ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ލިޢާންކުރުމުގެ ކައިފިއްޔަތު ޤުރުއާނުގައި ވަރަށް ތަފުޞީލުކޮށް ބަޔާންވެގެންވެއެވެ. ލިޢާން ކުރެވެނީ ޙައްދުން ސަލާމަތްވެ، ކޮންމެ މީހަކު ވެސް އަބުރު ރައްކާތެރިކުރުމަށްޓަކައެވެ. ލިޢާންކުރެވިއްޖެ ނަމަ ދެމީހުން އަބަދަށްޓަކައި ވަކިވީއެވެ. އަދި ޤަޛުފު ކުރިކަމުގައި ތުހުމަތުފައި ފިރިމީހާގެ ގައިގައި ޙައްދެއް ނުޖެހޭނެއެވެ. އަދި ޒިނޭ ކުރި ކަމުގެ ތުހުމަތެއްގައި އަނބިމީހާގެ ގައިގައި ވެސް ޙައްދެއް ނުޖެހޭނެއެވެ. ލިޢާންކުރަން ޖެހެނީ ފިރިމީހާގެ އަތުގައި އިތުރު ހެއްކެއް ނެތުމުން އޭނާގެ އަނބިމީހާއާ މެދު ކުރާ ތުހުމަތު ސާބިތުކުރުމަށްޓަކައެވެ. އަދި އަންހެނާގެ އަބުރު ސަލާމަތްކުރުމުގެ ގޮތުން ވެސް މެއެވެ. ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ﴿٦﴾ وَالْخَامِسَةُ أَنَّ لَعْنَتَ اللَّـهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ﴿٧﴾ وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾ وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴿٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ تَوَّابٌ حَكِيمٌ ﴿١٠﴾ "
އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރިކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ. އަދި اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެއެވެ."
މިއާޔަތްތައް ބާވާލެއްވުމުގެ ސަބަބާ ބެހޭ ގޮތުން އަލްއިމާމު އައްނަވަވީ ވިދާޅުވެފައިވެއެވެ. " ލިޢާން ކުރުމާމެދު ބާވާލެއްވިފައިވާ އާޔަތްތައް ބާވާލެއްވުނު ސަބަބާމެދު ޢިލްމުވެރިން އިޚުތިލާފުވެ ވަޑައިގެންފައިވެއެވެ. އެ އާޔަތް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންތޯ ނުވަތަ ޢުވައިމިރު އަލް ޢަޖްލާނީ އާ ބެހޭ ގޮތުންތޯ އާމެދު ޢިލްމުވެރިން އިޚުތިލާފުވެވަޑައިގެންފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އާޔަތްތައް ބާވާލެއްވިފައިވަނީ ޢުވައިމިރާ މެދުގައެވެ. އެހެނީ ޢުމައިމިރާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެވެ. ( އޭ ޢުވައިމިރެވެ. ތިބާއާއި ތިބާގެ އަނބިކަނބުލޭގެއާ މެދު މާތް ﷲ އާޔަތްތަކެއް ބާވާލައްވައިފިއެވެ.) މި ޙަދީސް އިމާމު މުސްލިމު ރިވާކުރައްވާފައިވެއެވެ. މި މައްސަލައިގައި ޖުމުހޫރު ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި އާޔަތްތައް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންނެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ މިއީއެވެ. އެހެނީ ހިލާލު ބުނި އުމައްޔާގެ ހާދިސާއަކީ ޢުވައިމިރުގެ ޙާދިސާއަށް ވުރެ ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެހެންކަމުން އޭނާއާމެދު ބާވާލެއްވުނު އާޔަތްތަކަކީ ޢާއްމު ޙުކުމެއް ކަމުން އެފަދަ ޙާލަތެއް މެދުވެރިވެފައިވާ އެންމެން އެޙުކުމުގައި ޝާމިލުވާތީވެ، ކީރިތި ރަސޫލާ ޢުވައިމިރަށް އޮގޮތައް ވިދާޅުވީ ކަމުގައި ވެދާނެއެވެ. އިމާމުއް ނަވަވީ ވިދާޅުވެއެވެ. ފަހަރުގައި އެ ދެމީހުންގެ ހާދިސާއަކީ ކައިރި ކައިރީގައި ހިނގާފައިވާ ހާދިސާތަކަކަށް ވެދާނެއެވެ. ނަމަވެސް އެނގެން އޮތް ގޮތުން އެންމެ ފުރަތަމަ ލިޢާން ކުރި މީހަކީ ހިލާލު ބުނި އުމައްޔާއެވެ.
އަނބިމީހާއާ މެދު ޒިނޭގެ ތުހުމަތުކޮށް، ދަރި ނަފީކުރާ މީހުންނަށް މި އާޔަތްތަކުންވަނީ ޙައްލު ހޯދައިދީފައެވެ. އެއީ އަނބިމީހާ ޒިނޭކޮށްފި ކަމުގެ ތުހުމަތަށް ޙުއްޖަތެއް ނުދެއްކޭ ނަމަ ކަންކުރަންވީ ގޮތް އާޔަތްތަކުގައި ބަޔާންވެގެންވެއެވެ. ލިޢާން ކުރުމަކީ ދަރި ނަފީ ކުރުމުގައި އޮތް ޙައްލެވެ. ޖުމުހޫރު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުން ހިލާލު ބުނި އުމައްޔާ، ގެއިން ބޭރުގައި އުޅެފައި އައިވަގުތު، އޭނާގެ އަނބިމީހާ އެހެންމީހަކާއެކު ޒިނޭކުރަން އޮއްވައި އޭނާގެ ލޮލަށް ފެނުމުން، އެކަމާ މެދު ކީރިތި ރަސޫލާއަށް ޝަކުވާ ދެންނެވުމުން، އެކަމާމެދު ވަކި ޙުކުމެއް ކުރިން އައިސްފައި ނެތުމުން އެއްޗެއް ވިދާޅުނުވެ ހުންނެވުމުން މިއާޔަތްތައް ބާވާލެއްވުނީއެވެ. އެއަށް ފަހު، އިތުރު އެކަލޭގެފާނު ހިލާލު ބުނި އުމައްޔާއަށް ވިދާޅުވިއެވެ. ތިބާއަށް މެދުވެރިވެފައިވާ މައްސަލައިގެ ޙައްލު މާތް ﷲ ބާވާލައްވައިފިއެވެ. ދެން ހިލާލު ދެންނެވިއެވެ. ތިމަންނާ އުންމީދު ކޮށްގެން ހުރީ ތިޔަގޮތަށެވެ. އެއަށް ފަހު ހިލާލުގެ އަންހެނުން ގެނެވުނެވެ.
އެކަބުލޭގެ ކުރިމަތީގައި ހިލާލު އޭނާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އެކަނބުލޭގެ ހިލާލުގެ ތުހުމަތު ދޮގު ކުރިއެވެ. ދެން ކީރިތި ރަސޫލާ ވިދާޅުވީ ލިޢާން ކުރުމަށެވެ. ދެން ހަތަރު ފަހަރު ހުވާކޮށް އޭނާ އެ ބުނަނީ ތެދު ކަމުގައި ހިލާލު ކަށަވަރު ކުރިއެވެ. ފަސް ވަނަ ފަހަރަށް ހުވާކުރުމުގެ ކުރިން ހިލާލަށް ބުނެވުނެވެ. އޭ ހިލާލެވެ، ދުނިޔޭގެ ލަދުވެތިކަމާއި ޢަޒާބު އާޚިރަތުގެ އަޒާބަށް ވުރެން ލުޔެވެ. އެވަގުތު ހިލާލު ބުންޏެވެ. ތިމަންނާ މި ބުނަނީ ތެދެވެ. އެހެން ބުނެ ފަސްވަނަ ފަހަރު ހުވާކޮށް ތިމަންނާ މިބުނަނީ ތެދުކަމަށާއި، އެއީ ދޮގެއް ކަމުގައި ވަނީ ނަމަ ތިމަންނާ އަށް މާތް ﷲ ގެ ލަޢުނަތް ހުރި ކަމުގައި ވިޔަސް ހެޔޮ ކަމަށް ބުންޏެވެ.
އަދި މިމަގުން އަންހެންމީހާ ވެސް ހަތަރު ފަހަރު ހެކިވެ ހުވާކޮށް އޭނާއަކީ ތެދުވެރިއެއްކަމާއި އޭނާގެ ފިރިމީހާ އޭނާގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތެއްކަމާއި ފިރިމާހާއަކީ ދޮގުވެރިއެއްކަމަށް ބުނެ ހުވާކޮށް ފަސްވަނަ ފަހަރު، ތިމަންނާގެ ފިރިމީހާއަކީ ތެދުވެރިއެއް ނަމަ ތިމަންނާއަށް ﷲގެ ކޯފާ ހުރިކަމަށް ކަށަވަރު ކުރިއެވެ. އެއަށް ފަހު އެ ދެމީހުން ކައިވެނި ރޫޅައި ޒަވާޖީ ޙަޔާތް ނިމުމަކަށް ގެނެސް ވަކިކުރިއެވެ. އަދި އެ އަންހެނާ ވިހާ ކުއްޖާ ބައްޕަ އަށް ނިސްބަތް ނުކުރުމަށާއި ދަރިއަށް ޢައިބު ނުކިޔަން އެންގެވިއެވެ. އަދި ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. އެ އަންހެން މީހާ ވިހާ ކުއްޖާއަކީ ބޮލުގެ އިސްތަށިގަނޑު ރަތް، ފޫކޮޅުގެ މަސްގަނޑު ކުޑަ ތަނބި ކަށި ހިމަ ކޮށް އޮތް ކުއްޖެއް ނަމަ އެއީ ހިލާލުގެ ދަރިއެކެވެ.
އަދި އެކުއްޖާއަކީ ކަޅު ދޮން، ވަރުގަދަ، ގުނަންތަކުގައި ވަރު ހުރި ތަނބިކަށި ވަރުގަދަ ފޫކޮޅުގެ މަސްގަނޑު ބޮޑު ކުއްޖެއް ނަމަ އެއީ، އެ ކަނބުލޭގެ އާއެކު އެ ޢަމަލު ހިންގި މީހާގެ ދަރިއެކެވެ. ދެން އެކުއްޖާ ވިހެއުމަށް ފަހު، ކީރިތި ރަސޫލާ އެ ސިފަކުރެއްވި ސިފަކުރުން ދިމާވީ، ހިލޭ ފިރިހެންމީހާއާއެވެ. އެއަށް ފަހު ރަސޫލާ ޙަދީސްކުރެއްވިއެވެ. ލިޢާން ކުރުން ލެއްވިފައި ނެތް ނަމަ ތިމަންކަލޭގެފާނާ އެ ކަނބުލޭގެއާމެދު އެހެން ޙުކުމެއްވީހެވެ. މިހެން ވިދާޅުވީ އެކަނބުލޭގެ ލިޢާންކުރުމުގައި ދޮގު ހެދިކަން ސާބިތުވުމުންނެވެ. އަދި އެ ދެމީހުންނަށް އެވަގުތު ވެސް ކީރިތި ރަސޫލާ ހަނދުމަކޮށްދެއްވިއެވެ. "ތިޔަ ދެ މީހުންކުރެ އެކަކީ ދޮގުވެރިއެއްކަން މާތް ﷲ ދެނެވޮޑިގެންވެއެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު