ބިރުވެތިވާތި! އަމިއްލައަށް ޖިންސީއެދުން ފުއްދުމަކީ އަތްމަތިދަތިވެ މުސްތަޤްބަލް އަނދިރިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބިރުވެތިވާތި! އަމިއްލައަށް ޖިންސީއެދުން ފުއްދުމަކީ އަތްމަތިދަތިވެ މުސްތަޤްބަލް އަނދިރިވާ ކަމެއް!

ބައެއް މީހުން ދެކެނީ އަމިއްލައަށް ޖިންސީއެދުން ފުއްދުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެބައިމީހުން ވަނީ އެކަމަށް މީސްތަކުން ލަންބުވަން ޝައިޠޯނާ ވަސްވާސްދީގެން އުފައްދުވާފައިވާ ޒަމާނީ ވަސީލަތްތަކުގެ އަވާގައި ޖެހިފައެވެ. އެއާއި ނުލާ ނުއުޅެވޭވަރުވެފައެވެ. 

އެކަން ޢާންމުވެފައިވާ މިންވަރަކީ ދެމަފިރިންވެސް އެފަދަ ވަސީލަތްތައް މިހާރު އެބަ ބޭނުންކުރެއެވެ. ދެމަފިރިން ނަމަވެސް އެފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެކުރެވެނީ ހަމަ ބޮޑުވެގެންވާ ފާފައެކެވެ. 

އެކަންކުރާއިއރު މަލާއިކަތުން އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަތެވެ. އެކަމުން އެނގިގެންދަނީ އެއީ ހަމަ އެންމެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއްކަމެވެ. ނޫންނަމަ އެމީހަކަށް ލަޢްނަތް ލެއްވެވުން އެދި މަލާއިކަތުން ދުޢާ ނުކުރައްވަވާނެތެވެ. ކުދި ފާފަ ކުރެވޭހިނދު މަލާއިކަތުން އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ނުކުރައްވަތެވެ. 

މީސްތަކުންނޭވެ! މަލާއިކަތުންގެ ދުޢާއަށް ބިރުވެތިވާށެވެ! އެދުޢާގެ ސަބަބުން މީހާއަށް ލަޢްނަތް ލައްވަވައިފިނަމަ އެމީހާގެ ދިރިއުޅުން ޚަރާބުވީއެވެ. ޢާއިލީ ދިރިއުޅުން ހަލާކުވެ އަތްމަތިދަތިވެދާނެއެވެ. ވަޒީފާ ގެއްލިދާނެއެވެ. އަދި ކިތަންމެ ބޮޑު ބަލިމަޑުކަމެއްވެސް ކުރިމަތިވެދާނެއެވެ. މިފަދަ ކޮންމެ ކަމެއް އެމީހަކަށްވާހުށީ ބޮޑު މުޞީބާބާތަކަށެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކް ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރު ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." 

(އަލްއަޏާމް: 151)  

"-- އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ." އޮތް ބަސްފުޅުގައި އެވަނީ ހަމައެކަނި ޒިނޭކުރުން ކަމަށް ދެކެގެން ނުވާނެއެވެ. ޖިންސީ އެދުން ފުއްދުމަށްޓަކައި ﷲ ތަޢާލާ ހުއްދަކުރައްވަވާފައިނުވާ ކަންކަން ހިމެނިގެންދާނީ ޙަރާމްކުރެއްވެވި ފާހިޝް ޢަމަލުތަކުގެ ތެރޭގައެވެ. 

ވީމާ މިވެނި ބާވަތެއްގެ އެއްޗެއްގެ ވާހަކަ، ނުވަތަ މިވެނިކަމެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ނެތްކަމަށް ބުނެ ޙުއްޖަތެއް ނުދެއްކޭނެއެވެ. ހުއްދަކުރެއްވެވި ކަންކަމާއި ހުއްދަކުރެއްވެވި ހަމަތައް ޤުރްއާނުގައި އެވަނީ ބަޔާން ކުރައްވަވައިފައެވެ. އުނި އިތުރެއް ނުގެނެވޭނެއެވެ. 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން