ޤިޔާމަތުގެ ވާހަކަ 17: ރަނގަޅު މީހުން މަހްޝަރުގެ މައިދާނަށް ގެންދަވާނީ ޝަރަފާ ޢިއްޒަތުގަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 25ސ
ޤިޔާމަތުގެ ވާހަކަ 17: ރަނގަޅު މީހުން މަހްޝަރުގެ މައިދާނަށް ގެންދަވާނީ ޝަރަފާ ޢިއްޒަތުގަ-

މީސްތަކުންކުރެ ބައެއްމީހުން ފައިން ހިނގާފައި محشر އަށް ދާހުއްޓެވެ. ބަޔެއްމީހުން ފައިގެ އިގިލިތަކުގެ ކުރި ޖައްސައިގެން ހިނގާންޖެހޭނެއެވެ. ބަޔެއް މީހުންގެ نور ބަޔެއް ފަހަރަށް އަލިވެ، ބައެއްފަހަރަށް އަނދިރިވެ އުޅޭހުއްޓެވެ. محشر އަށް ދިޔުމުގައި نور ލިބުންހުރީ ލިބިހުރި إيمان ކަމުގެ މިންވަރަށެވެ. އަވަހަށް ކުރިޔަށް ދެވުންހުރީ ކޮށްފައިހުރި عمل ތަކުގެ މިންވަރަށެވެ.

ސަލާމާއި صَلَوَات ލެއްވި رَسُولُ اللهِ ގެ ފާނުން އަރިހުގައި ދެންނެވުނޭ، އަޅުގަނޑުމެން محشر އަށް ފޮނުވޭހުށީ ކޮންފަދައަކުންތޯއެވެ. حدِيث ކުރެއްވިޔޭ جَمَل އެއްގެ މަތީގައި ދެމީހުން جَمَل އެއްގެ މަތީގައި ފަސްމީހުން، جَمَل އެއްގެ މަތީގައި ދިހަމީހުންނެވެ. މި حَدِيث ގެ مُرَاد އަކީ، إسلام دين މަތީގައި ހެޔޮކަންތަކުގައި އެކުވެރިވެއުޅޭ މީސްމީހުނަށް މާތްރަސްކަލާނގެ ހެޔޮ عمل އެއްގެ މަތީގައި محشر އަށް ދާނޭ ސަވާރީ ހައްދަވާފައިހުއްޓެވެ. ނުވަތަ އެ ޢަމަލެއްގެ ضَعِيْفُ ކަމުން އެކަކު ތަންކޮޅަކަށް ސަވާރުވީމާ އަނެއްކާ އަނެކަކު ސަވާރުވާންޖެހި މިކަހަލަ ގޮތްތައް ވުމެވެ. މިކަމާއިއެކުގައިމެ މިމީހުންނަކީ ވެސް ސަލާމަތުންދާ މީހުންގެތެރޭގައިވާނޭ ބައެކެވެ. މިހެންނަމަވެސް ތިމާއެކަނި ސަވާރުވެގެން ދާނޭފަދަ عَمَل އެއްވެސް ކުރެވޭތޯ ގަދައަޅައިއުޅޭށެވެ. 

تَقُواى ވެރީންގެ މީހުން ދާހުށީ عزّة ގައި ތަންތަނަށް ގެންދެވޭ މާތްމީހުންގެ ގޮތުގައެވެ. އަރަހުށި މާތްރަސްކަލާނގެ وحى ކުރައްވާފައިވަނީ يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا މިފަދައިންނެވެ.

މާތްރަސްކަލާނގެ وحى ކުރެއްވި أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ މި آيَة ގެ تَفْسِيْر ގައި ބުނެވިގެންވެޔޭ މި آيَة އަކީވެސް قِيَامَة ދުވަހުން مُؤْمِن ންނާއި كَافِر ން مَحْشَر އަށް ފޮނުއްވުމުގެ ގޮތުގެ މިސާލެއް ޖައްސަވާފައިވާ آية އެކެވެ. އަދިވެސް وحى ކުރައްވާފައިވެޔޭ وَنَسُوقُ الْمُجْرِمِيْن إلَى جَهَنَّمَ وِرْدًا މި آيَة ގެ މާނައީ ނުލަފާ ކާފަރުން محشر އަށް ފޮނުއްވޭހުށީ جَهَنّم އިގެ ކައިރިއަށް މޫނުމައްޗަށް މިބަހީ އެކޮޅުކޮޅުން ހިނގާފައެވެ. މިއީ ބައެއް مُفَسِّرންގެ ބަހެވެ. އެކަމަކު އެކަންހުރީ އެމަގަކަށް ނޫނެވެ. އެއީ ބައެއް ފަހަރަށް ވެއްޓެމުން ތެދުވަމުންދާވާހަކައެވެ. އެބެއިކަލަކު އެ تفسير ކުރެއްވިގޮތީ ވަރަށް ދުރުގޮތެކެވެ. ކާފަރުންގައިވެސް قِيَامة ދުވަހުގައިވެސް ފައިހުންނާނޭވާހަކަ މާތްރަސްކަލާނގެ قرآن ގައި وحى ކުރައްވާފައި އެވަނިއްޔޭ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ މި آية ގެ مَعْن އީ އެއުރެންގެ ފައިތައްވެސް އެއުރެންގެ عَمَلُ ތަކަށް ހެކިވާ ހުއްޓެވެ. އަދިވެސް މާތްރަސްކަލާނގެ وحى ކުރައްވާފައިވެޔޭ. ކާފަރުން محشر އަށް ފޮނުއްވޭހުށީ عُمْيًا وَبُكْمًا وَصُمًّا ކަނުވެ މަންމަންވެ ބީރުވެގެންވާ حَالُ ގައެވެ. މިބަސްފުޅުގެ مُراد އަކީ، نور އެއް ނުފެނި ހެޔޮ ބަހެއް ނުބުނެވި، ހެޔޮ އަޑެއް ނުއިވި މިހެންވުމެވެ. އެއަކީ އަދި ދެލޯކަނުވުމެއް ނޫނެވެ. އެހެންވެ ތާއޭ އެމީހުންވެސް އުޑުފަޅައިގެންދާތަން ދެކޭނޭ ވާހަކައާއި، قيامة ގެ އެހެންވެސް ބިރުތައް ދެކޭނޭ ވާހަކަ އާއި، ބިރުހުރި އަޑުތައް އިވޭނޭ ވާހަކަ قرآن ގައި އެބަހުއްޓެވެ. މިހައިރުވެސް މީހަކު ވެއްޓެމުން ތެދުވަމުން ފުރޮޅެމުން ދަނީވިއްޔާ އެއިގެ މިސާލަކަށް عربي ން ބުނެއުޅެނީ فُلاَنٌ يَمْشِى عَلَى وَجْهِهِ~ މިވެނިމީހާ މޫނުމައްޗަށް ހިގައެވެ. 

މިހެންވެ އަދި أَفَسِحْرُ هَذَا اَمْ اَنْتُمْ لاَ تُبْصِرُوْن މިބަސްފުޅުން އެކާފަރުންނަށް ނިދާ އިއްވެވޭނޭވާހަކަވެސް قرآن ގައި އެބައޮތެވެ. މިއާޔަތުގެ މުރާދަކީ ތިޔަބައިމީހުން ދުނިޔޭގައި އުޅުނުއިރު ތިމަންސުވާމީންގެ ފޮނުއްވާ ރަސޫލުބޭކަލުން ދައްކަވާ ވާހަކަތަކަށް سحر އޭ ނުވަތަ އަނެކައްޗެކޭ ކިޔައި އުޅެންތާއެވެ. 

މިހައިރު މިފެންނަނީވެސް سِحْر ހެއްޔެވެ. ނުވަތަ ތިޔަބައިމީހުނަކަށް ނުފެނޭ ހެއްޔެވެ. ފަހެ އެއުރެންގެ ލޯތައް މުޅިން ކަނުވެގެންވާނަމަ މިފަދަ ބަސްފުޅުތަކެއް އެއުރެންނަކަށް ކުރިމައްޗެއް ނުކުރެއްވީހެވެ. މިހެންވީމާ قيامة ގެ ކަނުކަމުގެ މާނައަކީ އަލިކަމެއްނެތި ގަދަ އަނދިރިކަމުގެ ތެރޭގައި އުޅޭން ޖެހުމާއި، ކަލާނގެ نور ފުޅު ދުށުމުން مَنَعَ ވެގެންވުމާއި ކަލާނގެ كلام ފުޅު ނުއިވުމާއި މިކަހަލަ ގޮތްތަކެއް، مَلاَئِكَة ން مؤمن ންނަށް ދެއްވާ އުފާވެރިކަމުގެ خبر ތަކެއްވެސް ނުއިވޭހުއްޓެވެ. 

އެއުރެން މަންމަންވެގެންވެޔޭ އެ آية ގައި އޮތް ބަސްފުޅު މިލިޔާ އާޔަތުން تفسير ވެއެވެ. هذا يَوْمُ لاَ يَنطِقُونَ . وَلاَ يُؤْذَنُ لَهُمْ فَيَعْتَذِرُونَ މިއާޔަތުގެ މާނައީ މިއީ އެއުރެން ވާހަކަ ނުދައްކާނޭ ދުވަހެވެ. އަދި އެއުރެން عُذْرُ بَيَان ކޮށް އާދޭސްކޮށް އުޅުމަކަށް އިޒުނައެއް ނުދެވޭނެއެވެ. ފަހެ މީހަކަށް ކަމެއް ކުޅައުމަށް ނުކުޅަދާނަގޮތަކުން مَنَع ކުރެވިއްޖެއްޔާއި އެމީހާގައި އެކަން ނެތީޔޭ ބުނެ ސިފަކުރެވިދާހުއްޓެވެ. އެސިފަ އެމީހާގައި ހުއްޓަސް އެސިފައިން ކުރާންވީ ކަންތައް ނުކުރެވެނީވިއްޔާ އެމީހާގައި އެކަން ނެތީޔޭ ބުނެވިދާހުއްޓެވެ. 

- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)

މިއަދު އޮންލައިން