މަރްޔަމުގެފާނުގެ ސީރަތު 7 : ޢީސާގެފާނު ތުއްޕުޅުއިރު އެކަލޭގެފާނުގެ ފަރާތްޕުޅުން މަރްޔަމުގެފާނު ދެކެވަޑައިގެންނެވި ބައެއް އާދައާ ޚިލާފުކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
މަރްޔަމުގެފާނުގެ ސީރަތު 7 : ޢީސާގެފާނު ތުއްޕުޅުއިރު އެކަލޭގެފާނުގެ ފަރާތްޕުޅުން މަރްޔަމުގެފާނު ދެކެވަޑައިގެންނެވި ބައެއް އާދައާ ޚިލާފުކަންތައްތައް-

ޢަލީ އިޙްޞާން ފިރާޤް 

 

ތުއްޕުޅުއިރު

عيسى عليه السّلام  އުފަންވެވަޑައިގެންނެވީ ބައިތުލް ލަޙަމްގައި ކަމަށް އިމާމު ނަސާއީ ރިވާ ކުރައްވައިފައިވާ އިސްރާ އާއި މިއުރާޖުގެ ޙަދީޘުގައިވެއެވެ. އެ ޙަދީޘު ރިވާވެގެން އައިސްފައިވަނީ އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުންނެވެ. 

{  النسائي في الصغرى - فرض الصلاة , وذكر اختلاف الناقلين في إسناد حديث أنس بن مالك رضي الله عنه , واختلاف ألفاظهم فيه - حديث رقم 448}

އަލްބިދާޔާ ވައްނިހާޔާގައި، އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ވަހަބު ބުނު މުނައްބިހު ވިދާޅުވެފައިވެއެވެ.  عيسى عليه السّلام  އުފަންވެވަޑައިގަތުމާއެކު ދުނިޔޭގެ މަޝްރިޤާއި މަޣުރިބުގައި ބެހެއްޓިފައިވާ ބުދުތައް ވެރިގެން ދިޔައެވެ. އެތަންދެކެ ޝައިޠާނުންތައް ވަރަށް ޢަޖާއިބުވެގެން އުޅުނެވެ. ނަމަވެސް ބޮޑު އިބިލީސް އެބައިމީހުންނަށް އެކަންތައް ހިނގިގޮތް ސާފުކޮށްދިނެވެ. އެހެނީ އެކަންތައް އެގޮތަށް ހިނގަން މެދެވެރިވީ عيسى عليه السّلام  ރައްކައުވުމުން ކަމުގައި ބުންޏެވެ. އަދި އެކަލޭގެފާނު މިހާރު އޮންނެވީ މައިކަނބަލުން މަރްޔަމުގެފާނުގެ އުނގުފުޅުގައި ކަމަށާއި، މަލާއިކަތްބޭކަލުން އެކަލޭގެފާނުގެ ހަށިފާރަވެރިކަން ކަމުގައި ތިއްބެވި ވާހަކަ ބުންޏެވެ.

عيسى عليه السّلام  ރައްކައުވި ދުވަހުގެ ރޭ ފާރިސްކަރައިގެ ރަސްގެފާނު، އުޑުން އެހެންޏާ ފާޅުނުވާ ޒާތެއްގެ ބޮޑު ތަރިއެއް ފާޅުވެފައި ހުއްޓާ ދެކެވަޑައިގަތެވެ. އެކަމާ އޭނާ ޢަޖާއިބުވެގެން ކާހިނުންނާ ސުވާލުކުރިއެވެ. އެބައިމީހުން ދެންނެވީ އެއީ ބިމުގައި ކުއްޖަކު އުފަންވެގެން ފާޅުވެފައިވާ ތަރިއެއްކަމަށެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 465 އަދި 466}

އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. عيسى عليه السّلام  ޅަފަތުގެ ދާނުގައި ވާހަކަފުޅު ދެއްކެވި ވާހަކަ ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އެކަން ޝާމުކުރައިގެ ރަސްގެފާނަށް އެނގިވަޑައިގެން އޭނާ އެކަލޭގެފާނު ޤަތުލުރައްވަން މީހުން ފޮނުއްވިއެވެ. އެކަން މަރްޔަމުގެފާނަށް އެނގިވަޑައިގެން އެކަމަނާ އެކަލޭގެފާނު ގޮވައިގެން މިޞްރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން ބާރަ އަހަރުފުޅުވަންދެން އުޅުއްވީ މިޞްރުގައެވެ.

މަރްޔަމުގެފާނާއި عيسى عليه السّلام  މިޞްރުގައި ފައިބައިވަޑައިގެން ތިއްބެވި ގެއިން އެއްފަހަރަކު ފައިސާތަކެއް ވަގަށް ނެގިއެވެ. އެގެއަކީ ވަރަށް ގިނަ މިސްކީނުންނާއި ނިކަމެތިން އުޅެމުން ގެންދިޔަގެއެކެވެ. އެ ފައިސާތައް ވަގަށް ނެގުމުގެ ސަބަބުން ގޭގެ ވެރިމީހާ ވަރަށް ހިތާމަކުރިއެވެ. އެތަން މަރްޔަމުގެފާނަށް ފެނިވަޑައިގެން އެކަމަނާވެސް އެކަމާ ހިތާމަފުޅު ކުރެއްވިއެވެ.

މި މަންޒަރު ފެނިވަޑައިގެން عيسى عليه السّلام  ލޯ އަނދިރި މީހާގެ ކޮނޑަށް ނުހިނގޭ މީހާ ލައްފައި ވިދާޅުވިއެވެ. [ތެދުވާށެވެ.] އޭނާ ދެންނެވިއެވެ. [އަޅުގަނޑަކީ ތިޔަކަން ކުރެވޭ ވަރަށްވުރެ މާ ޟަޢީފު މީހަކީމެވެ.] عيسى عليه السّلام  ވިދާޅުވިއެވެ. [ދެން ތިޔަހެން ވިއްޔާ މީގެ ކުރިން ކަލޭމެން ދެމީހުންނަށް އެކަން ކުރެވުނީ ކިހިނެއް ހެއްޔެވެ؟]

ދެން އޭނާ އެ ނުކުޅެދޭމީހާ ކޮނޑަށް ލައިގެން ތެދުވެއްޖެއެވެ. އަދި އެގެއިން ވައްކަންކުރި ގޮތް މީސްތަކުންގެ ކުރިމަތީގައި ކިޔައިދީ އިޢުތިރާފު ވެއްޖެއެވެ. މިގޮތަށް عيسى عليه السّلام  ގެ ފަރާތްޕުޅުން މުޢުޖިޒާތަކަށްފަހު މުޢުޖިޒާތެއް ފާޅުވަމުން ދިޔައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 466}

ވަހަބު އިބްނު މުނައްބިހު ވިދާޅުވެފައިވާ ކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. 

عيسى عليه السّلام  ގެ ޢުމުރުފުޅުން ތޭރަ އަހަރުފުޅުވުމުން އަރަހުށި މާތްﷲ މަރްޔަމުގެފާނަށް އެކަލޭގެފާނު ގޮވައިގެން މިޞްރުން ނުކުމެވަޑައިގެން بيت إيليا އަށް ވަޑައިގެންނެވުމަށް އަމުރުކުރެއްވިއެވެ. ދެން ޔޫސުފުއް ނައްޖާރު، މަރްޔަމުގެފާނާއި، عيسى عليه السّلام ޙިމާރަކަށް ސަވާރު ކުރައްވައިގެން بيت إيليا އަށް ވަޑައިގަތެވެ. އެތަނުގައި އެކަލޭގެފާނު ހުންނަވަނިކޮށް އަރަހުށި މާތްﷲ  އެކަލޭގެފާނަށް ތައުރާތާއި އިންޖީލު އުނގައްނަވައި ދެއްވިއެވެ. މަރުވެފައިވާ ތެކެތި ދިރުއްވާނެ ގޮތާއި، ބަލިމީހުންނަށް ޝިފާދެއްވާނެ ގޮތާއި، ޣައިބުގެ ބައެއް ޚަބަރުތަކާއި، ގޭގައި މީސްތަކުން ފޮރުވައިފައި ހުންނަތެކެތީގެ ޢިލްމު ދެއްވެވިއެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 471}

 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން