ޙަޔާތުގެ ބައިވެރިޔާއަށް ނިކަމެތިކޮށް ހިތާ މީހާއަށްވުރެ އަނިޔާވެރި، ފިނޑި އަދި ޖާހިލުކަން ބޮޑު މީހަކު ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޙަޔާތުގެ ބައިވެރިޔާއަށް ނިކަމެތިކޮށް ހިތާ މީހާއަށްވުރެ އަނިޔާވެރި، ފިނޑި އަދި ޖާހިލުކަން ބޮޑު މީހަކު ނުވެއެވެ!

މިފަދަ އަމަލުތައް ކުރުމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ކުރުމަކީ އެމީހަކަށް ހުރިހާ ގޮތަކުންވެސް މުޞީބާތްތައް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމަށްވާއިރު މިފަދަ ޙާލަތަކަށް އަމިއްލައަށް ވެއްޓިގަތުމަކީ އެމީހެއްގެ ޖާހިލުކަން ހާމަވެގެންދާ ދެވަނަ ސަބަބެވެ.

ވީމާ ފިރިން ކަމުގައިވީނަމަވެސް އަދި އަނބިން ކަމުގައިވީނަމަވެސް ހަޔާތުގެ ބައިވެރިވާއަށް އޯގާތެރިވާށެވެ! ހިތުގައި ޖެއްސުމާއި އަނިޔާކުރުން ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެބާވަތުގެ ކަންކަން ކުރާނަމަ ދެމީހުންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ. އަދި ވަރި ގިނަވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

ކަމެއް ދިމާވި ނަމަވެސް ރުޅި އިސްކުރުމަކީ އެމީހާގެ ދަހިވެތިކަމުގެ ބޮޑުކަން އަނގައިދޭ ކަމެކެވެ. ރުޅިއަކީ ހައްލު ހޯދަން މަސައްކަތްކޮށް ހައްލެއް ނުފެނުމުން އެންމެފަހުން ބޭނުންކުރަން އޮންނަ ހަތިޔާރު ކަމަށް ހަދާށެވެ. ވީމާ ރުޅިއަކީ ފުރަތަމަ ބޭނުންކުރާ ހަތިޔާރަށް އެއްގޮތަކަށްވެސް ހަދައިގެން ނުވާނެއެވެ. ހަމަ އެއާއިއެކު މައްސަލަތައް ޙައްލުކުރަން ބޭނުންކުރާ ހަތިޔާރަކީ އޯގާތެރިކަން ކަމުގައި ހަދައިފިނަމަ ގިނަ މައްސަލަތައް ޙައްލުކުރެވޭނެއެވެ.

ކަމެއް ދިމާވާއިރަށް ރުޅި އިސްކުރާނަމަ އެކަމުން އެނގިގެންދަނީ އެމީހަކު ނަމާދުކޮށް ރޯދަހިފައި އަދި ކީރިތި ޤްރްއާން ކިޔަވައި ޞަދަޤާތްދީ ހެދިނަމަވެސް އެކަންކަމުގެ ސަބަބުން ތިމާއަށް ލިބެން ޖެހޭ ރޫޙާނީ ފައިދާ ނުލިބޭ ކަމެވެ. އަޅުކަން ކުރުމުން ލިބެނެން ޖެހޭ ރޫޙާނީ ފައިދާ ލިބެމުން ނުދާނަމަ ޤަބޫލުކުރަން ޖެހޭނީ އެމީހަކު އިބްލާޙްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމެވެ. އެކަންކަމަސް ވިސްނައި އަވަހަށް އަމަލުތައް އިޞްލާޙްކުރަން އަވަސްވެގަންނާށެވެ!

ޙަޔާތުގެ ބައިވެރިޔާ ނިކަމެތިކޮށްލައި، ބައިވެރިޔާއަށް ނިކަމެތިކޮށް ހިތައި އަދި ހަރުކަށި އަމަލުކުރުމަކީ ޖާހިލުންގެ ސިފައެކެވެ. ބައެއް މީހުން އެކަން ކުރަނީ އެމީހުންގެ ބާރުގަދަކަން ދެއްކުމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމީހަކަށް ލިބޭނީ އިތުރު ނިކަމެތި ކަމެވެ. އެންމެންނަށް ހާމަވެ އެނގިގެންދަނީ ވެސް އެމީހެއްގެ ނިކަމެތި ކަމެވެ. އެހެނީ ހަޤީޤީ ބާރު ހުރި މީހަކު އެމީހަކަށްވުރެ ބަލިކަށި މީހަކަށް އަތް އިސްކުރުމަކީ ކުރާނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ހެޔޮކޮށް ހިތަން ޖެހޭ މީހަކު ނިކަމެތިކޮށް ހިތުގައި ޖެއްސުމަކީވެސް ކުރާނެ ކަމެއް ނޫނެވެ.

ގިނަ ފަހަރު މިފަދަ މައްސަލަތައް ކުރިމަތިވެ އަނިޔާ ލިބެނީ އަންހެނުންނަށެވެ. ފިރިހެނުންނަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ވަރަށް މަދުންނެވެ. މިއީ އަންހެނުންނަށްވުރެ އެތައް ގުނައަކަށް ބާރު ގަދަ ފިރިހެނުން ލަދުގަންނަން ޖެހޭނެ ކަމެކެވެ. ހަމަ އެފަދައިން އަނބިންނާއި ދަރިންގެ ބެލެނިވެރިކަމާއި ހަވާލުވެހުރި މީހެއްގެ ހައިޞިއްޔަތުން ލަދުވެސް ގަންނަން ޖެހޭނެ ކަމެކެވެ. އެފަދަ އަމަލުތައް ކުރަނީ މިފަދަ އެއްވެސް ކަމަކަށް ހޭލުންތެރިކަމެއް ނެތް މީހުންނެވެ. އެމީހުންނަކީ ޖާހިލުން ކަމަށް ބުނެވޭ އެއް ސަބަބަކީވެސް އެއީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން