއަކީ، عِمْرَانُ بْنُ يَصْهَرَ بْنِ فَاهَاثَ بْنِ لَاوَى بْنِ يَعْقُوب އެވެ. އަނެއް ޢިމްރާނަކީ، عِمْرَانُ بْنُ مَاثانُ އެވެ. އެއީ މަރްޔަމުގެފާނުގެ ބަފައިކަލުންނެވެ. ޢީސާގެފާނުގެ ކާފާކަލުންނެވެ.
{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އާލު ޢިމްރާނު ސޫރަތުގެ 33 ވަނަ ތަފްސީރު}
أنوار التنزيل އޭ ކިޔުނު ތަފްސީރުގައި البيضاوي ލިޔުއްވައިފައިވެއެވެ. މިދެންނެވި ދެ ޢިމްރާނުގެ ދެމެދުގައި އަށާރަ ސަތޭހަ އަހަރުގެ ދިގު މުއްދަތެއްވެއެވެ.
- އަދި ނުނިމޭ