މަރްޔަމުގެފާނުގެ ސީރަތު 4 : މަރްޔަމުގެފާނުގެ މާތްކުރެއްވުން. ސުވަރުގޭގެ އެންމެ މާތް ހަތަރު އަންހެނުންގެ ތެރޭގައި މަރްޔަމުގެފާނު

ކިޔުމަށް ހޭދަވާނީ 17މ 33ސ
މަރްޔަމުގެފާނުގެ ސީރަތު 4 : މަރްޔަމުގެފާނުގެ މާތްކުރެއްވުން. ސުވަރުގޭގެ އެންމެ މާތް ހަތަރު އަންހެނުންގެ ތެރޭގައި މަރްޔަމުގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

މަރްޔަމްގެފާނު މާތްކުރެއްވުން- 

އަރަހުށި މާތް ވަނީ މަރްޔަމުގެފާނު ޢާލަމުތަކުގެ އެންމެހައި އަންހެންތަކުންގެ މައްޗަށް ޚިޔާރުކުރައްވައި ހޮއްވަވައިފައެވެ. ޚާއްޞަ މާތްކަމަކާއި މަތިވެރިކަމެއް ދެއްވައިފައެވެ. ކީރިތި ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 42 ވަނަ މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّـهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ ﴿٤٢﴾ 

[ ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ.] 

މަރްޔަމުގެފާނު ޢާލަމުތަކުގެ އަންހެނުންގެ މައްޗަށް މާތްކުރެވި ޚަބަރު އެކަމަނާއަށް ދެއްވުމަށްފަހު، އެކަމަނާ މާތްއަށް އަޅުކަންކުރެއްވުންމަތީ ދެމި އިންނެވުމަށް އެކަލާނގެ އެންގެވިއެވެ. މިވާހަކަ ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 43 ވަނަ އާޔަތުގައި މާތްބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ ﴿٤٣

[އޭ مريم ގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرة އަށް، އަޅުކަން خالص ކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި، ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ!] 

أمير المؤمنين على بن أبى طالب رضى اللّـه عنــه ގެ އަރިހުން އަލް އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

 "‏ خَيْرُ نِسَائِهَا مَرْيَمُ، وَخَيْرُ نِسَائِهَا خَدِيجَةُ ‏" { كتاب أحاديث الأنبياء، بَابُ: (وَإِذْ قَالَتِ الْمَلاَئِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاءِ الْعَالَمِينَ)، ޙަދީޘް 3432}

މާނައީ: [މަރްޔަމުގެފާނުގެ ޒަމާނުގައި އެންމެ ހެޔޮ ބޭކަނބަލަކީ އެކަމަނާއެވެ. ޚަދީޖަތުގެފާނުގެ ޒަމާނުގައި އެންމެ ހެޔޮ ބޭކަނބަލަކީ އެކަމަނާއެވެ.] 

أبو موسى الأشعري رضى اللّـه عنــه ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"‏ كَمَلَ مِنَ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنَ النِّسَاءِ غَيْرُ مَرْيَمَ بِنْتِ عِمْرَانَ وَآسِيَةَ امْرَأَةِ فِرْعَوْنَ وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ ‏"‏{ صحيح البخاري كتاب أحاديث الأنبياء، بَابُ قَوْلِ اللَّهِ تَعَالَى: (وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ) إِلَى قَوْلِهِ: (وَكَانَتْ مِنَ الْقَانِتِينَ)، ޙަދީޘް 3411}

މާނައީ: [ފިރިހެނުންގެ ތެރެއިން ގިނަބަޔަކު ވަނީ ފުރިހަމަ ދަރަޖައަށް ވާސިލުވެފައެވެ. ނަމަވެސް އަންހެނުންގެ ތެރެއިން އެ ދަރަޖައަށް ވާސިލުވެވުނީ އެންމެ ދެބޭކަނބަލުންނަށެވެ. އެއީ ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނާއި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްކަމުގެ މިސާލަކީ އެހެން ކާނާތަކުގެ މައްޗަށް ޘަރީދަށް މާތްކަން ލިބިފައިވާ މިންވަރެވެ.] 

އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަޢަންހާގެ އަރިހުން އިމާމު ތިރުމިޒީ ރިވާ ކުރައްވައިފައިވެއެވެ. މައްކާ ފަތަޙަ ކުރެއްވި އަހަރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ގެންނަވައި ވާހަކަފުޅެއް ދެއްކެވިއެވެ. އެ ދެއްކެވި ވާހަކަފުޅުގެ ސަބަބުން ފާޠިމަތުގެފާނު ކީރިތި ކުރެއްވިއެވެ. އަނެއްކާ މާތް ނަބިއްޔާ އެހެން ވާހަކަފުޅެއް ދެއްކެވުމުން ފާޠިމަތިގެފާނު ހިނިފުޅުވެޑުވިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންފަހުން އެއްދުވަހަކު އަހަރެން ފާޠިމަތުގެފާނުގެ އަރިހުގައި އެދުވަހު މާތް ރަސޫލާ ވިދާޅުވީ ކޮން ވާހަކަފުޅެއްތޯ ސުވާލުކުރުމުން އެކަމަނާ ވިދާޅުވިއެވެ. [މާތް ރަސޫލާ ދާދި އަވަހަށް ސުވަރުގެވަޑައިގަންނަވާނެ ވާހަކަ ވިދާޅުވުމުން އަޅުގަނޑަށް ރޮވުނީއެވެ. މަރްޔަމުގެފާނު ފިޔަވައި ސުވަރުގޭގެ އަންހެނުންގެ ސާހިބަކީ އަޅުގަނޑުކަމުގައި މާތް ރަސޫލާ ވިދާޅުވުމުން އަޅުގަނޑަށް އުފަލުން ހެވުނީއެވެ.] {جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4267} 

އަނަސު ބިން މާލިކު ރަޟިޔަޢަންހުގެ ފަރާތުން އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު صلّى اللّـه عليه وسلّم  ކުރެއްވިއެވެ.

"‏ حَسْبُكَ مِنْ نِسَاءِ الْعَالَمِينَ مَرْيَمُ ابْنَةُ عِمْرَانَ وَخَدِيجَةُ بِنْتُ خُوَيْلِدٍ وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ ‏"‏ ‏{جامع الترمذي،كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް ނަންބަރު 4252}

މާނައީ: [މަރްޔަމު ބިންތު ޢިމްރާނާއި، ޚަދީޖަތު ބިންތު ޚުވައިލިދާއި، ފާޠިމަތު ބިންތު މުޙައްމަދާއި، ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު، ޢާލަމްތަކުގެ އަންހެންތަކުންގެ މައްޗަށް ފުދިގެންވެއެވެ.]

ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

خَطَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ أَرْبَعَةَ أَخْطُطٍ ، ثُمَّ قَالَ : تَدْرُونَ مَا هَذِهِ ؟ ، قَالُوا : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَفْضَلُ نِسَاءِ أَهْلِ الْجَنَّةِ خَدِيجَةُ بِنْتُ خُوَيْلِدٍ ، وَفَاطِمَةُ بِنْتُ مُحَمَّدٍ ، وَمَرْيَمُ بِنْتُ عِمْرَانَ ، وَآسِيَةُ بِنْتُ مُزَاحِمٍ امْرَأَةُ فِرْعَوْنَ {المعجم الكبير للطبراني، ذِكْرُ أَزْوَاجِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُنَّ، حديث رقم 17728/ أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}

މާނައީ: މާތް ރަސޫލާ صلّى اللّـه عليه وسلّم ބިންމަތީގައި ހަތަރު ރޮނގެއް ކުރެއްސެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘު ކުރެއްވިއެވެ. [މިއީ ކޮން ހަތަރު ރޮނގެއްކަން ދެނެތިބީމު ހެއްޔެވެ؟] ޞަޙާބީން ދެންނެވިއެވެ. [ބޮޑަށް އެނގިވަޑައިގަންނަވަނީ މާތް އާއި އެކަލާނގެ ރަސޫލާއަށެވެ.] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެ ހަތަރު ރޮނގު ދޭހަކޮށްދެނީ ސުވަރުގޭގެ އެންމެ މަތިވެރި ހަތަރު އަންހެން ބޭކަނބަލުންނެވެ. އެއީ ޚަދީޖަތު ބިންތި ޚުވައިލިދާއި ފާޠިމަތު ބިންތި މުޙައްމަދާއި، އާސިޔަތު ބިންތި މުޒާހިމާއި މަރްޔަމް ބިންތި ޢިމްރާނެވެ.]

އަދިވެސް ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

سَيِّدَاتُ نِسَاءِ أَهْلِ الْجَنَّةِ مَرْيَمُ بِنْتُ عِمْرَانَ ، ثُمَّ فَاطِمَةُ بِنْتُ مُحَمَّدٍ ، ثُمَّ خَدِيجَةُ ، ثُمَّ آسِيَةُ امْرَأَةُ فِرْعَوْنَ {  أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}

މާނައީ: [ސުވަރުގޭގެ އަންހެންތަކުންގެ ސާހިބުންނަކީ، މަރްޔަމް ބިންތު ޢިމްރާނެވެ. ދެން ފާޠިމަތު ބިންތު މުޙައްމަދެވެ. ދެން ޚަދީޖަތުގެފާނެވެ. ދެން، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ.]

ސުވަރުގޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  މަރްޔަމުގެފާނާއި، އާސިޔަތުގެފާނާއި، މޫސާގެފާނުގެ އުޚްތާއާ ކާވެނި ބައްލަވައި ގަންނަވާނެކަމަށް ވާރިދުވެގެން އައިސްފައިވާ ޙަދީޘްތަކަކީ ވަރަށް ޟަޢީފު ޙަދީޘްތަކެކެވެ. އޭގެ ބައެއް ޙަދީޘްތަކަކީ މައުޟޫޢު ޙަދީޘްތަކެވެ. 

މިދަންނަވާލެވުނީ އިސްލާމީ ޞައްޙަ މަސްދަރުތަކުން މަރްޔަމުގެފާނުގެ މާތްކަން ބަޔާންކުރެވިފައިވާ ޙަދީޘްތަކާއި އާޔަތްތެކެވެ. އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައިވެސް މަރްޔަމުގެފާނަކީ ޙާއްޞަ މަޤާމެއް ދެވިފައިވާ ޝަޚްޞިޔަތެކެވެ. އެކަމުގެ ދަލީލަކީ މައްކާގެ ކަޢުބާގައި އެކަމަނާގެ ސޫރައަށް ބުދަތަށް ހަދައިފައި ބެހެއްޓިފައިވާކަމެވެ. 

ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހުގެ  އަރިހުން އިމާމު ބުޚާރީ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ރަސޫލާ صلّى اللّـه عليه وسلّم  ކަޢުބާގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެތަނުން އެކަލޭގެފާނަށް މަރްޔަމުގެފާނާއި އިބްރާމުގެފާނުގެ ސިފައަށް ހަދައިފައިވާ ބުދުތަކެއް ދެކެވަޑައިގެންނެވިއެވެ. އެތަން ދެކެވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ. 

[ أَمَا لَهُمْ، فَقَدْ سَمِعُوا أَنَّ الْمَلاَئِكَةَ لاَ تَدْخُلُ بَيْتًا فِيهِ صُورَةٌ، هَذَا إِبْرَاهِيمُ مُصَوَّرٌ فَمَا لَهُ يَسْتَقْسِمُ ‏]{ البخاري في صحيحه - باب: أين ركز النبي صلى الله عليه وسلم الراية يوم الفتح؟ - حديث رقم 4062/  أبو داود في سننه - بَابُ الصَّلَاةِ فِي الْكَعْبَةِ - حديث رقم 1769}

[އެބައިމީހުންނަށް ކިހިނެއްވީ ހެއްޔެވެ؟ ސޫރަ ހުންނަ ތަންތަނަށް މަލާއިކަތްބޭކަލުން ވަދެވަޑައި ނުގަންނަވާނެކަން އެބައިމީހުން ރަނގަޅަށް ދަންނާނެއެވެ. މިހުރީ އިބްރާހީމުގެފާނުގެ ސޫރައިގައި ހަދާފައިވާ ބުދެކެވެ. އެކަލޭގެފާނު އަޒުލާމުގެ ދުނިދަނޑި ހިތްޕަވައިގެން ހުންނަވާ ގޮތަށް އެބައިމީހުން އެކަލޭގެފާނު ސޫރަކޮށްފައިވަނީ ކީއްވެގެންބާވައެވެ.؟[ 

 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން