ޝައިޠޯނާ ތިބާގެ ހިތާ ސިކުނޑީގަ ޙާލިހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެމީހާގެ ކިބައިން ފެންނާނެ ނުބައި 3 ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝައިޠޯނާ ތިބާގެ ހިތާ ސިކުނޑީގަ ޙާލިހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެމީހާގެ ކިބައިން ފެންނާނެ ނުބައި 3 ސިފަ-

މީހުންނާއިއެކު އެމީހާ މަގުފުރައްދާނެ ޝައިޠޯނުން ލައްވަވަނީ އެމީހާގެ ޢަމަލުތައް ނުބައިވުމުންނެވެ. ރަނގަޅު އެކުވެރިން ދޫކޮށް ޝައިޠޯނާ އާއިއެކުގައި އުޅޭ މީހުންނާއި އެކުގައި އުޅޭތީއެވެ. ޝައިޠޯނާގެ މަގުން ކުރިއަށްދާތީއެވެ. 

އެއިގެ ބަދަލުގައި އެމީހާ ހެޔޮ ޢަމަލުތައްކޮށް، ރަނގަޅު ތަޤްވާވެރި މީހުންނާއި ގުޅި އެކުވެރިވެގެން އުޅޭނަމަ އެމީހަކަށް މަގުދައްކާނޭ މަލާއިކަތުން ލައްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް އެމީހާގެ މައްޗަށް އެއްވެސް ބާރެއް ނުދެއްކޭނެއެވެ. 

ބައެއް މީހުން، ނުބައިބަސްތައް ބުނުމާއި ނުބައި ޢަމަލުތައް ކުރުމާއި އަދި އިންތިހާއަށް ރުޅިގަދަވެގެން ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭ ޙާލުގައި އުޅޭތަން ފެންނާނެއެވެ. އެފަދަ މީހުންގެ ޢަމަލުތައް ދިރާސާކުރާށެވެ. އެމީހުން ވާނީ ނުބައި ޢަމަލުތައް ކުރުމުގައި ހައްދުފަހަނައަޅައިފައެވެ. އެކުވެރިންގެ ގޮތުގައި ތިބޭނީ ނުބައި ޢަމަލުތައްކުރާ މީހުންނެވެ. 

އެހާލަތުގައި ހުންނަ މީހާ އެވަނީ އޭނާ އާއިއެކުގައިވާ ޝައިޠޯނާގެ ކަސްތޮޅުގައެވެ. އެއިރުން އޭނާއަށް ކުރެވޭނީ ޝައިޠޯނާ ބުނާކަންކަމެވެ. އެއިރު އޭނާގެ ހިތާއި ސިކުނޑީގައި ހާލިހަދައިގެން ޝައިޠޯނާ އިންނާނެއެވެ. 

ވީމާ އަހަރެމެންނަށް އޮތީ އެޙާލަތަށް ދއުމުގެ ކުރިން ވިސްނައި އެޙާލަތުން ސަލާމަތްވުމެވެ. އެކަންކަން ޙާޞިލުކުރެވޭނީ ހެޔޮޢަމަލުކުރުންމަތީގައި ދެމިހުރެގެންނެވެ. ރަނގަޅު އެކުވެރިންނާއިއެކުގައި އުޅެގެންނެވެ. 

ޝައިޠޯނާ ތިބާގެ ހިތާ ސިކުނޑީގަ ޙާލިހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެމީހާގެ ކިބައިން ކިބައިން ފެންނާނެ ނުބައި 3 ސިފަ އަކީ 1 ދުލުން ނުބައިބަސްތައް ބުނެވުން، 2 ނުައި ޢަމަލުތައް ކުރެވުން 3 ރުޅި ކޮންޓްރޯލް ނުކުރެވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން