ތިބާއަކީ މުއްމިނެއް ހެއްޔެވެ؟ ނިކަން ޗެކްކޮށްލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ތިބާއަކީ މުއްމިނެއް ހެއްޔެވެ؟ ނިކަން ޗެކްކޮށްލަބަލާށެވެ!

އަހަރެމެން މި އުންމީދުކުރަނީ އަހަރެމެންނަކީ މުއްމިނުން ކަމުގައިވުމަށެވެ. އެހެންކަމުން މި 3 އާޔަތަށް ވިސްނައިލަމާހެއްޔެވެ؟  

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާ މީހުން ކަމުގައެވެ." (އަލް އަންފާލް: 2)

الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ

"އެއުރެންނީ، ނަމާދު ޤާއިމް ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ." (އަލް އަންފާލް: 3)

أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ

"ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތު ގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެއުރެންނަށް ހުށްޓެވެ." 

(އަލް އަންފާލް: 4)

އަހުރެމެންނަކީ ނަމާދުކުރާ އަދި ޞަދަޤާތްވެސްދޭ ބައެކެވެ. ނަމަވެސް ކުރިމަތިވަމުން އަންނަ އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ފުރަތަމަ އާޔަތުގައި ބަޔާންކުރައްވަވާފައިވާ ދެ ކަންތަކެވެ. 

"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ."

އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ﷲ ތަޢާލާގެމަތިން ހަނދުމަވުމުން ބިރުވެތިވެވޭހެއްޔެވެ؟ އަދި ޤުރްއާނުގެ އާޔަތްތަކުގެ އަޑު އިވުމުން އީމާންކަން އިތުރުވޭހެއްޔެވެ؟ 

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާ މީހުން ކަމުގައެވެ." ސުވާލަކީ ކަންކަން ދިމާވުމުން ފުރިހަމަ ގޮތުގައި ވަކީލްކުރެވޭހެއްޔެވެ؟ ތެޅިފޮޅިނުގަނެ މަޑުން ހުރެވޭ ހެއްޔެވެ؟ މިއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަންކަން ކަމާއި ހެޔޮރަޙްމަތް މިންވަރުކުރައްވަވާނެކަމަށް އިތުބާރުކުރެވޭހެއްޔެވެ؟"

މިކަންކަމަކީ ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެވެ. ފުރިހަމަ މުއްމިނަކަށްވުމަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެވެ. މިއާޔަތްތަކުގައިވާފަދަ މުއްމިނަކަށްވެވޭނީއެއިރުންނެވެ. އަދި މުއްމިނުންނަށް ދެއްވަވާނެ ކަމަށް ބަޔާންކުރައްވަވާފައިވާ މިޢްމަތްތައް ލިބޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން