ނަމާދު ހަލާކުކުރަން އިބިލީސް ޖަހާ އެންމެ ނުބައި އެއް މަޅި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ނަމާދު ހަލާކުކުރަން އިބިލީސް ޖަހާ އެންމެ ނުބައި އެއް މަޅި-

އިބިލީހުގެ އެންމެ ބޮޑުބޭނުމަކަށްވާނީ ނަމާދު ހަލާކުކޮށްލުވުމެވެ. ނަމާދު ހަލާކުކޮށްލުން ކަމަށް މިމާނަކުރަނީ މީހާގެ ވިސްނުން ނަމާދާއި ދުރަށް ގެންގޮސް ނަމާދާއިމެދު ޣާފިލުކުރުމެވެ. 

ނަމާދުކުރިނަމަވެސް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރާނަމަ އެމީހަކަށް އެކަމުން ކުރާނެ ފައިދާއެއްނެތެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރާ ނަމާދެވެ. ތިމާއަށް ހުއްޓި މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ޤަބޫލުކޮށް އެކަން ހިތްމައްޗަށް ގެނެސް ޚުޝޫޢަތްތެރިކަމާއިއެކުގައި ކުރާ ނަމާދެވެ. ވީމާ ނަމާދަކީ އެއްވެސް ފައިދާއެއް ނުކުރާނެ ބާޠިލް ޢަމަލަކަށް ހަދަން ޝައިޠޯނާ ބޭނުންވާނެ މިންވަރު ނިކަން ހތްމައްޗަށް ގެނެސް ބިރުވެތިވެބަލާށެވެ. 

ނަމާދުކުރަން ހަމަ ފެށުމާއިއެކު އިބިލީސް އައިސް ވަސްވާސް ދޭން ފަށާކަން އެންމެންނަށްވެސް އެނގޭނެއެވެ. މިގޮތުން ނަމާދު ހަލާކުކޮށްލަން ކުރާ މަސައްކަތްތަކުގެ ތެރެއިން އިބިލީސް ކުރާ އެއްކަމަކީ އޭނާގެ ނުބައިކަން ބުނެދިނުމެވެ. އިބިލީހަކީ ނުބައި ނުލަފާ ޝައިޠާނެއް ކަމާއި އިބިލީސް ދައްކާ ވާހަކަ ޤަބޫލުކުރަން ނުވާނެކަން ބުނެދިނުމެވެ. 

މީސްތަކުންނޭވެ! މިއީ އިބިލީސް ޖަހާ ވަރަށް ވަރުގަދަ މަޅިއެކެވެ. އެހެނީ ނަމާދަށް ހުންނައިރު ވިސްނަން ޖެހޭނީ އިބިލީހާއި މެދަކު ނޫނެވެ. ނަމާދާއި މެދުގައެވެ. ނަމާދުގައި ކިޔާ ތަކެއްޗާއިމެދުގައެވެ. މިހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމާއިމެދުގައެވެ. ބިރުވެތިވެ ޚުޝޫޢަތްތެރިވާންވީ ﷲ ތަޢާލާ އަށެވެ. 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އިބިލީހުގެ ނުބައިކަން ފަދަ ކަންކަމާއިމެދު ވިސްނުމުން އެކުރެވެނީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ރަނގަޅެވެ. އިބިލީހުގެ ނުބައި ނުލަފާ ކަމާއި މަކަރުވެރިކަމާއި އަދި އިބިލީހަކީ އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނު ކަމާއިމެދު ވިސްނުން އެއީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ނަމާދުގައި ހުންނަ ވަގުތަކު ނޫނެވެ. އެކަން ކުރަންވީ ނަމާދުން ބޭރުގައެވެ. ނަމާދަށް ހުރެ ވިސްނަން ޖެހޭނީ ނަމާދާއިމެދުގައެވެ. 

އިބިލީހުގެ ނުބައިކަމާއިމެދު ވިސްނަން ފަށައިފިނަމަ ވިސްނުން ނަމާދުން ބޭރުކޮށްލާނެއެވެ. އިބިލީހުގެ ނުބައިކަމުން ތިމާއަށް ކުރެވިފައި ހުންނަ ފާފަތަކާއި ދިމާއަށްވެސް ވިސްނުން ގެންދުވާނެއެވެ. އެހިސާބަށް ކަންކަންދާއިރު ނަމާދުގައި ކިޔޭ ތަކެއްޗާއިމެދު ހުންނަނީ މުޅިންހެން ދުރުވެވިފައެވެ. ވާނުވާ ވެސް ނުއެނގޭ ހިސާބަށް ކަންކަން ގޮސްފައެވެ. 

ނަމާދަށް ފެށުމުގެ ކުރިން އިބިލީހުގެ ވަސްވާސްތަކުން ދުރުހެލިކޮށް ދެއްވަވާތޯ ދުޢާކުރާށެވެ! އަޢޫޛް ކިޔާށެވެ! ނަމާދަށް ހަރަމް ބަނުމާއިއެކު ނަމާދަށް ނޫނީ ނުވިސްނާށެވެ! ނަމާދު ނަމާދަކަށް ވާނީ ފުރިހަމައަށް ނަމާދުކުރެވިގެންނެވެ. ނަމާދުގައި ޣާފިލުވާ މީހުންނަށް ﷲ ތަޢަލާ ލައްނަތް ލައްވަވާނެތެވެ. ވީމާ ނަމާދުގައި ޣާފިލު ނުވުމަށް، އެހެން ކަންކަމާއިމެދު ނުވިސްނުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ. 

ނަމާދުގެ 4 ރަކްޢަތް ކުރާއިރު ކޮންމެ ރަކްޢަތެއްގައި ހުރެގެން އޭނާގެ 4 ފިހާރައިން ކުރެ އެއް ފިހާރައިގެ ހިސާބުތައް ހަދާ މީހާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާއަށް 4 ރަކްޢަތް ކުރެވުނުކަން ޔަޤީންވަނީ ނަމާދުގައި 4 ފިހާރައިގެ ހިސާބުތައް ހެދިއްޖެނަމައެވެ. މަސައްކަތް ކުރަންވީ އެފަދަ މީހަކު ކަމުގައި ނުވުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން