ތިބާގެ އެންމެ ގާތް މީހުން ކުއްލި ގޮތަކަށް މަރުވެގެން ކިތައް ފަހަރު ޚަބަރުލިބިއްޖެ ހައްޔެވެ؟ މާދަން ނުވަތަ ކޮންމެ ވަގުތަކުވެސް ތިބާގެ އެކުވެރިން މެސެޖުކުރަން ފަށާނީ ތިބާ މަރުވެގެން ނޫންކަން އެނގެނީވެސް ކިހިނަކުން ހެއްޔެވެ؟ އެދުވަހު މަރުވި މީހުންގެ ލިސްޓުގައި ތިބާގެ ނަން ލިޔެވޭނީ ކޮން ދުވަހަކުކަން އެނގެނީ ހެއްޔެވެ؟
މަރަށް ތައްޔާރުވާން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޢާއިލާގެ އެންމެންނާއި ހުރިހާ އެކުވެރިން ދޫކޮށް ތިމާ އެކަނި ކައްވަޅަށް ދާންޖެހޭނެ ވަގުތަށެވެ! އެއްކޮށްފައި ހުރިހާ މުދައުތަކާއި ފައިސާތައްވެސް ތިބާގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި ދާންޖެހޭނެ ވަގުތަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިކަމަށް ސަމާލުކަމެއް ނުދެވެއެވެ. މަރަށް ވާންޖެހޭ ތައްޔާރީތަކެއް ނުވެވެއެވެ. ގިނަ އަދަދެއްގެ މީހުންނާއި މަރުގެ ބައްދަލު ކުރައްވަވަނީ ތައްޔާރު ނުވެ ހެއްޓައެވެ.
މަރުގެ މަލާއިކަތާ ލޮލަށް ފެނުމަށްފަހު އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކޭނެއިރު ޝަހާދަތް ކިޔައިލުމުގެ ފުރުޞަތުވެސް ލިބޭނީ ހަމައެކަނި މަރަށް ތައްޔާރުވެގެން ހުންނަ މީހަކަށެވެ. ޝަހާދަތަށް ޢަމަލުކުރި މީހަކަށެވެ. ޝަހާދަތަށް ޢަމަލުކުރުމަކީ ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުމަށެވެ.
ވީމާ އާޚިރަތް އެދޭ މީހާ ހަޔާތުގައި އެންމެ އިސްކަމަކަށް މަރަށް ތައްޔާރުވުން ހަދާށެވެ! އެހެން ހުރިހާ ކަންކަން އެއިގެ ފަހަތުން ލިސްޓް ކުރާށެވެ! އެންމެ މުހިންމު މެސެޖް ޕޭޖުގެ އެންމެ މަތީގައި ޕިންކުރާ ފަދައިންނެވެ! އެ ޕިން ނައްޓައިނުލާށެވެ! އެހެނީ އެއަށްވުރެ މުހިންމު އެއްވެސް ކުރިމަތިނުވާނެތީއެވެ!
މިރޭވެސް ހަނދާންކޮށްލައިދޭނަމެވެ.
މަރު ހިއްޕަވަން މަރުގެ މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެއެވެ. މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ! ހުންނަވާނީ ހުދު ހެދުނަކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެންމެ ކަންބޮޑުވާންޖެހޭ ވަގުތެވެ! އެ ވަގުތުކޮޅަކީ އެމީހަކު ދުނިޔޭގައި އޮތް ނަމަވެސް ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާ ވަގުތެވެ. ފެންނަ އެއްވެސް ކަމަކާއި ހިނގާ އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް އެމީހަކަށް ނުދެއްކޭނެއެވެ.
މައްޔިތާ ގެންގޮސް ކައްވަޅުގައި ވަޅުލެވޭ އިރަށް ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައެވެ. މިގޮތަށް ފިއަތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ރަސޫލް (ﷺ)ގެ ޙަދިޘްފުޅުތަކުން އެނގެނީ އެކަން އެގޮތަށް ހިނގާނެ ކަމެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައަވްޅުގައި ސުވާލުކުރެވޭނީ އެކަން ހިނގުމަށްފަހުގައެވެ.
މިފަދަ ވާހަކަތައް ދައްކާއިރަށް އެއް ބައަކު މިބުނަނީ ތިއައީ ދެން ދައްކަން ކޮން ވާހަކައެއް ހެއްޔެވެ؟ ތިއަ ފަދަކަންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެހެން އެބުނަނީ އާޚިރަތް އޮތްކަމާއި މި މުޞީބާތްތައް ކުރިމަތިވާނެ ކަމަށް ޤަބޫލު ނުކުރާ މީހުންނެވެ. އާޚިރަތް އަންނާނެކަން ޤަބޫލު ނުކުރި މީހުންނަށް (މަރުވެފައިވާ) މީހުންނަށް މިހާރު އެވަނީ އާޚިރަތް އައިސްފައެވެ. އާޚިރަތުގެ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައެވެ. ކޮންފަދަ ބޮޑެތި މޮޔައިން ހެއްޔެވެ؟ ކުރިމަތިލާން ޖެހިފައި އެވަނީ ކޮންފަދަ ބޮޑެތި ބިރުވެރި ކަންކަމާއި ހެއްޔެވެ؟ އެފަދަ ބޮޑެތި މޮޔައިންނަށްވެ އަމިއްލައަށް ގަދަފަދަ އަޒާބުގެ ތެރެއަށް ވެއްޓި ނުގަންނާށެވެ!
ޤިޔާމަތްވާން ހިނގާނެ ކަންކަން އޮޅުންފިލުވަން ގިނަބައަކު އުޅެއެވެ. އެއިގެތެރެއިން އެއްބައަކު ހެޔޮ ޢަމަލުކޮށް ޤިޔާމަތްދުވަހާއި ކުރިމަތިލާން ތައްޔާރެއް ނުވެއެވެ. އެހެން ތިއްބައި އެބަ މިދުނިޔެ ދޫކުރަންޖެހެއެވެ. މަރުގެ މަލާއިކަތާ އެމީހާގެ ލޮލަށް ފެންނަ ހިސާބުން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. ވީމާ މަރަށް ތައްޔާރުނުވާ މީހާ ހޯދާ ޤިޔާމަތްވުމުގެ ޢާލާމާތްތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
--މުފްތީ މެންކްގެ ދަރުސަކުން