ޤިޔާމަތުގެ ވާހަކަ 15: ދެތާޅަފިލީގެ ދެމެދުގެ މުއްދަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ޤިޔާމަތުގެ ވާހަކަ 15: ދެތާޅަފިލީގެ ދެމެދުގެ މުއްދަތު-

فصل (7)

ދެތާޅަފިލި ދެމެދުގައި ތިބޭތިބުން ދަންނައެ، އެއީ ދެވަނަ މަރުވެފައި ތިބޭ ތިބުމެވެ. މިމަރުވުމުން އެތެރެފުށުގެ حسّ ތައް مَنَع ވެދެއެވެ. ހަށިގަނޑު މަރުވާ މަރުވުމުން مَنَع ވަނީ ބޭރުފުށުގެ حسّ ތަކެވެ. މިހެނީ ހެލިފެލިވެ حركاة ތައް ކުރާ އެއްޗަކީ، ހަށިގަނޑު ތަކެވެ. އެހެންވީމާ، ހަށިގަނޑުތައް މަރުވެފައި نفس  ދިރިހުންނަ ހުރުމެއްގައި ނަމާދެއް ރޯދައެއް އަދި އެހެންވެސް އަޅުކަމެއް ނުވަތަ ފާފައެއްވެސް ނުކުރާހުއްޓެވެ. އަދި ކިއެއްތަ ވާޖިބެއްވެސް ނުވެއެވެ. 

މަލާއިކަތަކު ހަށިގަނޑަކަށް ވެއްދޭނޭނަމަވެސް އެހަށިގަނޑުގައި އިރުކޮޅަކުވެސް ނުހުންނަވާ ހުއްޓެވެ. މިހެނީ އެ މަލާއިކަތާ އެފަސޭހަކަމުގެ عالم އަށް އަވަސްވެގަތުމުގެ ދަހިވެތިކަމަށްޓަކައެވެ. نفس  އަކީ بسيط جَوهَر އެކެވެ. އެ جَوهَر ހަށިގަނޑާއި، އެއްވުމުން ދުނިޔޭގައި ދިރިތިބޭ ދިރިތިބުން ދިރިކަންތައްތައް ކުރާން ފަށައިފައެވެ. ދެން ކުރިމަތީގައި شَريْعَة އާއި قَوَاعِدُ ހުންނާން ޖެހިދެއެވެ. ހަށިގަނޑުތައް މަރުވެފައިވާ نفس ތައް ތިބޭ އިރު އެއަކީ، تكليف ގެ ޒަމާނެއް ނޫނެވެ. އިހުކުޅަ  عَمَل ތަކަށް جَزَاء ލިބުމުގެ ޒަމާނެކެވެ. އެކަމަކު ހުރިހައި ކަމެއް އެނގުމާއި، އަރާމާއި، އުނދަގޫ ލިބުމާއި ހުންނަހުއްޓެވެ.

ތާޅަފިލީގެ އަޑަށް އެވާ މަރުވުމުން މިހުރިހައި ކަމެއް ނެތިދެއެވެ. ދެވަނަ ތާޅަފިލީގެ އަޑަށް ދިރިގެން ތެދުވަނީ، ހަށިގަނޑުތަކާއި އެކުގައެވެ. މިއަކީވެސް ތަކުލީފުގެ ޒަމާނެއްނޫނެވެ. އަދި ކިއެއްތަ މިއީ ހިސާބު ބައްލަވައި عدل އަށް ނިޔާކުރައްވައި ފުރިހަމައަށް جزاء ލިބުމުގެ ދިރިތިބުމެކެވެ. އެޖަޒާ ފުރިހަމަކަމުން ދެން އަލަކުން މަރުވުމެއް ނުއޮވެއެވެ. خَالِدِيْنَ فِيْهَا اَبَدًا މިބަސްފުޅުގެ ނިޔާ ކަނޑައެޅިދެއެވެ. ދެންފަހެ ފުރަތަމަ ތާޅަފިލި ފުންމެވުމާއި، ދެވަނައަށް ފުންމެވުމާއި މިދެމެދުގެ މުއްދަތަކާމެދުގައި މީސްތަކުންވަނީ ޚިލާފުވެގެންނެވެ. 

ގިނަމީހުންގެ ބަހަކީ އެމުއްދަތަކީ، ސާޅީސް އަހަރުކަމުގައެވެ. އެބެއިކަލަކު علم ވެރިކަމާއި معرفَة ވެރި ކަމާއި މެދުގައި އަހުރެން ޝައްކުނުކުރާ ދަންނަބޭކަލަކު، އަހުރެންގެ ގާތުގައި ވިދާޅުވިޔޭ، އެކަންތަކަކީ، އަރަހުށި މާތްރަސްކަލާނގެ ދެނެވޮޑިގެންވާކަމެކެވެ. އެހެން އެއްވެސްމީހަކަށް އެނގޭނެކަމެއް ނޫނެވެ. އެހެރީ رُبُوبِيَّ ސިއްރުތަކެވެ. ހަމަ އެހެންމެ ފުރަތަމަ ތާޅަފިލީގެ އަޑަށް އެންމެން މަރުވެދާނެޔޭ. މާތްރަސްކަލާނގެ އަދިވެސް ލެހެއްޓެވުމަށް އިރާދަކުރެއްވި ބަޔަކު މެނުވީ، މިހެން އެއޮތް اِسْتِثْنَاء ގައި އެއޮތް ބަޔަކީވެސް ނުވަތަ އެބަޔަކު عيّن ވެ އެނގުމަކީވެސް އަދި އެބައެއްގެ ޢަދަދު އެނގުމަކީވެސް މީހުންނަކަށް ހުރި ކަންތައްތަކެއް ނޫނެވެ. އަދި ކިއެއްތަ އެހެރަ ކަންކަމީ، އެކަންކަމުގެ ދެނެވޮޑިގަތުން މާތްރަސްކަލާނގެ ކިބައަށް خَاصَّ ވެގެން ހުރި ކަންކަމެވެ. 

- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)

މިއަދު އޮންލައިން