މީސްތަކުންގެ ތެރެއިން އެމީސްމީހުން ދުނިޔޭގައި އުޅުނުއިރު އެކަމަކާއިގެން ފިތުނަވެރިވެ އުޅުނުކަމެއްގެ މަތީގައި محشر އަށް ފޮނުއްވޭ މީހުން ތިބޭހުއްޓެވެ. ފަހެ عُودُ ފަދަ ކުޅިވަރުގެ ތަކެއްޗާއިގެން މުޅި عمر ގައި އުޅޭމީހުން ކަށްވަޅުން ތެދުވާއިރަށް އެތަކެތި އައިސް އަތަށް އަރައިދާނެއެވެ. ދެން އެއްލާލައިފައި ހުއްޓެވެ. އަނެއްކާއައިސް އަތަށް އަރައިދާނެއެވެ. އެމީހާ ބުނާނެޔޭ އަހުރެންނާއި ފޭވާށެވެ. ކަލެޔާހުރެ އަހުރެނަށް ކަލާނގެކިބައަށް އަޅުކަމެއް ذِكر އެއްވެސް ނުވިއެވެ. އެތަކެތި ބުނާނެޔޭ ތިޔަހެންނުވާނެޔޭ. މަށަކީ ކަލޭގެ އެކުވެރިޔާއެވެ. މާތްރަސްކަލާނގެ ނިޔާކުރައްވައިފުމަށް ދާނދެންވެސް ވަކިވުމެއް ނެތެވެ. މިކަމުގެ އުދަގުލުގައި އުޅެމުން محشر އަށް ދާހުއްޓެވެ. ރާބޮއި އަމަލުވާތަކެތިކައި މަސްތުވާމީހުން އެމަސްތުގެ حَالُ ގައި مَحْشَر އަށް ދާހުއްޓެވެ. صَحيح حَدِيث ގައިވެޔޭ. ރާބޯމީހާ محشر ފޮނުއްވޭ ހިދުގައި އެމީހާގެ ކަރުގައި كُوْسُ އެޅުވިގެންވާ ހުއްޓެވެ. قَدَحَ އަތުގައި ހުންނަހުއްޓެވެ. އެތަކެތީގެ ކުނިވަސް ބިންމަތީގައިވާ ކޮންމެ އެއްޗަކަށްވުރެ ގަދަވާނެއެވެ. އެވަހުގެ ނުބައިކަމުން އެމީހާޔާއި ބައްދަލުވާ ކޮންމެމީހަކު އެމީހާޔަށް لَعْنَة ލާހުއްޓެވެ.
ހަމައެހެންމެ އަނިޔާލިބިގެންވާމީހުން އެމީހުނަށް ލިބިފައިވާ އަނިޔާއާއިގެން مَحْشَر އަށް ދާހުށި، صَحِيْح حَدِيث ގައިވެޔޭ މާތްރަސްކަލާނގެ ރުއްސަވާމަގުގައި شهيد ވީ މީހުން محشر އަށް ދާއިރު އެމީހުންގެ ގައިން ފާރުވީތަނަކުން ލޭއޮހޮރޭހުއްޓެވެ. ކުލައަކީ ލޭގެކުލައެވެ. ވަސް ގޮމަކަސްތޫރީގެ ވަހެވެ. އެގޮތުގައިގޮސް މާތްރަސްކަލާނގެ حضرة ގައި قَائِم ވާހުއްޓެވެ.
ދެންފަހެ މިހުރިހާގޮތްތަކަށް މީސްތަކުން ބައިބަޔަށް مَحْشر ބިންމައްޗަށް ގޮސް އެއްވުމުން މަލާއިކަތުން އެމީހުންތައް ލަވަމުން ގެންދަވައި ދެވަނަ ބިމަށް ލައްވާފައިހުއްޓެވެ. އެބިމުގެ ބޮޑުމިނެއް މާތްރަސްކަލާނގެ ރަސްކަންފުޅަށް ނޫނީ އެގިގެންނުވެއެވެ. އެތަނަށް އިންސީންނާއި ޖިންނީންނާއި شيطان ންނާއި ވަލުޖަނަވާރުތަކާއި މިނިކާ ސޫފިތަކާއި ދޫނިސޫފާ ސޫފިތަކާއި އަދިވެސް ފުރާނަލައި ހެއްދެވިހައިތަކެއްޗެއް މިތަނަށް އެއްވެ جَمَعވެ ގައިގޯޅިވުމުން އެއުރެންގެ ވަށައިގެންވާ މަލާއިކަތުން މިއުރެންލަވަމުން ގެންދަވައި ދެވަނަބިމަށް ލައްވާފައިހުއްޓެވެ.
މިބިމަކީ ހުދުރިހިގަޑެއްފަދަ نور ގަދަވެގެންވާ ބިމެކެވެ. ދެން މަލާއިކަތުން މިއެންމެންގެ ވަށައިގެން ތިއްބެވުމުން މިބެއިކަލުން މިއެންމެންގެ ދިހަބައި ގިނަވާހުއްޓެވެ. ދެން މާތްރަސްކަލާނގެ އަމުރުފުޅަށް ދެވަނައުޑުގެ މަލާއިކަތުން ފައިބަންނަވާ މިއެންމެންގެ ބޭރުން ވަށައިލައްވާއިރު މިތާތިބި އެންމެހައި خَلْق ތަކުންނަށްވުރެ ވިހިބައި ގިނަވާހުއްޓެވެ. ތިންވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު އިހުބުނިމަގުން ތިރީސްބައި، ހަތަރުވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ސާޅީސްބައި، ފަސްވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ފަންސާސްބައި، ހަވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ފަސްދޮޅަސްބައި، ހަތްވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ހަތްދިހަބައި ގިނަވާހުއްޓެވެ. ފަހެ ކޮންމެ އުޑެއްގެ މަލާއިކަތުން މިތަނަށް ފައިބަންނަވާއިރު އެއިގެ ކުރީގައި މިބިންމަތީގައި ތިބިވަރަށްވުރެ މިނަންގަތް މިންވަރަށް ގިނަގުނަވެގެންވާހުއްޓެވެ.
- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)