ބޭސްފަރުވާކުރަން ސަލާންޖެހުމުން އަތުގަ އެންމެ ރުފިޔާއެއް އޮތްނަމަވެސް ނުދީ ދޫކޮށްލައިފިނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ބޭސްފަރުވާކުރަން ސަލާންޖެހުމުން އަތުގަ އެންމެ ރުފިޔާއެއް އޮތްނަމަވެސް ނުދީ ދޫކޮށްލައިފިނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް!

ވަރަށް ގިނަ ހާލަތްތަކުގައި ބަލިހާލުގައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދަން ސަލާންޖެހުން ދަނީ އިތުރުވަމުންނެވެ. އެގޮތަށް ސަލާން ޖަހަން އެ ޖެހެނީ ފައިސާ ހޯދޭނެ އިތުރު ގޮތެއް ނެތުމުންނެވެ. ވީމާ އެފަދަ ހާލަތްތަކުގައި އަތުގައި އޮތީ ވަކިލާރިއެއް ނަމަވެސް ދޭންވާނެއެވެ. ތަނަވަސްކަން ހުރިނަމަ ދޭންވީ ވީހައި ގިނައިންނެވެ.

ފުރާނައެއް ސަލާމަތް ކުރަން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވެ އެހީތެރިވާންޖެހޭ ސަބަބަކީ އެންމެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވުމަކީވެސް މުޅި އިންސާނިއްޔަތު ސަލާމަތް ކުރުން ފަދަ ކަމެއްކަން ކީރިތި ޤްރްއާނުން އެނގެން އޮތުމުންނެވެ.

"—އަދި އެ ނަފްސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ. ( އަލްމާއިދަތު ސޫރަތުގެ 32ވަނަ އާޔަތް)" މިއާޔަތުގައި ބަޔާން ވެގެން އެވަނީ ޤަޞްދުގައި ޤަޞްދުގައި މީހުން ނުމެރުމުގެ ވާހަކައެއް ނޫނެވެ. ބަލި ހާލުގައި ހުރި މީހަކު އެބަލިން ސަލާމަތްވުމަށް އެހީތެރިވުމަކީވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރަން އެހީތެރިވުމެވެ.

ތަނަވަސްކަން ލިބިގެންވާ މީހަކު އެމީހާގެ ބޭނުން އެކުގައި ފުއްދައިދީފިނަމަ އެކޮށްދެވުނީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. އެކަމަށް ހޭދަކުރި ފައިސާ އާޚިރަތް ދުވަހުން އަނބުރައި ލިބޭނީ ހީވެސް ނުކުރެވޭހައި މިންވަރަށް އިތުރުވެގެންނެވެ. ﷲ ތައާލާ އިރާދަކުރެެއްވެވި ވަރަކަށް ގުނަވެގެންނެވެ.

ހަމަ އެއާއެކު ތަނަވަސް ކަމެއް ނެތް މީހާ ހޭދަކުރި އެންމެ ރުފިޔާއަކީ އަދި މާ އަގުބޮޑު ރުފިޔާއެކެވެ. ތަނަވަސްކަން ނެތް އިރު، އޭނާގެ އަމިއްލަ އެދުންތައް ޤްރްބާން ކުރުމަށްފަހު ހޭދަކުރާ ކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރި ހޭދައަކަށް ވާނެއެވެ.

އެހީއަށް އެދި ދިއުމުން ދިއްކޮށްލާ މިންވަރު ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. އަދި އެމީހެއްގެ ކިބައިގައި ހުރި މާލީ ތަނަވަސްކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެހީއެއް ވެދޭއިރު ވިސްނަންވީ އެކަމަށެވެ. މިވަގުތު ދެވެން އޮތްވަރުކަމަށް ބުނާއިރު ދެވެން އޮތްވަރު ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ހަނދާންކުރަންވާނެއެވެ!

އެހީއަށް ހޭދަކުރާނެ ފައިސާ އަތުގައި ނެތްނަމަ އެހީ ބޭނުންވާ މީހާއަށް އެހީ ލިބުމަށް މަގުފަހިވާނެ މަސައްކަތެއް ކޮށްދިނުމަކީވެސް ހަމަ އެހީތެރިވެދިނުމެވެ. އެއީވެސް ހަަމ އެމީހާގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވުމެވެ. ވީމާ ފުރާނައެއް ސަލާމަތް ކުރުމުގައި ވެވެން އޮތް މިނަވަރަކުން އެހީތެރިވެ ބައިވެރިވުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރުން ވަރަށް މުހިންމު އަދި ދެ ދުނިޔޭގައިވެސް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ.

ދެން އޮތީ ސަލާންޖެހުމުގައި މަކަރުހަދާމީހުންގެ މައްސަލައެވެ. މިހާރަކަށް އައިސް ބޭސްފަރުވާކުރުމުގެ ނަމުގައި މަކަރުން ފައިސާހޯދާމީހުންވެސް އުޅެއެވެ. އެހެންކަމުން ގިނަ އަދަދުން ފައިސާދޭނަމަ އެއީ ހަމަ ޙަޤީޤަތުގައިވެސް ބޭސްފަރުވާ ނުކުރެވިގެން އުޅޭ މީހެއްކަން ބަލަންވާނެއެވެ. އެންމެ ޒިންމާދާރުގޮތަކީ ޙަޤީޤަތް ބަލާފައި ފައިސާދިނުމެވެ. އަދި ސީދާ ބަލިމީހާގެ އަތަސް ފައިސާ ނުދެވޭނަމަ ފައިސާ މިދެވެނީ ކާކަށްކަންވެސް ބަލަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން