ބޭބެމެން ދެމަފިރިން ދުރުވާން އުޅޭތީ ބައްޕަމެން އެބަ ސިހުރު ހައްދުވައެވެ! އެކަން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ބޭބެމެން ދެމަފިރިން ދުރުވާން އުޅޭތީ ބައްޕަމެން އެބަ ސިހުރު ހައްދުވައެވެ! އެކަން ހުއްދަވާނެތޯ؟

އަޅުގަނޑުމެންގެ އެންމެ ދޮށީ ބޭބެ އާއި އޭނާގެ އަނބިމީހާ އާއިދެމެދުގައި އުޅެނީ މައްސަލަޔަކެއް ޖެހިގެންނެވެ. ކަންކަން އޮތީ ކޮންމެ ވަގުތަކުވެސް ކައިވެނި ރޫޅިދާނެ ޙާލަތުގައެވެ. ދެމަފިރިންނަށް 4 ދަރިން ލިބިފައިވެއެވެ. އެހެންވެ ކައިވެނި ރޫޅުމުން ސަލާމަތްކުރެވޭތޯ ބައްޕަމެން އެކި މީސްމީހުން ލައްވައި އެބަ ސިހުރުތައް ހައްދުވައެވެ. 

އަޅުގަނޑުގެ ސުވާލަކީ އެކަން ހުއްދަވާނެތޯއެވެ؟ އެކަންވާނީ ހަމަ ސިހުރު ހެދުމަށް ނޫންތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ. 

ދެމަފިރިން ގުޅުވުމަށްޓަކައި ސިޙުރުހެދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ 

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއީ ޙަރާމްވެގެންވާކަމެކެވެ. އަދި [މިފަދައިން ކަންކުރުމަށް]ހުއްދަވެގެން ނުވެއެވެ. މިއަށް ކިޔަނީ عَطْف އެވެ. [ދިވެހިބަހުންނަމަ: އިސްތިރިއެވެ.]

އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާ އެއްޗަށް ކިޔަނީ صَرْف އެވެ.  [ދިވެހިބަހުންނަމަ: ވަރިތޮޅިއެވެ.] އެއީވެސް ޙަރާމްކަމެކެވެ.  އަދި ކުފުރަކަށާއި އަދި ޝިރުކަކަށް އެކަންވެދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ… ﴾ [ سورة البقرة ١٠٢]

މާނައީ: "… ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. الله ގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީޙުންނަށް ގެއްލުންދޭ، އަދި އެބައިމީޙުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ބަލާގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ…" 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ١٥٣/ طبعة: دار الثريا للنشر

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން