"އަޅުގަނޑުގެ ބެސްޓް ފްރެންޑް ކައިވެނިކޮށްފިއެވެ. މާޝާ ﷲ! މިހާރު އުޅެނީ ކައިވެނީގެ ހަފްލާ ބާއްވަންވެގެންނެވެ. ހަފްލާގައި ވަދެތިބޭނެ ގިޑިގެއެއްގެ ރީތި ޑިޒައިނެއް ހޯދަނީއެވެ. ނިކަން ވިދާޅުވެބައްލަވާށެވެ. އެއީ ކުރުން ހުއްދަ ކަމެއްތޯއެވެ؟"
ކައިވެނީގެ ހަފްލާތަކަށް ހެދުންލުމާއި އަދި ހަފްލާތައް ބޭއްވުމުގައި އެންމެ ރަނގަޅު ގޮތާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އަދި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހަދައި ދެމަފިރިން ގިޑިގެއަށް ވަދެތިބުމާއި ބެހޭ ގޮތުން ސުވާލުކުރެއެވެ.
އެންމެ ގާތް އެކުވެރިޔާއަށް މިލިޔުން ފޯރުކޮށްދެއްވާށެވެ. ހެޔޮ މަގު ވިސްނި ރަނގަޅުގޮތް އިޚްތިޔާރުކުރޭތޯ ދުޢާކުރާށެވެ!
"ކައިވެނީގެ ހަފްލާއަކަށް ނަމަވެސް އަންހެނުންނަށް ހެދުން ދިގު ކުރެވޭނީ އެންމެ ދިގުވެގެން މުށެއްގެ މިންވަރަކަށެވެ. އެއީ އެކަނބަލުންނަށް ލިބިގެންވާ ޚާއްޞަ ހުއްދައެކެވެ. ވީމާ މުޅިތަނުގައި ފެތުރޭ ވަރަށް، އެހެން މީހުންނަށް ހެދުމުގެ ބައެއް އުފުލަން ޖެހޭ ވަރަށް ހެދުން ދިގުކުރުމެއް ނެތެވެ. އެއިރުން އެވަނީ ހުއްދަ ކުރެއްވެވި އިމުން ބޭރުވެފައެވެ.
ހެދުން ދިގުކޮށް ބިންމަތީގައި ފަތުރައި އަދި އެހެން މީހުން ލައްވައި ހެދުން އުފުލުވުމަކީ ޔަހޫދީންނާއި ކްރިސްޓިއަނުންގެ ޢާދައެވެ. އަންހެން ބޭކަނބަލުންގެ ހެދުންކޮޅު ދިގުކޮށް ބިންމަތީގައި ފަތުރައި ދެމުން ކަމަށް ޢިލްމުވެރިން މާން ކުރައްވަވަނީ މުސްލިމުންނަށް ހުއްދަވެގެންވާ އިމުން ބޭރުވުމަށެވެ. (މުށަކަށްވުރެ ދިގު ކުރުމަށެވެ.) މި އިމުން ބޭރުވުން ހުއްދައެއް ނޫނެވެ.
އަދި ކައިވެނީގެ ހަފްލާތަކުގައި ގިޑިގެ ހަދައިގެން ވަދެތިބުމާއި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހެދުމަކީވެސް ކާފަރުންގެ ޘަޤާފަތެކެވެ. އެފަދަ ކަންކަން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ. އެފަދަ ކަންކަން ވާނީ އެހެން ދީންތަކުގެ މީހުންނާއި އެއްގޮތްވާން ކުރެވޭ ކަންކަމަށެވެ. އެގޮތަށް އެއްވެސް ކަމެއް ކުރުން ރަސޫލް (ޞޢވ) ވަނީ މަނާކުރައްވަވާފައެވެ. އަދި އެގޮތަށް ކަންކަން ކުރުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ."
މިއީ ކައިވެނީގެ ހެދުން ދިގުކުރުމާއި ބެހޭ ގޮތުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ބައެއް ބޭފުޅުން އިތުރު ތަފްޞީލަށް އެދުމުން ޝައިޚް ޢަލީ ޒައިދު ދެއްވި ޖަވާބެވެ.
މިކަންކަމުގެ ޙުކުމްތައް ނުއެނގޭތީ ނަމަވެސް ކައިވެނީގެ ބައެއް ހަފްލާތަކުގައި ހެދުމަށްވުރެ ބޮޑު ބައެއް ފަހަތަށް ދިގުކޮށް އެހެން މީހުން ލައްވައި އުފުލުވައިގެން ހިނގާތަނާއި ބޮޑު ސަރަހައްދެއްގައި ފަތުރާފައި ބާއްވާތަން ރާއްޖޭގައި ވެސް މިހާރު ދަނީ ފެންނަމުންނެވެ. އަދި ގިޑިގެ ހެދުން ވެސް މިހާރު ދަނީ ޢާންމުވަމުންނެވެ.
ކައިވެނި ކުރެވެނީ ދެކަނބަލުންގެ ހަޔާތް ބާއްޖަވެރިކޮށްދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރުމާއިއެކުގައެވެ. ކައިވެނީގެ ޚުޠުބާގައި ކުރެވޭ މި ދުޢާއަކީ ވަރަށް މުހިންމު ދުޢާއެކެވެ. ދުޢާއަށްފަހު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ހަޔާތުގެ ފުރަތަމަ މަންޒިލުވެސް ފަށައިގަތުމުން މިކުރެވޭ ކަމަކާއިމެދު ވިސްނަިލުން ވަރަށް ރަނގަޅުވާނެއެވެ.