ވިސްނައިލާށެވެ! މުޅިޢުމުރުގަވެސް ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދަކީ ދެންމެ ތިއަ ކުރި ނަމާދުކަމަށް ވެއްޖެނަމަ....

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ވިސްނައިލާށެވެ! މުޅިޢުމުރުގަވެސް ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދަކީ ދެންމެ ތިއަ ކުރި ނަމާދުކަމަށް ވެއްޖެނަމަ....

ޢަޞްރުނަމާދު ނިމިގެން އަހަރެމެން މިސްކިތުން މިފޭބީ ހަމަ ދެންމެއެއެވެ. މަގުމައްޗަށް ނުވެސް ނުކުމެވެނީސް އެފެންނަނީ މަލަކުލްމައުތު ތިބާގެ ފުރާނަ ހިއްޕަވަންވަޑައިގަންނަވާ ތަނެވެ. އެހިނދުން ފެށިގެން ތައުބާވުމުގެ މަގުތައް ބަންދުވާނެއެވެ. އިތުރު އަޅުކަމެއްވެސް ނުކުރެވޭނެއެވެ. އެފަދަ ހުރިހާ ކަންކަން ކުރެވުން ބަންދުވީއެވެ. އެހެންވެ މކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުމުގެ މުހިންމުކަން ބޮޑުކަމުން މިރޭވެސް ހަނދާންކޮށްލައިދޭނަމެވެ. 

އެއްދުވަހަކު ޞަޙާބީއަކު ރަސޫލް  ﷺ އަށް ދެންނެވިއެވެ. މާތް ނަބިއްޔާއެވެ! މިއަޅާއަށް ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވަވާށެވެ! އަދި އެދެނީ އާދައިގެ ނަޞޭޙަތްފުޅަކަށް ނޫން ކަމަށާއި އެ ނަޞޭޙަތްފުޅުގެ ސަބަބުން އޭނާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އެދޭ ކަމަށެވެ. 

އެހިނދު ރަސޫލް (ﷺ) އެނާއަށް 3 ކަމަކަށް ނަޞޭޙަތް ދެއްވެވިއެވެ. ނުވަތަ ވަޞިއްޔަތް ކުރެއްވެވިއެވެ. ފުރަތަމަ ކަމަކީ "ނަމާދުކުރާއިރު އެ ނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ނަމާދުކުރާށެވެ!" 

ބައެއް މީހުންނަށް ނަމާދުގައި ފަރުވާ ކުޑަކުރެވެއެވެ. ހިތަށް އަރަނީ މާދަން ނުވަތަ ދެން ކުރާ ނަމާދެއް ފުރިހަމަކޮށް އެތަން ފޫބެއްމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަ ވިސްނުމެކެވެ. މާދަމާ ދިރިހުންނާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި ދެން ޖެހޭ ނަމާދެއް އަންނަންދެންވެސް ދިރިހުންނާނެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ނަމާދަކީ ދަރަންޏެކެވެ. ދަރަނި އަދާކުރެވެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދުކޮށްގެންނެވެ. ވީމާ އެންމެ ނަމާދެއްވެސް ފުރިހަމަ ގޮތުގައި ނުކުރެވިއްޖެ ނަމަ އެ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ ނަމާދަކަށް ވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ އަހަރެމެންގެ މައްޗަށް އޮތީ ކުރާ ކޮންމެ ނަމާދެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. އެއް ނަމާދުގައި ފަރުވާ ކުޑަކޮށްފައި އަނެއް ނަމާދުގައި ފަރުވާ ބަހައްޓާފައި އެގޮތަށް ކަންކަން ކުރަން ވިސްނަން ހެޔޮވެސް ނުވާނެއެވެ. އެއީ ވަރަށް ބޮޑަށް ބިރުވެރިކަން ހުރި ކަމެކެވެ. 

ނަމާދަށް ހުންނަ ވަގުތަކީ އެދުވަހު ދިމާވި ކަންކަމަށް އަދި އެދުވަހު ކުރަންޖެހިފައި ހުރި ކަންތައްތަކަށް ވިސްނުމުގެ ވަގުތަކަށް ނުހަދާށެވެ! އެހެނީ އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ނަމާދުގައި ތިބާ އާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުން އެވަނީ ކެނޑިފައެވެ. ތިބާ ގުޅިފައި އެވަނީ ތިބާ ކުރަން ހުރި ކަންތައްތަކާއިއެވެ. އެއިރުން ނަމާދުކުރުމުގެ މަޤްޞަދު އެވަނީ ނެތި ގޮސްފައެވެ. މިސަބަބަށްޓަކައި ކޮންމެ ނަމާދެއްގައި ހުންނައިރުވެސް އެ ނަމާދާއިމެދު ނޫނީ ނުވިސްނުމަށް ރަސޫލް (ﷺ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން