އިންސާނުންނަށް ޝައިޠޯނާގެ ޢަދާވަތްތެރިކަން 3: ޝައިޠޯނާގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟ 2

ކިޔުމަށް ހޭދަވާނީ 5މ 15ސ
އިންސާނުންނަށް ޝައިޠޯނާގެ ޢަދާވަތްތެރިކަން 3: ޝައިޠޯނާގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟ 2

عظمت جـميل

شَيْطان ގެ ކިބައިން ސަލާމަތްވާނީ ކިހިނެތް؟

3 ކީރިތި قُرْآن ގިނައިން ކިޔެވުން؛ ކީރިތި ޤުރްއާން ގިނައިން ކިޔެވުމާއި، އަދި އެއާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ކިޔެވުމުން ޝައިޠޯނާ ދުރުކޮށްދެއްވާނެ ކަމަށް ވާރިދުވެފައިވާ ބައިތަކަށް ސަމާލުކަންދީގެން  ކިޔެވުމެވެ. އޭގެ ތެރޭގައި سُورةُ الْبَقَرَة، ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް، آيَةُ الْكُرْسِيّ، سُورة الإِخْلاَصِ، سُورة الْفَلَق، سُورةُ النَّاس ހިމެނެއެވެ. ހެދުނާއި ހަވީރުގެ ޒިކުރުތަކާއި ނިދާހިނދު ކިޔާ ޒިކުރުތަކަށް ރައްކައުތެރިވާ މީހާ އެވަނީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިވުމަށް މުހިއްމު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

4 ޢަމަލާއި ބަހުގައި އިޚްލާޞްތެރިވެ ﷲ ގެ ޙަޟްރަތުން ވާތްގަށް އެދުން؛ ﴿قَالَ رَبِّ بـِمَا أَغْوَيْتَنِي لأُزَيِّنَنَّ لَهُمْ فِي الأَرْضِ وَلأُغْوِيَنَّهُمْ أَجْمَعِينَ. إِلاَّ عِبَادَكَ مِنْهُمُ الْمُخْلَصِينَ﴾ (الـحجر 39-40) "އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ إِخْلاص ތެރިން މެނުވީއެވެ." އިޚްލާޞްތެރިންގެ މައްޗަށް ޝައިޠޯނާއަށް ބާރު ނުފޯރުވޭނެކަމަށް ޚުދު ޝައިޠޯނާވެސް މިވަނީ އިޢްޠިރާފު ވެފައެވެ. 

5 ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމާއި، އަމުރުތަކާއި ނަހީތަކުގައި ﷲ އަށާއި އެކަލާނގެ ނަބިއްޔާ  އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން؛ ޒިކުރުގެ ކުރެވޭ ހާލަތްތަކާއި އަދި އަޅާ ﷲ އަށް ސަޖިދަ ކުރާ ވަގުތަކީ ޝައިޠޯނާ އެއްފަރާތްވާ ވަގުތުތަކެކެވެ. "إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ‏"‏ (مسلم، كتاب الإيـمان) " އެ "އާދަމުގެ ދަރިޔާ ޤުރްއާން ކިޔަވަމުން އައިސް ސަޖިދައެއް ކިޔުމަށްފަހު ސަޖިދަކޮށްފި ނަމަ، ޝައިޠޯނާ ރޮމުން އެއްފަރާތްވެއެވެ. އަދި ބުނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެ! އާދަމުގެ ދަރިޔާއަށް ސަޖިދަކުރުމަށް އަމުރު ވެވުނު ހިނދު ސަޖިދަކޮށްފިއެވެ. ފަހެ އޭނާއަށް ހުރީ ސުވަރުގެއެވެ. ސަޖިދަކުރުމަށް ތިމަންނައަށް އަމުރުކުރެވުނުހިނދު ތިމަންނަ އެކަމަށް ނުކިޔަމަންތެރިވީމެވެ. ފަހެ ތިމަންނައަށް ހުރީ ނަރަކައެވެ."

6 ބިދުޢަތަކާއި ދުރުހެލިވުން؛ ދީނުގައި ނުހިމެނޭ ކަންކަން އެއީ ދީނުގެ ކަމެއްކަމުގައި ދެކި އެއަށް ޢަމަލުކުރުން ހިމެނިގެންދާނީ ޝައިޠޯނާ ނުހަނު ބޭނުންވާނެ ކަމެއްކަމުގައެވެ. އެހެނީ އެކަމުގެ ސަބަބުން އެދެވެނީ ދީނުގައި އަންގަވާފައިވާ މަންހަޖާ ދުރަށެވެ. ބިދުޢަތަކާއި ދުރަށް ދެވޭނީ ދީނުގައި އެކަންކަން އޮތްގޮތް ހޯދުމަށް ޢިލްމު އުގެނިގެންނެވެ. 

7    "..وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُـحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ‏" (أبو دود، كتاب السنة، باب في لزوم السنة)  "ދީނުގައި އަލަށް އުފައްދާ ކަންކަމާއި މެދު ޚަބަރުދާރުވާށެވެ. ފަހެ، ދީނުގައި އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."

- عظمت جـميل

މިއަދު އޮންލައިން