ބައިވެރިޔާ ނަމަވެސް ދޮގުހެދުން ހުއްޓާނުލައިފިނަމަ އެމީހަކާއި ދުރުހެލިވާށެވެ! އެކުގަ ދިރިއުޅެން މަސައްކަތްކުރުމުން ލިބޭ އަނިޔާ މާބޮޑުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ބައިވެރިޔާ ނަމަވެސް ދޮގުހެދުން ހުއްޓާނުލައިފިނަމަ އެމީހަކާއި ދުރުހެލިވާށެވެ! އެކުގަ ދިރިއުޅެން މަސައްކަތްކުރުމުން ލިބޭ އަނިޔާ މާބޮޑުވާނެއެވެ!

ދޮގުހެދުމަކީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ. އެކަން ނުދަންނަ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް ދޮގުހެދުން ޢާންމުކަމަކަށްވަމުން އައިސް މިއަދު ދޮގުނުހަދަނީ ކާކުހެއްޔެވެ؟ ދޮގުހަދަން ޖެހިލުންވަނީ ކިތައް މީހުންހެއްޔެވެ؟

ދޮގުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެއް ކަމަށް ބަޔާންކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "އެންމެ ބޮޑެތި ފިތުނަތައް އުފެދިފައިވަނީ ދޮގު ހެދުމުގެ ސަބަބުންނެވެ. އަދި ދޮގު ހެދުމުގެ ހުރި ނުބައިކަން ބޮޑުކަން ނިކަން ދެކިބަލާށެވެ. ރަސޫލް ﷺ ގެ އަރިއަހުގައި ދޮގުހެދުމުން އެހެދީ ދޮގެއްކަން ބަޔާންކުރައްވަވައި 7 އުޑުމަތިން ވަގުތުން ވަޙިބާވާލައްވާފައި އެބަހުއްޓެވެ."

ދޮގުހަދަނީ ޚުދު ތިމާގެ ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް ތަޝައްރަފް ފުދިފައިވާ ދަރިއަކު ނަމަވެސް ދޮގު ހަދާކަން ޔަޤީން ވުމުން ދުރުވެވެން އޮތް މިންވަރަށް ދުރުހެލިވާންވާނެއެވެ. ރައްޓެއްސަކު ނަމަ އެކުގައި ދުރުހެލިވާންވާނެއެވެ. ބައިވެރިޔާ ދޮގުހެދުން ހުއްޓާނުލިނަމަ އޭނާއާއިއެކު ދިރިއުޅެން މަސައްކަތްކުރުމަށްވުރެ ފައިދާހުރި ގޮތަކީ އޭނާއާއި ވަކިވުމެވެ.

އޭނާގެ ކިބައިން އުފެދިދާނެ ފިތުނައިން ޢާއިލާ ސަލާމަތްކުރަންވާނެއެވެ. އެކަމަށް ސަމާލުކަން ނުދިނުމުން ބޮޑެތި މައްސަލަތައް ކުރިމަތިވެ ރަޙިމުގެ ގުޅުން ކެނޑެން މެދުވެރިވެފައިވަނީ ކިތައް ޢާއިލާތަކަށް ހެއްޔެވެ؟

ބައެއް މީހުންނަށް ހީވަނީ ވައްކަން ކުރުމުން އަތްކަނޑަން އޮވެފައި ދޮގު ހެދުމުން ދޫބުރިކޮށްލަން ނެތުމުން ދޮގުހެދުމަކީ އެއްވެސް ފާފައެއް ނޫން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ދޮގު ހެދުމަށްވެސް ބޮޑެތި އަދަބުތައް ވެސް އެބަހުރިކަމެވެ. ހައްދު ޖެހުންވެސް އެބައޮތެވެ. ހެދި ދޮގުގެ ސަބަބުން ޢާންމުވި ފިތުނައިގެ ބަދަލު ހޯދުންވެސް އެބައޮތެވެ. ދޮގު ހެދުމަކީ ނުވަތަ ދޮގު ބުނުމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.

ދޮގު ހަދާކަން އެނގިއްޖެނަމަ އެކަން ނުކޮށް ހުއްޓައިލުމަށް ނަޞޭހަތްތެރިވާށެވެ! ދެވަނަ ފަހަރަށް ދޮގު ހަދައިފިނަމަ ވެސް އެކަމުގެ ހުރި ނުބައިކަން ވިސްނައިދޭށެވެ! ޤަބޫލުނުކޮށް 3 ވަނަ ފަހަރު ދޮގުހަދައިފިނަމަ އެމީހަކާއި އޮތީ ހަމަ ގުޅުން ކަނޑައިލުމެވެ. ސަބަބަކީ ދޮގު ހެދުމަކީ ފިތުނައިގެ ފެށުމެވެ. އެ ފިތުނައިގެ ހުޅުކޮޅު ބޮޑުވެ މުޅި ޢާއިލާއެކުގައި އަނދާފައި އެބަހުއްޓެވެ. މުޅި މުޖުތަމައު ވެސް އެކުގައި އަނދާފައި އެބަހުއްޓެވެ. މާނައަކީ ޢާއިލާތަކުގައި ފިތުނަ އުފެދި ޢާއިލީ ގުޅުންތައް ކެނޑި، ޢާއިލާތައް ރޫޅޭކަމެވެ. މުޅި މުޖުތަމައު ފަސާދަވެ ބޮޑެތި ތަޅާފޮޅުމާއި ހަނގުރާމަތައް ހިނގާ ކަމެވެ.

ކަންކަމަށް ކެތްތެރިވެ އެކުގައި އުޅެން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ޙަޔާތުގެ ބައިވެރިޔާއާއިއެކުގައެވެ. ޙަޔާތުގެ ބައިވެރިޔާ ނަމަވެސް ދޮގުހެދުން ހުއްޓާނުލައިފިނަމަ އެކުގައި ދިރިއުޅެން މަސައްކަތް ކުރުމެއްނެތެވެ. އޮތީ އެމީހަކާއި އަވަހަށް ދުރުހެލިވުމެވެ.

އެއްވެސް މީހަކީ ދޮގު ހަދާ މީހަކުކަން އެނގިއްޖެނަމަ އެކަން ހުއްޓުވޭތޯ މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެމީހާ ދޮގުހެދުން ހުއްޓާނުލައިފިނަމަ އެމީހަކު ލައްވައި އިތުރަށް ދޮގު ނުހައްދުވައި ވީހައި އަވަހަކަށް އެމީހަކާއި ދުރުހެލިވާންވީ އެމީހެއްގެ ކިބައިން ލިބިދާނެ ފައިދާއަކަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވީމައެވެ.

ވީމާ ބައެއް އިލްމުވެރިންގެ ނަޒަރުގައި ދޮގުހެދުމަކީ ހަމަ އެންމެ ބޮޑުފާފައެކެވެ. އެކަމަށް ޙައްޤު ޢަޛާބު ﷲ ތަޢާލާ ދެއްވަވާނެއެވެ! ވީމާ ދޮގު ހެދުމުގެ ނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ! އެކުވެރިއަކު ނުވަތަ ޢާއިލާގެ މީހަކު ނަމަވެސް އެނޫން މީހަކު ނަމަވެސް ދޮގުހަދާނަމަ އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުވެސް ނާހާށެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދެން ނުޖެހޭ ޝައްކެއް އުފެދުމަކީވެސް ލިބިގަނެވޭ އަނިޔާއެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން